ޚަބަރު

ދަރަވަންދޫގައި ފުލެޓް އަޅައިދިނުމަށް ރައީސްގެ އަރިހުން އެދިއްޖެ

މުހައްމަދު އިޝާން

ބ. ދަރަވަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެރަށުގައި ފުލެޓް އަޅައިދިނުމަށް އެރަށު ކައުންސިލުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން އެދިއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ދަރަވަންދޫ ކައުންސިލްގެ ފަރާތުން ވަނީ އެރަށަށް ބޭނުންވާ ކަންކަން ރައީސާ ހިއްސާކޮށްފައެވެ. އެގޮތުން އެރަށުގެ ބަނދަރާއި އެއާޕޯޓާ ދެމެދުގައިވާ ސަރަހައްދުގައި ރިވެޓްމެންޓް ނުޖެހި އޮތުމުގެ މައްސަލަ އާއި ސްކޫލްގެ ޖާގައިގެ ދަތިކަމުގެ އިތުރުން ޒަމާނީ މިސްކިތަކާއި ޒުވާނުންގެ މަރުކަޒެއްގެ ބޭނުން ޖެހިފައިވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ފްލެޓް އަޅަން ބޭނުންވާ ކަމަށާއި ރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަށް ބޭނުންވާ ކަމަށް ކައުންސިލުން ރައީސްގެ އަރިހުގައި އެދިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެރަށު ކައުންސިލް މެމްބަރުން ވަނީ ވަރަށް ބޮޑަށް ރައީސަށް ތައުރީފްކުރައްވައިފައެވެ. އެގޮތުން ރައީސް ސޯލިހުގެ ސަރުކާރުން އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި އަދި ސިޔާސީ ފިކުރަށް ބެލުމެއްނެތި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށެވެ.

ކުދި ރަށްތަކާއި ބޮޑެތި ރަށްތަތަކުގެ މެދުގައި ތަފާތުކުރުމެއް ނެތި މަޝްރޫއުތައް ހިންގާތީ ރައީސް ސޯލިހުގެ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ދަރަވަންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށް ހައްލު ހޯއްދައިދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ މަޝްރޫއުތައް ފާހަގަކުރައްވާނެ ކަމަށެވެ.