ސިފައިންނާއި ފުލުހުންގެ ހިދުމަތް ވަކިކޮށް، ފުލުހުންނަކީ ވަކި މުއައްސަސާއެއްގެ ގޮތުގައި ތައާރަފުކުރިތާ މިއަދަށް 18 އަހަރު ފުރުނު އިރު، އޭރު ރާއްޖޭގައި ހުރި ކުށްކުރުމުގެ މައްސަލަތަކަށް އަދިވެސް ހައްލެއް ނުލިބި އިތުރަށް ގޯސްވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހިދުމަތުގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި "މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާ"ގައި ހަމީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި 21 ވަނަ ގަރުނަށް ފެތޭ، ތަހުޒީބު ފުލުހުންގެ ހިދުމަތަކަށް އެ މުއައްސަސާ ފައްކާވަމުން އަންނަ ކަމަށެވެ.
"އަދިވެސް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، މީގެ 18 އަހަރު ކުރިން ފުލުހުންގެ ހިދުމަތް ގާއިމުކުރި އިރު ހުރި ކުށްތަކާއި އެނޫން ކަންކަމަށް އިތުރު ހައްލެއް ނުލިބި، އެއް ދުވަހުން އަނެއް ދުވަހަށް ވަނީ ގޯސްވެފައި،" 18 އަހަރު ކުރިން ހުރި ކުށްތައް މިހާރު އިތުރަށް ގޯސްވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައި ހަމީދު ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާ މެދު މީގެ 18 އަހަރު ކުރިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަދިވެސް އެގޮތުގައި އެބަހުއްޓެވެ.
މުޖުތަމައުގައި ޒަމާންތަކެއް ވަންދެން ފުނިޖެހިފައި ހުރި ކަންކަމާ މެދު ފުލުހުން ފިޔަވަޅު އަޅަމުން އަންނަ ގޮތާ މެދު ރައްޔިތުންގެ ކަންބޮޑުވުން އޮންނަކަމަށް ހަމީދު ވިދާޅުވިއެެވެ. އަދި އެ ކަންބޮޑުވުންތަކެއް ހައްލެއް ހޯދުމަށް ފުލުހުން މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
ހަމީދު އިތުރަށް ވިދާޅުވީ، ފުލުހުންގެ ހިދުމަތަށް އައި ބަދަލާއެކު، ރައްޔިތުން ފުލުހުންނާ މެދު ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށާއި ފުލުހުންނާ މެދު ރައްޔިތުން ކުރާ އިތުބާރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު