ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އާއި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށެވެ.

އާރަށު މައްސަލައިގައި މިދިޔަ މަހުގެ 30 ވަނަ ދުވަހަށްވެސް އަޑުއެހުމެއް ބާއްވަން ނިންމިއެވެ. ނަމަވެސް އެ މައްސަލަ ބައްލަަވާ އިސް ގާޒީ އަހުމަދު ސަކީލް ޗުއްޓީގައި ހުންނެވުމުން އެ އަޑުއެހުން ތާވަލުކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަމާން މުހައްމަދު "ވަން" އަށް ވިދާޅުވި ގޮތުގައި ގާޒީ ޝަކީލް ޗުއްޓީއަށް ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހުއެވެ. ނަމަވެސް ގާޒީ ޝަކީލް އެނބުރި ވަޒީފާއަށް ނުކުންނަވާނެ ދުވަހެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ޔާމީންގެ އަޑުއެހުމެއް އެންމެ އަވަހަށްވެސް ދެން ތާވަލުކުރާނީ މިމަހުގެ 13 ވަނަ ދުވަހުގެ ފަހުން ކަމަށް ވިދާޅުވިއެވެ.

ޔާމީންގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވާ އިރު، ގާޒީ ޝަކީލް އަދިވެސް ހުންނެވީ ޗުއްޓީގައިކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބަހެއް ހޯދުމަށް އަމާންއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އެ ކޯޓުގެ ބަހެއް ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް އެ މައްސަލައިގައި ގާޒީ ބަދަލުކޮށްފައި ނުވާކަން އެނގިފައިވެއެވެ.

އާރަށު މައްސަލައިގައި މިހާރު ކުރިއަށްގެންދަނީ ދައުލަތުގެ ހެކިވެރީންގެ ހެކިބަސް ނެގުމެވެ. އެގޮތުން އެ މައްސަލައިގައި ދެން އޮންނާނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތުގެ ހެކިބަސް ނެގުމެވެ.

ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް، ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުންކުރައްވައިގެން ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރުސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރު 2015ގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރު 2015ގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރު 2015ގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން ފައިސާތަކަކާ އެއްކުރައްވައިގެން ޔާމީން މަނީ ލޯންޑާކުރައްވާފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.