އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ލިވަޕޫލް ނިއުކާސަލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުން ލިވަޕޫލް މޮޅުވި ގޯލު، މެޗުގެ ފަހު ސިކުންތުގައި ޖަހައިދިނީ ބަދަލަށް ކުޅެން ނުކުތް ޒުވާން ފޯވަޑް ފަބިއޯ ކަވާލިއޯއެވެ. އުމުރުން އެންމެ 20 އަހަރުގެ ކަވާލިއޯއަށް ރޭގެ ގޯލު ހާއްސައެވެ. މިދިޔަ ސީޒަނުގައި ފުލްހަމްއަށް ދެވަނަ ޑިވިޝަނުގައި ކުޅުނު ފޯވަޑްގެ އެ ގޯލާއެކު މުޅި އެންފީލްޑް ގުގުމާލިއެވެ. އެ ޖޯޝުގައި ގޮސް އޭނާ އުފާފާޅުކުރީ ކޯޗު ޔާގަން ކްލަޕާވެސް އެކުގައެވެ.

ޖަޒުބާތީ ގޮތަކަށް ލިވަޕޫލަށް ރޭގެ މެޗުން ތިން ޕޮއިންޓް ލިބުނު އިރު، މެޗަށް ނުކުތީ އެންމެ ރަނގަޅު ހާލަތުގައި އޮވެގެންނެއް ނޫނެވެ. ރޭގެ މެޗުގެ ކުރިން ލިވަޕޫލުން ލީގުގައި ކުޅެފައި އޮތް ހަތަރު މެޗުގެ ތެރެއިން ހޯދިފައި އޮތީ އެންމެ މޮޅުކެވެ. އެއީ ސައުތުހެމްޓަން ކައިރީ 9-0 އިން މޮޅުވެ ހޯދި މޮޅެވެ. ލީގަށް ވާދަކުރުމަށް އެޓީމަށް ފޯމު ރަނގަޅު ކުރަން ޖެހިފައި އޮތް އިރު، ރޭގެ މޮޅާއެކު އަނެއްކާވެސް ހިތްވަރެއް ލިބިގެން ދިޔަކަން ކޯޗު ކްލޮޕްވެސް ފާހަގަކުރިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މުއްސަނދި ކްލަބު ނިއުކާސަލްއަށް ލީޑު ނަގައިދިނީ މި ސީޒަނަށް އަލަށް ގެންދިޔަ ފޯވަޑް، ސްވިޑެންގެ އެލެކްސެންޑްރާ އީސާކެވެ. 60 މިލިއަން ޕައުންޑަށް ނިއުކާސަލްއަށް ގެންދިޔަ 22 އަހަރުގެ އީސާކް ފުރަތަމަ ހާފުގައި ތަކުރާރުކޮށް ލިވަޕޫލްގެ ޑިފެންސަށް ނުރައްކާ ކުރަމުން ދިޔަ އިރު، އޭނާ ވަނީ 38 ވަނަ މިނެޓުގައި ގޯލު ޖަހައިފައެވެ. ރޭގެ މެޗަކީ އީސާކް ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ލިވަޕޫލުން ކުރިއަށް ޖެހި ކުޅުން ރަނގަޅު ކުރިއެވެ. އެޓޭކަށް ކުޅުންތެރިން ގިނަކޮށް ކުޅެމުން ގޮސް، މުހައްމަދު ސަލާހު އަރިމަތިން ކަނޑާލި ބޯޅަ ގޯލަށް ވައްދާލައި، 61 ވަނަ މިނެޓުގައި ބޮބީ ފިރްމީނޯ ވަނީ ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ގޯލާއެކު ކުރިއަށް ޖެހި މެޗުގެ ފަހު ވަގުތުގައި ލިވަޕޫލް ޕްރެޝަރު ކުރަމުން ގޮސް މޮޅުވީ ފަހު ސިކުންތު ކަވާލިއޯ، މަތީ ދަނޑީގައި ޖައްސައި، ގޯލަށް ވައްދާލި ބޯޅައިންނެވެ.

"މިއީ ބޮޑު ބޮޑު މޮޅެއް. އަހަރުތަކަށް ދަންދެން މި މޮޅު ހަނދާން ހުންނާނެ. ލިވަޕޫލަށް ރޭގެ މެޗުގެ ފަހުކޮޅަށް ގޮސް ގަބޫލުވެސް ނުކުރެވޭނެ މޮޅެއް ހޯދޭނެކަން. އެކަމަކު އެ ލިބުނު މޮޅާއެކު އަނެއްކާވެސް އުންމީދު އާވެއްޖެ. ގަބޫލުކުރަން ފަސޭހަވެއްޖެ ތަފާތު ދެއްކޭނެކަން. ނުވާނެހެން ހީވާ ކަންކަން ވާނެކަމުގެ އިހުސާސް ޓީމަށް ގެނެވިއްޖެ،" ރޭގެ މެޗަށްފަހު ޔާގަން ކްލޮޕް ބުންޏެވެ.

މިހާތަނަށް ކުޅުނު ފަސް މެޗުން އަށް ޕޮއިންޓް ހޯދައި ލިވަޕޫލް މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. ލީގުގެ ތިންވަނަގައި އޮތް ޓޮޓެންހަމްއިން ރޭ ކުޅުނު މެޗުގައި ވެސްޓް ހަމް ކައިރީ 1-1 އިން އެއްވަރުވި އިރު، ބޯންމައުތާއި ވުލްވްސް އެއްވަރުވީ ގޯލެއް ނުޖެހިއެވެ. އެވަޓަން ވަނީ 1-1 އިން ލީޑްސްއާ އެއްވަރު ކޮށްފައެވެ.