ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ، އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ޖަރުމަނުން ރާއްޖެ ގެނައި ޕެކޭޖުތަކެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ. އެ ޕެކޭޖުތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި އަޅާފައި ހުރި ހަތަރު ޕެކެޓެއް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އޭގެ ތެރެއިން ދެ ޕެކެޓެއްގައި ބަންދުކޮށްފައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެޓަމައިން ކަމަށާއި އެ ދެ ޕެކެޓުގެ ބަރުދަނުގައި 1.087 ކިލޯގްރާމް ހުރި ކަމަށެވެ. އަދި އަނެއް ދެ ޕެކެޓްގައި ހުރީ ކެނަބިސް ކަމަށާއި އެތަކެތީގެ ބަރު ދަނުގައި 587 ގްރާމް ހުރި ކަމަށް ކަސްޓަމުން ބުންޏެވެ.
އެތަކެތީގެ ބަރުދަނުގައި ޖުމްލަ 1.674 ކިލޯގްރާމް ހުރި ކަމަށާއި އެތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމުން ބުނީ އެ މަސްތުވާތަކެތީގެ މައްސަލައިގައި ޝާމިލުވާ މީހާ އާއި ޕެކޭޖުން ފެނުނު މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު