ޗެލްސީ ބަލިކޮށްލުމަކީ މިހާރު ފަސޭހަ ކަމަކަށް ވެއްޖެ ކަމަށާއި، އެކަމަށް ކޮންމެހެންވެސް ހައްލު ހޯދަން ޖެހޭ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

މިހާތަނަށް ޕްރިމިއާ ލީގުގައި ޗެލްސީން ކުޅުނު ފަސް މެޗުގެ ތެރެއިން އެޓީމު ވަނީ ދެމެޗުން ބަލިވެފައެވެ. އެއީ ލީޑްސް ކައިރީ 3-0 އިން ވި ބައްޔާއި ރޭ ސައުތުހެމްޓަން ކައިރީ 2-1 އިން ވި ބައްޔެވެ. ފަސް މެޗުން ދެ ބައްޔަކީ ޗެލްސީގެ މިދިޔަ ސީޒަނުގެ ރެކޯޑާ ބަލާއިރު ވަރަށް ދަށް ފެށުމެކެވެ. މިދިޔަ ސީޒަނުގެ ލީގުގައި ޗެލްސީ ޖުމުލަ ބަލިވެފައި ވަނީވެސް އެންމެ ހަ މެޗުންނެވެ.

ރޭގެ މެޗުގައި ޖުމުލަކޮށް ފެނިގެން ގޮސްފައި ވަނީވެސް ވަރަށް ދަށް ކުޅުމެކެވެ. ޓްރާންސްފާ މާކެޓުގައި ބޮޑެތި ހަރަދުތަކެއްކޮށް، އަދިވެސް އިތުރު ކުޅުންތެރިން ހޯދަން ތައްޔާރުވަމުން އަންނަ ޗެލްސީގެ ފޯމާ ގުޅިގެން މެޗަށްފަހު ޓުޗެލް ބުނީ، ޗެލްސީ ބަލިކުރަން، ޗެލްސީއަށް އޮޅުވާލަން، ޗެލްސީ މާޔޫސްކޮށްލުން އެއީ ފަސޭހަ ކަމަކަށް ވެއްޖެ ކަމަށެވެ.

"ޗެލްސީގެ ފޯކަސް ގެއްލުވާލަން ވަރަށް ބޮޑަށް ފަސޭހަވެއްޖެ. ޗެލްސީ ބަލިކޮށްލަންވެސް ވަރަށް ބޮޑަށް ފަސޭހަވެއްޖެ. ޗެލްސީއަށް އޮޅުވާލަންވެސް ކްލަބުތަކަށް ފަސޭހަ ވެއްޖެ. ލީޑްސް ކައިރީގައިވެސް ޗެލްސީގެ ފޯކަސް ގެއްލިގެން ދިޔައީ ފަސޭހައިން. އެހެންވީމަ އެކަމަށް ހައްލު ހޯދަން މަޖުބޫރުވެއްޖެ،" ރޭގެ މެޗަށްފަހު ޓުޗެލް ބުންޏެވެ.

ޓުޗެލް ބުނީ ޗެލްސީ ކުޅުންތެރިންގެ ފަރާތުން މެޗު ތެރޭގެ ސަމާލުކަން ގެއްލޭ މިންވަރުވެސް ވަރަށް ބޮޑު ކަމަށާއި، ބަލިކޮށްލަން ފަސޭހަ ވަނީ ސަމާލުކަން ގެއްލޭތީ ކަމަށެވެ.

ވަރަށް ބޮޑަށް މާޔޫސްވެފައި ހުރި ޓުޗެލް ބުނީ މެޗުތަކުން ބަލިވާނެކަން ގަބޫލުކުރާ ނަމަވެސް ފަރުވާކުޑަ ގޯސްތައް ފެނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި، ކުޅުމުގެ ފެންވަރު މަތިކޮށް، ވަގުތުން ވަގުތަށް ޓީމުގެ ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

ރޭގެ މެޗަށް ނުކުތް އިރު ޗެލްސީއަށް އަނިޔާގެ މައްސަލަތަކެއްވެސް އޮތެވެ. ޓުޗެލް ވަނީ އެ އަނިޔާގެ މައްސަލަތަކުގެ ވާހަކަވެސް ދައްކާފައެވެ. ރޭގެ މެޗަށްވެސް ޗެލްސީ ނުކުތީ އެޓީމުގެ އެންމެ މުހިއްމު މިޑްފީލްޑަރުން ކަމަށްވާ އެންގޯލޯ ކަންޓޭއާއި ކޮވަސިޗްވެސް ފުރަތަމަ 11 ގައި ނުހިމަނައެވެ. ކަންޓޭ އަދިވެސް އަނިޔާގައި ހުރި އިރު، އަނިޔާއިން ރަނގަޅުވެ ކުޅުމަށް ނުކުންނަން ތައްޔާރުވެފައި ހުރި ކޮވަސިޗް ވަނީ ރޭގެ މެޗުގެ ފަހު ހާފުގައި ކުޅެން ނުކުމެފައެވެ. އޭގެ އިތުރުން ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ރީސް ޖޭމްސްވެސް ކުޅެފައެއް ނުވެއެވެ.