ގިނަ އަދަދެއްގެ މީހުންނާއެކު މާލެއިން ފުރައިގެން ނ.ލަންދުއަށް ދަތުރުކުރި "ލަންދޫ ބޯޓު"ގައި ތިން މިލިއަނެއްހާ ރުފިޔާގެ މުދާ ހުރިކަމަށް ބޯޓުގެ ވެރިފަރާތުން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ލަންދޫ ބޯޓު ކ. ގާފަރު ފަރަށް އެރީ މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުންދަނިކޮށް ދިޔަވެގެން ކަމަށެވެ. އެ ބޯޓު ފަރަށް އަރާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:55 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ލަންދޫ ބޯޓުގެ ވެރިޔާ ޝުއައިބް އަބްދުﷲ "ވަން" އަށް މިއަދު ބުނީ ބޯޓު ފަރަށް އެރި އިރު އެ ބޯޓުގައި ތިން މިލިއަނެއްހާ ރުފިޔާގެ މުދާ ހުންނާނެ ކަމަށެވެ. އެކަމަކު މިއިން އެއްވެސް މުދަލެއް ސަލާމަތް ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
ޝުއައިބް ބުނީ ބޯޓު އަޑިއަށް ދިޔައީ ގާފަރު، ފަރުމައްޗަށް ކަމަށެވެ.
"އަޅުގަނޑުމެންނަކަށް އެއްވެސް މުދަލެއް ސަލާމަތެއް ނުކުރެވޭނެ. ގާފަރު ފަރުމައްޗަށް ބޯޓު އަޑިއަށް މި ދިޔައީ. އެހެންވެ ބެލޫން ބޭނުންކޮށްގެން ބޯޓު މައްޗަށް ނެގޭތޯ މި ބަލަނީ. މުދާތައް ޖެހޭނީ ދޫކޮށްލަން." ގާފަރުގައި ހުރެ ފޯނުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
ގާފަރު ކައުންސިލްގެ މެންބަރު މުހައްމަދު ސަމްއާން "ވަން" އަށް މިއަދު ވިދާޅުވީ، ފަރަށް އެރި ބޯޓުގައި ތިބި މީހުން ގާފަރަށް ގެނެސްފައިވާ ކަމަށާއި އެގޮތުން މިހާތަނަށް 44 މީހުން ގެނެސްފައިވާ ކަމަށެވެ. އެއީ 32 ބިދޭސީންނާއި 12 ދިވެހިން ކަމަށް އޭނާ ވިދާޅުވިއެވެ.
ސަމްއާން ވިދާޅުވީ އެމީހުންގެ ކެއުމާއި ތިބޭނެ ތަނެއް ހަމަޖެއްސުމުގެ މަސައްކަތް ގާފަރު ކައުންސިލާއި އެ ރަށު ޖަމިއްޔާއަކުން ކުރަމުން އަންނަ ކަމަށެވެ. އޮޔާދާ މުދާތައް ނެގުމުގެ މަސައްކަތުގައި އެރަށު ދޯނިފަހަރު ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ގިނަ އަދަދެއްގެ މުދަލާއި ގޭސްފުޅިތަކެއް އޮޔާދާތަން ފެނެއެވެ.