ހަރުކަށި ފިކުރުގެ ތެރެއިން ރާއްޖޭގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ހަރަކާތްތެރިވާނެ ހާއްސަ ފައުޖެއް އުފައްދަން ސަރުކާރަށް ގޮވާލައި މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވައިފިއެވެ.
އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މި މައްސަލަ މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން 48 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ ބަލައިނުގަތުމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
މި ބިލު ހުށަހަޅުއްވަމުން ރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާ އޮތް މިންވަރު ފާހަގަކުރައްވައި ވައްޑޭ ވިދާޅުވީ، މި މަހުގެ 23 ވަނަ ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް ހަމަލާ ދިނީ "މިހިރީ ސަރުކާރުގެ މީހެއް މަރާލަންޖެހޭ" މިފަދައިން ބުނުމަށްފަހު ކަމަށެވެ.
އިސްލާމް ދީނުގެ ނަމުގައި އަނިޔާވެރި އަމަލުތައް ހިންގައި، ހަރުކަށި ހައްދުފަހަނައެޅި ފިކުރަށް ތަބާވެ، އެ ފިކުރުގެ ދިފާއުގައި މީހުން މަރަން ފަސްނުޖެހޭ 1400 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ތިބި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވާ ކަމަށާއި ދީނުގެ ނަމުގައި މީހުންނަށް ހަމަލާދީ މަރައި ހެދުމުގެ ރެކޯޑް އޮތް ކިތަންމެ ބަޔަކު މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލައި ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެ ފަރާތްތަކާ ގުޅުން ހުރި ގޮތުގައި ހަތިޔާރާއި ގޮވާތަކެތި އުފައްދައި، މީހުންނާއި ތަންތަނަށް އަމާޒުކޮށް ހަމަލާދީފައިވުމާއި ދައުލަތުގެ ގާނޫނީ ނިޒާމު ބަލައިނުގަނެ، ދައުލަތް ކުފުރުކޮށް، ދައުލަތުގެ ވަޒީފާތަކުގައި އުޅޭ ބައެއް ފަރާތްތަކަށް ހަމަލާދިނުން ތަކުރާރުވެ، ރާއްޖޭގައި އުޅޭ ބޭރުގެ ފަރާތްތަކާ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ ފަރާތްތަކުގެ އަމާޒަކަށް ވަމުންދާ ކަމަށްވެސް ވައްޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެފަދަ ކަންކަން ހިންގާ ފަރާތްތަކާއި އެފަދަ މީހުންނާ ގުޅުންހުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި މުއައްސަސާތައް ފަހަތުފަޔަށް ބުރަވެފައިވާ ކަމަށެވެ. އެހެންކަމުން ނުރައްކާތެރިކަން ފިލުވާލައި ރައްޔިތުންނާއި މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިފައިންނާއި ފުލުހުން އަދި ސަލާމަތި ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލަވައިލެވޭ ކޮމާންޑެއްގެ ދަށުން ހާއްސަ ފައުޖެއް އުފެއްދުމަށް ވައްޑެ ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
އެފަދަ ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި މިސްކިތްތަކާއި ތައުލީމު ދޭ ތަންތަން އެ ފައުޖުން ބަލަހައްޓަން ފެށުމާއި މީހުންގެ ފުރާނައާއި މުދަލަށާއި ތަންތަނަށް ގެއްލުން ދިނުމާއި ގެއްލުންދީފާނެ ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިވާ ފަރާތްތައް އެކަހެރިކުރުމާއި ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ހިންގުމާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ދީނީ ތައުލީމު ދިނުމާއި ދީނީ ވައުލާއި ނަސޭހަތް ދިނުމުގެ ކަންކަން ކުރިއަށްދަނީ އިސްލާމީ ދުނިޔޭގެ މަޝްހޫރު ގިނަ އިލްމުވެރިން އިއްތިފާގުވާ މެދުމިނުގެ އިންތަކުގެ ތެރޭގައިކަން ކަށަވަރުކުރުމަށްވެސް ގޮވާލާފައިވެއެވެ.