އަން އާދިއްތަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކިޔަވައިދޭންފަށާ، ކާމިލްދީދީ ޕްރައިމަރީ ސްކޫލްގައި ކިޔަވައިދޭން ފަށާނީ 824 ކުދިންނާއެކުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ސްކޫލުތަކަށް ވަނުމަށް ވަރަށް ގިނަ ދަރިވަރުން މިހާރުވެސް އެދެމުން އަންނަ ކަމަށެވެ. އެހެންކަމުން އޮތް ޑިމާންޑާ އެއްވަރަށް ދަރިވަރުންނަށް ޖާގަ ދިނުމަށް މަސައްކަތް ކުރަމުންގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޖެހިންގެ އަންނަ މަހު ޖަމީލުދީދީ ޕްރީ ސްކޫލްވެސް ހުޅުވޭނެ ކަމަށް ވިދާޅުވިއެވެ.

"އާދިއްތަ ދުވަހަކީ ވަރަށް އުފާވެރި ދުވަހެއް، 824 ކުދިންގެ ޖާގައާ އެކު އަޅުގަނޑުމެންނަށް ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހުޅުވޭނެ, ދެން ޖެހިގެން އަންނަ މަހު ޖަމީލުދީދީ ޕްރީ ސްކޫލް ހުޅުވޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 1200 ކުދިންގެ ޖާގަ ހިމެނޭ ސަލާހުއްދީން ސްކޫލާއި، އަދި ނަންނުކިޔާ، 1200 ކުދިންގެ ޖާގައިގެ އިތުރު ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 800 ކުދިންގެ ޖާގަ ހިމެނޭ އަޖީލާލް ބައިލިންގުއަލް ސްކޫލާއި، 1100 ކުދިންގެ ޖާގަ ހިމެނޭ ސީއެޗްއެސްއީގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހުޅުވެންދެން އެ ސްކޫލުގެ ދަރިވަރުން މިވަގުތު ކިޔަވަމުން އަންނަނީ ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި ހުރި ތިން ސްކޫލް ކަމަށްވާ ރެހެންދި ސްކޫލާއި ހުރަވީ ސްކޫލުގެ އިތުރުން ގާޒީ ސްކޫލުގަ އެވެ. އެ ދަރިވަރުން އެ ސްކޫލްތަކުގައި ކިޔަވަމުން އަންނަނީ ކާމިލްދީދީ ސްކޫލުގެ ޔުނީފޯމުގައެވެ.