ޚަބަރު

ވަގުންގެ ބަޔަކު ބާސެލޯނާގެ އަބަމިޔާންގެ އަތްފައި ބަނދެ ލޫޓުވާލައިފި

ސްޕޭނުގެ ބާސެލޯނާއަށް ކުޅޭ ގޭބޮންގެ ފޯވާޑް ޕިއޭ އެމެރިކް އަބަމިޔާން، ބާސެލޯނާގައި ދިރިއުޅޭ ގެޔަށް ވަގުންގެ ބަޔަކު ވަދެ އަބަމިޔާންގެ ދެމަފިރިންގެ އަތްފައި ބަނދެ އަނިޔާކޮށް އެގެއިން ފައިސާޔާއި ގަހަނާތަކެއް ފޭރިގަތުމަށްފަހު ފިލައިފިއެވެ.

އަބަމިޔާންގެ ގެޔަށް ވަގުންގެ ގްރޫޕް ވަނީ ލީގުގައި ބާސެލޯނާ ކުޅުނު މެޗެއް ނިންމާފައި އެނބުރި ގެއަށް އައިތަނާ ރޭގަނޑުގެ ވަގުތެއްގައެވެ. އެގޭގައި ދިރިއުޅެނީ އުމުރުން 33 އަހަރުވީ އަބަމިޔާންގާއި އޭނާގެ އަންހެނުންނާއި ދެކުދިންނެވެ. އަތްފައި ބަނދެ އަނިޔާކުރި ކަމަށްވިޔަސް އަބަމިޔާންގަށް މާސީރިއަސް އަނިޔާއެއް ނުވާކަމަށް ބާސެލޯނާއިން ބުނެއެވެ.

އަބަމިޔާން ދިރިއުޅޭ ގެޔަކީ ބާސެލޯނާގެ ކުރީގެ ކުޅުންތެރިންގެ ތެރެއިން ލިއޯ މެސީއާއި ލުއިސް ސުއަރެޒް ދިރިއުޅުނު ގެތަކާއި ވަރަށްވެސް ގާތުގައި ހުންނަ ގެއެކެވެ. މެސީއާއި ސުއަރެޒް އެތާގައި އުޅުނު ދުވަސްވަރު އެމީހުން ވަނީ ޕްރައިވެޓް ސިކިއުރިޓީ ކުންފުންޏެއްގެ އެހީތެރިކަން ހޯދައިފައެވެ. އެކަހަލަ އެހީތެރިކަމެއް އަބަމިޔާން މިހާތަނަށް ހޯދާފައެއް ނުވެއެވެ. އޭނާ މިއަހަރު ބާސެލޯނާއަށް ބަދަލުވީ އިނގިރޭސިވިލާތުގެ އާސެނަލްގައި ހުރެފައެވެ.

ބާސެލޯނާގެ އަބަމިޔާންގެ ގެޔަށް ވަގުން ވަދެ ލޫޓުވުމުގެ ހާދިސާއެއް ހިންގާފައިވަނީ މިއަހަރު ބާސެލޯނާއަށް ބަދަލުވި ޕޮލެންޑުގެ ފޯވާޑް ރޮބަރޓް ލެވަންޑޯސްކީ ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ގޮސްފައި އެނބުރި ކާރަށް އެރިއިރު ކާރު ފަޅާލައި 70 ހާސް ޔޫރޯގެ އަގުހުރި އަތުކުރީ ގަޑިޔަކާއި އެނޫންވެސް ތަކެތި ވަގަށް ގެންދިއުމުގެ ހާދިސާއެއް ހިނގިތާ އެއް ހަފުތާ ފަހުންނެވެ. ފުލުހުންނަށް އަދި މިއީ ކޮންބަޔަކު ހިންގި ކަމެއްކަންވެސް ދެނެގަނެވިފައެއް ނުވެއެވެ.