ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅައަށް މުޅިން އާ ނަމެކެވެ. ބުރު ސްޕޯޓްސް ކްލަބުން ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދައި، ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަން ޔަގީން ކޮށްފިއެވެ. ތިންވަނަ ޑިވޝަނުގެ ތަށި ނަގައިގެން ދެވަނަ ޑިވިޝަނަށް ނުކުމެ، މިފަހަރު ދެވަނަ ޑިވިޝަންގެ ތަށި ނެގީ ހުރިހާ މެޗަކުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއެކުގައެވެ. ތިންވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގައިވެސް ބަލިނުވެ، ބުރުން މިއަހަރުގެ ދެވަނަ ޑިވިޝަންވެސް ނެގީ އުންމީދާއެކުގައެވެ. އެ އުންމީދަކީ ފުރަތަމަ ޑިވިޝަންގެ އުންމީދެވެ.
ޓީސީ ސްޕޯޓްސް ކްލަބަށްފަހު ބުރު ވެފައިވަނީ ޖެހިޖެހިގެން ދެޑިވިޝަނެއް ނަގައިގެން ފުރަތަމަ ޑިވިޝަނަށް ނުކުންނާނެ ފުރަތަމަ ޓީމަށެވެ. ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ބުރުން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވި ނަމަވެސް، އެޓީމުން ވަނީ ކްލަބުގެ އެންމެ މުހިއްމު، އެންމެ ބޮޑު ޓާގެޓް ހާސިލު ކޮށްފައެވެ. ކޯޗުކަމުގައި ހުރި މޭސްތެރިއަކީ އާފިއު މުހައްމަދެވެ.
"ބުރުގެ ޓާގެޓް މިއީ. މިހާ ހިސާބަށް ބުރުން ކުރަމުން އައި ބުރަ މަސައްކަތާއެކު ފުރަތަމަ ޑިވިޝަންގެ ޓާގެޓް ހާސިލުވުމަކީ ބުރުގެ އެންމެ ބޮޑު ކާމިޔާބީއަށް ވާނީ. ބުރުން އެހާ ބޮޑު ޓާސްކެއް ހަވާލުކުރީމަ އެޓާސްކް ފުރިހަމަ ކޮށްދެވުމަކީ އަޅުގަނޑަށް އަމިއްލައަށް ހާސިލުވި ވަރަށް ބޮޑު ކާމިޔާބީއެއް. މިއީ ކޯޗިން ކެރިއަރުގައި ކުރިމަތިލި އެންމެ ބޮޑު ޗެލެންޖު. މިހާތަނަށް ކުރިމަތިލި އެންމެ ބޮޑު ޗެލެންޖު ފުރިހަމަ ކުރެވުމަކީ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީ. ކުރިން ކުރި މަސައްކަތްތަކާ ތަފާތު ވަނީ ބޮޑު ސްކޮޑަކާއެކު މިކަމަށް ކުރިމަތިލައި، މިކަން ފުރިހަމައަށް ހާސިލުވީމަ،" އާފިއު "ވަން" އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ބުންޏެވެ.
ބުރާއެކު ދެވަނަ ޑިވޝަނަށް އަދި ލީގުގެ ކޮލިފިކޭޝަން މުބާރަތަށް އާފިއު ނުކުތީ ވަރުގަދަ ސްކޮޑަކާއެކުގައެވެ. ފެންވަރު ރަނގަޅު ސްކޮޑެއް އޮތުމަކީ އާފިއުގެ ނަޒަރުގައި ޕްރެޝަރެއް ނޫނެވެ. އެއީ ބުރުގެ ޓާގެޓަށް ވާސިލުވާން އޭނާއަށް ލިބުނު އެންމެ ބޮޑު ފަސޭހައެވެ.
"އިތުބާރާއެކު ބުރުގެ މެނޭޖުމަންޓުން ޓީމު ހަވާލުކުރީ. އެހެންވީމަ މިކަން ކުރެވޭނެ ކަމަށް ބަލައިގެން ހަވާލުވީވެސް. އުނދަގޫ ހާލަތްތަކަކާ ކުރިމަތިނުވެ މިޓާސްކް ފުރިހަމަ ކުރެވުނީ ކުޅުންތެރިންނާއި މެނޭޖުމަންޓުންވެސް ބުރަކޮށް މަސައްކަތް ކޮށްގެން. ހާއްސަކޮށް ނަތީޖާ ނެރުން މިއީ އެންމެ މުހިއްމު ކަންތައް. މެނޭޖުމަންޓުން އެއްބާރުލުން ދޭ އެއް ސަބަބަކީވެސް އެއީ ކަމަށް ބެލެވެނީ. ނަތީޖާ ނެރޭ ކަމަށްވާނަމަ އިތުރު ކޮމެންޓްތައް އައުން މަދުވާނެ. މެނޭޖުމަންޓުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ދިން. ފުލް ސަޕޯޓާއެކު ކުރިއަށް ދިޔައީ،" ބުރުގެ ކާމިޔާބީގެ ވާހަކަ ކިޔައިދެމުން އާފިއު ބުންޏެވެ.
އާފިއުގެ ނަޒަރުގައި ޓީމެއްގެ ކާމިޔާބީގައި މެނޭޖުމަންޓާއި ކޯޗުން އަދި ކުޅުންތެރިންގެ ގުޅުން މުހިއްމެވެ. ބުރުގެ ކާމިޔާބީއަކީވެސް ގުޅުންތެރިކަމާއެކު ކުރި ބުރަ މަސައްކަތެއްކަން އާފިއު ފާހަގަކުރިއެވެ.
ބުރަށް ލިބުނު ކާމިޔާބީއަކީ އުމުރުން 39 އަހަރުގެ ކޯޗު، އާފިއުއަށްވެސް ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެވެ. ޒުވާން އުމުރުގައި ކޯޗިންނަށް ނުކުތް އާފިއުގެ ކޯޗިން ކެރިއަރުގެ "ދަސްކުރުމުގެ މަރުހަލާގައި" ހުރި އިރު، ކުޅުންތެރިއެއްގެ ތަޖުރިބާއާއެކު އޭނާގެ އެންމެ ބޮޑު ހިތްވަރަކީ ތަޖުރިބާކާރު ކޯޗުން ކައިރިން ދަސްކުރާ ފިލާވަޅުތަކެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ޑިވިޝަންގައި 2006 ވަނަ އަހަރު ނިއު ރޭޑިއަންޓުން އާފިއު ފެނުނު އިރު، އޭނާގެ ކުޅުމުގެ ކެރިއަރު 12 އަހަރު ފަހުން ނިންމާލީ ވެލެންސިއާ ސްޕޯޓްސް ކްލަބަށާއި ވިކްޓަރީ ސްޕޯޓްސް ކްލަބަށްވެސް ގިނަ މެޗުތަކެއް ކުޅެފައެވެ. އާފިއު 2014 އަހަރު ކުޅުންތެރިއެއްގެ ކެރިއަރު ނިންމާލީ އަވަސް މުއްދަތެއްގައެވެ. އުމުރުން 34 އަހަރުގައި އާފިއު ކޯޗިންނަށް ނުކުމެފައިވާ އިރު، އުމުރުން އެންމެ 39 އަހަރުގައި އޭނާ މިހާރު އެހުރީ އެންމެ މޮޅެތި ޒުވާން ކޯޗުންގެ ފަންތިއަށް ފައްކާވެފައެވެ.
"ކޯޗިންނަށް ނުކުންނަންވެގެން އަވަހަށް ކެރިއަރު ހުއްޓާލީވެސް. ފުޓުބޯޅައިގައި ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލައި ކުޅުންތެރިއެއްގެ ގޮތުގައި ހުރުމަށްވުރެ ކޯޗެއްގެ ގޮތުގައި ހުރުން ރަނގަޅު ކަމަށް ފެނުނީމަ އެ ނިންމުން ނިންމީ. ކޯޗުންނަށް ބަލާއިރު ޒުވާން ކޯޗަކަށްކަންނޭނގެ ވާނީ. ޒުވާން އުމުރު ކޯޗިންނަށް ނުކުތީ އަވަހަށް ދަސްކުރަން ފަށަން. އެހެންވެ ވަރަށް އަވަހަށް، ގާތްގަނޑަކަށް 2015 ހިސާބު އެސިސްޓް ކުރަންވެސް ފަށައިގެން ކޯޗުން ކައިރީގައި. އެގޮތަށް ނިޒާމްބެއާއެކު ޓީސީއާއެކު މަސައްކަތް ކޮށް، ޝާޒްލީ ކޯޗު ކައިރީގައިވެސް އަދި އާތީއާއެކު ގައުމީ އަންހެން ޓީމު ކޯޗުގައިވެސް އެސިސްޓްކުރިން. އަދި މިހާރު މިހުރީ ކުޑަ ހީނާގެ އެސިސްޓެންޓަކަށް. އެހެންވީމާ އަދި ހަމަ ދަސްކުރަމުން މިދަނީ،" އާފިއު ބުންޏެވެ.
އާފިއުގެ ނަޒަރުގައި އޭނާގެ ކޯޗިން ކެރިއަރަށް އަދިވެސް އޮތީ ދަސްކުރުމެވެ. ތަޖުރިބާކާރު ކޯޗުންގެ ހިޔާލާއި މަޝްވަރާ ހޯދައި، އެ ކޯޗުންގެ އުކުޅުތައް ދަސްކުރުމަކީ އާފިއުއަށް އަދިވެސް ކުރިއަށް އޮތް މަސައްކަތް ކަމަށް އޭނާ ގަބޫލުކުރެއެވެ. އާފިއު ބުނެފައި ވަނީ އޭނާގެ ފޯކަސް ޓްރެއިންނިންތަކަށް ބެހެއްޓުމުގެ ބަދަލުގައި ބޮޑަށް ބަލަނީ ޓީމު މެނޭޖުކުރުމާއި ކުޅުންތެރިން މެނޭޖުކުރުމުގެ އުކުޅުތައް ދަސްކުރުމަށް ކަމަށެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ ހުރިހާ ޑިވިޝަނަކަށްވެސް އޮތީ ފައިސާގެ ދަތިކަމެވެ. އާފިއުގެ ނަޒަރުގައި ފުރަތަމަ ޑިވިޝަނަށް ކްލަބެއް ގޮސްވެސް، ކްލަބު ދެމެހެއްޓެނިވި ގޮތަކަށް ފުރަތަމަ ޑިވިޝަނުގައި ބޭއްވުމަށް ބޭނުންވަނީ ޖުމުލަ ހައްލެކެވެ. އެއީ ފައިސާގެ ތަނަވަސްކަން ބޮޑުކުރެވޭނެ ހައްލަކަށް ވާން ޖެހޭ ކަމަށް އާފިއު ގަބޫލުކުރެވެއެވެ.
"ދިގު މުއްދަތަކަށް ކްލަބުތައް ސަސްޓެއިން ވާކަހަލަ ފޯމެޓެއް ރާއްޖެއަށް އެބަ ގެންނަން ޖެހޭ. ފުޓުބޯޅައިގެ ކާމިޔާބު ގައުމުތަކުގައި ފޯމެޓެއް އޮންނަތަން ފެންނާނެ. އޭގެތެރެއިން ކްލަބުތަކުގެ އާމްދަނީ އިތުރުކޮށް، ކުޅުންތެރިންނަށް ފައިސާގެ ރަނގަޅު ހައްލެއް ހޯދައިދޭން އެބަޖެހޭ. މުސާރައިގެ މައްސަލަތައް ދިމާވާތީ ކުޅުންތެރިންގެ ޕްރޮފެޝަނަލިޒަމް ގެއްލިގެން މިދަނީ، އެހެންވީމަ ފުޓުބޯޅައިން ކުޅުންތެރިން ދެކޮޅު ޖެހެން އެބަޖެހޭ،" އާފިއު ފާހަގަކުރިއެވެ.
އާފިއުގެ ނަޒަރުގައި ފުރަތަމަ ޑިވިޝަނަށް އަލަށް ނުކުންނަ ޓީމުތަކަށްވެސް ހޯދަން ވެފައިވާ ހައްލަކީ ފައިސާގެ ހައްލެވެ. "އެ ހައްލަކީ ގާނޫނަކުންވެސް، އެހެން ގޮތަކުންވިޔަސް،" ކޮންމެހެންވެސް ގެންނަން ޖެހިފައިވާ ހައްލެއް ކަމަށް އާފިއު ބުންޏެވެ.
"އެއްފަހަރާ ހުރިހާ ކަމެއް ހައްލު ނުވިޔަސް، ފުޓުބޯޅަ އާއިލާ އެކުވެ އެބަޖެހޭ މަޝްވަރާކުރަން ކޮން ކަމެއްތޯ އެންމެ ފުރަތަމަ ހައްލުކުރަންވީ. އެއީ ހައްލުކުރަން ގިނަ ކަންކަން ހުރިކަން އެބަ އެނގޭ. އެންމެން އެއްގަލަކަށް އަރައިގެން އެކަން ކުރެވެން އޮތީވެސް،" އޭއެފްސީ ބީ ލައިސަންސްގެ ކޯޗު އާފިއު ފާހަގަކުރިއެވެ.
ބުރުގެ ޓާގެޓަށްފަހު އާފިއުގެ ވިސްނުން ހުރީ އަނެއްކާވެސް ވެލެންސިއާގެ އެސިސްޓެންޓް ކޯޗެއްގެ މަގާމަށް ދިޔުމަށެވެ. އޭނާގެ ފަހު ބަހަކަށްވެސް ބުނެފައި ވަނީ "ބުރު ފުރަތަމަ ޑިވިޝަނަށް ދިޔައީ މެނޭޖުމަންޓުގެ ތަފާތުން،" ކަމަށެވެ. ކުޅުންތެރިންނަށް މެނޭޖުމަންޓުން ދިން އަޅައިލުމާއި، ބަހައްޓާ ގާތްކަން އާފިއު ތަކުރާރުކޮށް ފާހަގަކޮށްފައިވާ އިރު، އޭނާ ބުނީ "ކާމިޔާބީއަކީ ހަމައެކަނި ކޮންމެ ދުވަހަކު ގޮސް ފަރިތަކޮށްލައިގެން" ނެރެވޭ އެއްޗެއް ނޫން ކަމަށާއި، ދުރު ރާސްތާ ޕްލޭނަކާއެކު ބުރަކޮށް މެނޭޖުމަންޓަކުން ކުރާ މަސައްކަތަކުން ނެރެވޭ ކާމިޔާބީއެއް ކަމަށެވެ.
"ބުރު ޖެހިޖެހިގެން ދެ ޑިވިޝަން ނަގައިގެން ބަލިނުވެ ކޮލިފިކޭޝަނަށް އައީ. އެހިސާބަށް ޓީމެއް ގެންނަން އެއީ ފަސޭހަކަމެއް ނޫން. އެއީ މެނޭޖުމަންޓްގެ ބުރަ މަސައްކަތް. އަދި ބޮޑު ކާމިޔާބީއެއް،" އާފިއު ބުންޏެވެ.