ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލްމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގު ހިނގަނިކޮށް ރާއްޖެއިން ބޭރަށް ފުރި ގުރުއާނާ ބެހޭ މަރުކަޒުގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު ހޯދަން މިއަދު ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ، އެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ރާފިއު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން އޭނާއަށް ޗިޓު ހަވާލުކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އުސޫލުން ތަހުގީގަށް ހާޒިރުވުމަށް އިއުލާންކުރާ ކަމަށެވެ.
ރާފިއު އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ތަހުގީގަށް ހާޒިރުވުމަށް ވެސް ފުލުހުން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.
ރާފިއު އެއްޖިންސުން އަލަމްގީރާއެކު ގުޅުން ހިންގާ ކަމަށްބުނާ ވީޑިއޯއެއް އާންމުވެފައި ވަނީ މިމަހުގެ މެދު ތެރޭގައެވެ. ވީޑިއޯ ލީކުވިއިރު އޭނާ ވަނީ ރާއްޖެއިން ފުރައިފައެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ ކުރިން ކޮޓަރީގައި ކެމެރާ ހުރިތޯ ރާފިއު، އަލަމްގީރްއާ ސުވާލުކުރެއެވެ. ނަމަވެސް އަލަމްގީރް ބުނެފައިވަނީ ކެމެރާ ނުހުންނާނެ ކަމަށެވެ.
އަލަމްގީރާއެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ޑީއާރްޕީގެ ކުރީގެ ލީޑަރު، މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު ވަނީ ހައްޔަރުކޮށްފައެވެ. މައްސަލައިގެ ތަހުގީގު ނިންމައި އިތުރަށް ބަންދުގައި އެ ތިން މީހުން ބަހައްޓަން ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް، ފުލުހުންނަށް ލަފާ ދެއްވުމުން އެ މީހުން ވަނީ ދޫކޮށްލައިފައެވެ. އެ އެންމެންގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ.
މިއަދު ވަނީ އެ މައްސަލައިގެ ދައުވާ އުފުލާފައިވާ ނަޝީދުގެ ޝަރީއަތް ފަށައިފައެވެ. އިއްޔެ އަލަމްގީރުގެ ޝަރީއަތް ފެށިއިރު އޭނާ ވަނީ ކޯޓުގައި ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންވެ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި މި ހަފުތާ ތެރޭގައި އޭނާއަށް އަދަބު ކަނޑައަޅާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު