ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ސްޕައި ކެމެރާ ގެންގުޅުނު މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުންގެ ދަބަހުން ގޮވާ ތަކެތި ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި ވީއައިއޭގައި ވެރިއަކު ނެތި ދޫކޮށްލާފައި ލަގެޖެއް ހުރިކަމުގެ މައުލޫމާތު ލިބިގެން އާދިއްތަ ދުވަހު ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ލަގެޖުގައި އޮތް ގަމީހެއްގައި ބަޓަން ކެމެރާއެއް ހަރުކޮށްފައިވާކަން އެނގުމާ ގުޅިގެން ލަގެޖު ބެހެއްޓި ފަރާތް ސާފުކުރުމަށް އެ ލަގޭޖާ ގުޅުންހުރި ދެ ބިދޭސީއަކު އާދިއްތަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ، އެ ދެ މީހުންގެ ދަބަހުން ގޮވާތަކެތި ފެނިފައިވާ ކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށެވެ.

އެ ދެމީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ ދިހަ ދުވަސް ޖަހައިފައެވެ.