އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފު ވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އިއްޔެ ހަވީރު ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި އަލަމްގީރްގެ މައްޗަށް ދައުވާ އިއްވުމުން އޭނާ ވަނީ ކުށަށް އިއުތިރާފު ވެފައެވެ. އެ އަޑުއެހުން ކުރިއަށްގެންދިޔައީ އޮންލައިންކޮށެވެ. އެހެންވެ ގާޒީ އަލީ އާދަމް ނިންމެވީ އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

އަވަސް ނިޔާގެ އަޑުއެހުންތައް ކުރިއަށް ގެންދަން ޖެހޭނީ ހުރިހާ ފަރާތްތައް އެއް މަޖިލީހަކަށް ހާޒިރުވެގެން ކަމަށްވާތީ، ގާޒީ އަލީ އާދަމް ވަނީ ޝަރީއަތް މެދުކަނޑުއްވައިލެއްވުމަށްފަހު ހުރިހާ ފަރާތްތަކެއް ކްރިމިނަލް ކޯޓަށް ހާޒިރުކުރައްވައި، އަވަސް ނިޔާގެ އަޑުއެހުން ކުރިއަށްގެންދަވައިފައެވެ. އަވަސް ނިޔާގެ އަޑުއެހުމުގައިވެސް އަލަމްގީރް ވަނީ ކުށަށް އިއުތިރާފުވެފައެވެ.

އަލަމްގީރު ކުށަށް އިއުތިރާފު ވުމުން ދެން ކުރިއަށް ގެންގޮސްފައި ވަނީ އަދަބާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމުގެ ބައެވެ. އަލަމްގީރުގެ ފަރާތުން އެދިފައިވަނީ ވީހާވެސް ކުޑަ އަދަބެއް ދިނުމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ އަދަބު ކަނޑައެޅުމުގެ އަޑުއެހުމެވެ. އެ އަޑުއެހުން މި ހަފުތާގައި ބާއްވާނެއެވެ.

އަލަމްގީރް ހައްޔަރުކުރީ ގިނަ އަދަދެއްގެ ބަޔަކާ އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކްވުމާ ގުޅިގެންނެވެ.

އަލަމްގީރު ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާންވެސް ވަނީ މީގެ ދެ ދުވަސް ކުރީން ލީކުވެފައެވެ.