ލިޔޯންއަށް ކުޅެމުންދިޔަ ބްރެޒިލް ގައުމީ ޓީމުގެ މިޑްފީލްޑަރު ލޫކާސް ޕަކޭޓާ، ވެސްޓް ހަމްއަށް ސޮއިކޮށްފިއެވެ.

ވެސްޓް ހަމްއިން ޕަކޭޓާ އެ ކްލަބާ ގުޅުނުކަން އިއުލާން ކޮށްފައިވާ އިރު، އޭނާ ކްލަބާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އުމުރުން 25 އަހަރުގެ ޕަކޭޓާ ވެސްޓް ހަމްއަށް ސޮއިކުރީ އެ ކްލަބުގެ ރެކޯޑު އަގެއްގައެވެ. ބޯނަސްގެ ގޮތުގައި ހުށަހަޅާ ފައިސާއާއެކު ޕަކޭޓާގެ ޓްރާންސްފާ ފީ 50 މިލިއަން ޕައުންޑަށްވުރެ ބޮޑެވެއެވެ. މީގެ ކުރިން ވެސްޓް ހަމްއަށް އެންމެ ބޮޑު އަގުގައި ގެންގޮސްފައިވާ ކުޅުންތެރިޔަކީ ސެބެސްޓިއަން ހެލާއެވެ. އެ ޓްރާންސްފާ ކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ސްކޮޑުގައިވެސް އާންމުކޮށް ހިމެނެމުން އަންނަ ޕަކެޓާ ވަނީ މިދިޔަ ސީޒަނުގައިވެސް ލެޔޯސްއާއެކު 35 މެޗު ކުޅެ، ނުވަ ގޯލު ޖަހައި ހަ އެސިސްޓް ފުރިހަމަ ކޮށްފައެވެ. 2020 ވަނަ އަހަރު ލިޔޯންއަށް ދިޔަ ޕެކޭޓާ ވަނީ ކްލަބަށް ކުޅުނު 80 މެޗުގައި 21 ގޯލު ޖަހައި 14 އެސިސްޓް ފުރިހަމަ ކޮށްފައެވެ.

ޕަކޭޓާގެ ސޮޔާއެކު ވެސްޓް ހަމްގެ ކޯޗު ޑޭވިޑް މޮޔެސް ބުނެފައި ވަނީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ އިތުރުން ކްލަބު ލެވެލްގައިވެސް ފެންވަރު ސާބިތު ކޮށްފައިވާ ކުޅުންތެރިޔަކު ޓީމާ ގުޅުމަކީ ހިތްވަރެއް ކަމަށާއި، ޕްރިމިއާ ލީގަށް ހޭނެން ޕަކޭޓާއަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.

ޕަކޭޓާ ވަނީ ބްރެޒިލް ގައުމީ ޓީމަށް 33 މެޗު ކުޅެފައެވެ. މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގުގައި ވެސްޓް ހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕަކޭޓާ ވަނީ ލިޔޯންއަށްވެސް ކުޅެފައެވެ. އެ މެޗު ވެސްޓް ހަމްއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިފަހަރު ވެސްޓް ހަމްއިން ޔޫއެފާ ކޮންފަރެންސް ލީގުގައި ވާދަކުރާނެއެވެ.

ޕަކޭޓާއަކީ މި ޓްރާންސްފާ ސީޒަނުގައި ވެސްޓް ހަމްއަށް ގެންދިޔަ އަށްވަނަ ކުޅުންތެރިޔާއެވެ.