އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ ޝަރީއަތް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަށް ނަޝީދު ހައްޔަރުކުރީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ ތަހުގީގު ނިމުމުން ބަންދުގައި އިތުރަށް ނުބެހެއްޓުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ފުލުހުންނަށް އެންގުމުން މިމަހުގެ 12 ވަނަ ދުވަހު ނަޝީދު ވަނީ ދޫކޮށްލައިފައެވެ.
ޕީޖީ އޮފީހުން ނަޝީދުގެ މައްޗަށް ދައުވާކޮށްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ނަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާއެވެ.
މާދަމާ އެ މައްސަލައިގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ކުށުގެ ބާވަތުން އެ ޝަރީއަތް ކުރިއަށް ގެންދާނީ ސިއްރު ކޮށްގެންނެވެ. ޝަރީއަތް ފަށަން ހަމަޖެހިފައިވަނީ 15:30 ގައެވެ.
ނަޝީދު ވަނީ އެއްޖިންސުން ގުޅުން ހިންގިކަމަށް އިންކާރުކޮށްފައެވެ. އޭނާ ވިދާޅުވެފައިވަނީ އަލަމްގީރް ދިރިއުޅޭ ކޮޓަރިއަށް އޭނާ ގެންދިޔައީ ވިޔަފާރި ބައްދަލުވުމެއް ކަމަށް ބުނެ އޮޅުވާލައިގެން ކަމަށެވެ. ނަމަވެސް ރޭ ލީކުވި އަލަމްގީރުގެ ތަހުގީގު ބަޔާނުގައި އޭނާ ވަނީ ނަޝީދުއާއެކު ދެ ފަހަރެއްގެ މަތިން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު އާއި ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އަށް ވެސް ވަނީ ދައުވާކޮށްފައެވެ. އަލަމްގީރުގެ ތަހުގީގަށް ދިން އިއުތިރާފުގެ ބަޔާނުގައި ވަނީ އެ ދެ މީހުންނާއެކު ވެސް އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައެވެ.
އަލަމްގީރުގެ މައްޗަށް ވެސް ދައުވާ ކޮށްފައިވާއިރު، އޭނާގެ ޝަރީއަތް މިއަދު ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު