ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ސްޕައި ކެމެރާ ގެންގުޅުނު މައްސަލައިގައި އިއްޔެ ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ، ވީއައިއޭގައި ވެރިއަކު ނެތި ދޫކޮށްލާފައި ލަގެޖެއް ހުރިކަމުގެ މައުލޫމާތު ލިބިގެން އިއްޔެ ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ލަގެޖުގައި އޮތް ގަމީހެއްގައި ބަޓަން ކެމެރާއެއް ހަރުކޮށްފައިވާކަން އެނގުމާ ގުޅިގެން ލަގެޖު ބެހެއްޓި ފަރާތް ސާފުކުރުމަށް އެ ލަގޭޖާ ގުޅުންހުރި ދެ ބިދޭސީއަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދު އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުން 10 ދުވަހަށް ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާތީ އެކަމާ ގުޅޭ ތަފްސީލެއް ފުލުހުން ނުދެއެވެ.