ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގަނޫނީ އިންޒާރު ނުދީގެން މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ކޯޓުން ދޫކޮށްލާފައި ވަނީ، އއ. ބޮޑުފުޅަދޫ ހުޅަނގުގެ، 31 އަހަރުގެ އާދަމް އިރުޝާދުއެވެ.

އޭނާ ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރީ، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ އެކޯޓަށް ހާޒިރު ކުރުމުންނެވެ.

ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނެފައިވަނީ ފުލުހުން ހައްޔަރުކުރި އިރު ދޭންޖެހޭ ގާނޫނީ އިންޒާރު އޭނާއަށް ދީފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ގާޒީ ހުސައިން ފާއިޒް ރަޝާދުވެސް ވިދާޅުވީ، އޭނާއަށް ގާނޫނީ އިންޒާރުދިންކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން އޭނާ ހައްޔަރު ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތާ އެއްގޮތަށްކަމަށް ބެލެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އޭނާ ބަންދުން ދޫކޮށްލުމަށް ގާޒީ އަމުރު ކުރެއްވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާގޮތުން، ކޯޓު އަމުރަކާއެކު ވިޔަސް ނުވަތަ ކޯޓު އަމުރެއް ނެތި ނަމަވެސް މީހަކު ހައްޔަރު ކުރާއިރު އޭނާއަށް ގާނޫނީ އިންޒާރު ދޭން ޖެހެއެވެ.