ހދ. ފިނޭ ގައި ޕްރީ ފެބްރިކޭޓެޑް ޕަވާހައުސްއެއް އިމާރާތް ކުރުމުގެ މަސައްކަތްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ޕޮއިންޓް ތުރީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި، ބަދަލެއްގެ ގޮތުން ފެނަކައިން 2.5 މިލިޔަން ނަގައި ދިނުމަށް އެދި ޕޮއިންޓް ތުރީން ހުށަހެޅި މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން ހައިކޯޓަށް އަމުރު ކޮށްފިއެވެ.
މިއީ އެކެއް ނޮވެމްބަރު 2018 އަށް މަސައްކަތް ނިންމަން ހަވާލު ކޮށްފައިވާ ފިނޭގެ ޕަވާހައުސް އިމާރާތް ކުރުމުގެ އެއްބަސްވުމާ ޕޮއިިންޓް ތްރީން ހިލާފުވެފައިވާ ކަމަށްބުނެ 25 ނޮވެމްބަރު 2018 ގައި ފެނަކައިން އެ އެއްބަސްވުން ބާތިލު ކުރުމުން، އެ އެއްބަސްވުމުގެ ދަށުން ޕޮއިިންޓް ތްރީން ހުށަހަޅާފައިވާ ބިލުތަކުގެ ފައިސާ އާއި އެ ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ފައިސާ އާއި އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ޕޮއިންޓް ތްރީން ސިވިލްކޯޓުގައި ކުރި ދައުވާއެކެވެ.
މި މައްސަަލަ ބެލުމަށްފަހު ސިވިލްކޯޓުން ހުކުމް ކުރީ އެ އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލާއި، އެ އިންވޮއިސްގައި އެދިފައިވާ ފައިސާ އާއި ޖޫރިމަނާ ނަގައިދެވޭނެ ތަނެއް ނެތްކަމަށެވެ.
ޕޮއިންޓް ތްރީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް އެ މައްސަލައިގައި ޕޮއިންޓް ތްރީން ހުށަހެޅި އިސްތިއުނާފީ ފޯމުގައި ފުރިހަމަކުރަންޖެހޭ މައުލޫމާތު ފުރިހަމަ ނުވާތީ އެ ފޯމުގެ މައްޗަށް ބިނާކޮށް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ހައިކޯޓުން ހުކުމްކުރިއެވެ. އެއީ އެ ފޯމުގައި ސާފު ނުވާ މައުލޫމާތުތަކެއް ހުރުމާއި، ދަށު ކޯޓަށް ހުށަހެޅި މައުލޫމާތާއި ހައިކޯޓަށް ހުށަހެޅި މައުލޫމާތުތަކުގައި ދިމާނުވާ ކަންތައްތަކެއް ހުރުމުންނެވެ.
ހައިކޯޓުންކުރި އެ ހުކުމް ޕޮއިންޓް ތްރީގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހެޅިއެވެ.
އެކޯޓުން މި މައްސަލަ ބަލައި އިއްޔެ ކުރި ހުކުމްގައި ވަނީ، އިސްތިއުނާފު ފޯމުގައި ހުރި އޮޅުންތައް އިސްލާހު ކުރުމަށް ޕޮއިންޓް ތްރީއަށް ފުރުސަތު ދިނުމެއް ނެތި، އެ އިސްތިއުނާފު ފޯމުގެ މައްޗަށް މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ހައިކޯޓުން ހުކުމް ކޮށްފައި ވަނީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލު ކޮށްފައެވެ. އަދި އެ ފޯމު އިސްލާހުކުރުމަށް ފުރުސަތު ދިނުމާއެކު މި މައްސަލައަކީ ހައިކޯޓުން އަލުން ބަލަން ޖެހޭ މައްސަލައެއް ކަމަށް އަންގައި، މި މައްސަލަ ހައިކޯޓަށް ތަހުވީލުކޮށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު