ކްރިކެޓް

އޭޝިއާ ކްރިކެޓް ކަޕް: ޕާކިސްތާނު ކައިރީ އިންޑިއާއަށް ޖަޒުބާތީ މޮޅެއް

މުޙައްމަދު ޝަމްޢޫން

ކްރިކެޓްގެ އޭޝިއާ ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާއިން ޕާކިސްތާން ބަލިކޮށްފިއެވެ.

އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)ގެ މެނަބަރު ގައުމުތަކުގެ މެދުގައި އޭޝިއާ ކަޕް ބާއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ސީޑް ކޮށްފައިވާ ޓީމުތަކުގެ އިތުރުން ކޮލިފައިންގައި ކޮލިފައިވާ ޓީމުތައް އެކުލެވޭހެން މިފަހަރުގެ މުބާރާތުގައި ޖުމުލަ ހަ ޓީމު ވާދަކުރާ އިރު، އޭޝިއާ ކަޕް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1983 ވަނަ އަހަރުއެވެ.

އޭގެ ފަހުން މުބާރާތް ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން ގޮސްފައިވަނީ ޓީ20 އަދި ވަން ޑޭ ސީރީސްގެ ފޯމެޓަށެވެ. އެންމެފަހުން 2018 ވަނަ އަހަރު ޔޫއޭއީގައި ބޭއްވި މުބާރާތް ވަންޑޭ ސީރީސްއަށް، 50 އޯވަރަށް ކުޅެފައިވާ އިރު، މިފަހަރު ކުރިއަށްދާނީ ޓީ 20 ފޯމެޓަށެވެ.

މިފަހަރުގެ މުބާރާތް ރޭ ޔޫއޭއީގައި ފެށީ ޖުމުލަ ހަ ޓީމާއެކުގައެވެ. ރޭގެ މެޗުގައި ހަތަރު ވިކެޓުން އިންޑިއާއިން ޕާކިސްތާން ބަލިކުރި އިރު، ގްރޫޕް އޭގައި އިންޑިއާއާއި ޕާކިސްތާނުގެ އިތުރުން ދެން ހިމެނެނީ ހޮންކޮންގެވެ. ގްރޫޕް ބީގައި ހިމެނެނީ އަފްގާނިސްތާނާއި ބަންގްލަދޭޝްގެ އިތުރުން ސްރީލަންކާއެވެ. ގްރޫޕް ސްޓޭޖުން ގަދަ ހަތަރެއްގެ ބުރަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

ފަހަކަށް އައިސް އިންޑިއާއާއި ޕާކިސްތާނުގެ ކުރިމަތިލުންތައް ފޯރިގަދަކޮށް ފެންނަ އިރު، ރޭގެ މެޗުގައިވެސް އެ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. ރޭގެ މެޗަކީ ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާނު އަތުން އިންޑިއާ ބޮޑުކޮށް ބަލިވިފަހުން ކުޅުނު ފުރަތަމަ މެޗެވެ. އެހެންކަމުން މެޗުގައި އިންޑިއާ އޮތީ ބަދަލު ހިފުމުގެ ރޫހެއްގައެވެ.

އިންޑިއާއަށް ޓޮސް ދިމާވުމުން އެޓީމުން ނިންމީ ފީލްޑް ކުރުމަށެވެ. ޕާކިސްތާނުން ކުޅެން އަރައި 19.5 އޯވަރުން ހުރިހާ ކުޅުންތެރިން ނުބައިވެގެން 147 ލަނޑު ހެދި އިރު، ރަނގަޅު ފޯމެއްގައި ހުރި މުހައްމަދު ރިޒުވާން ވަނީ 42 ބޯޅައިން 43 ލަނޑު ހަދާފައެވެ.

އުކުމުގައި އިންޑިއާގެ ބުވުނެޝްވާރު ކުމާރުގެ ހަތަރު ވިކެޓް ފާހަގަކޮށްލެވުނެވެ.

ބަދަލުގައި ކުޅެން އަރައި އިންޑިއާއިން މޮޅުވީ 19.4 އޯވަރުގައި 148 ހަދައިގެންނެވެ. ޕާކިސްތާނުގެ 19 ވަނަ އޯވަރަށް އިންޑިއާއިން ކުޅެން އަރާހުރި ހާދިކު ޕަންޑަޔާ ވަނީ އެ އޯވަރުގައި އެކަނިވެސް ތިން ފަހަރަށް ހަތަރެއް ނަގައިފައެވެ. އެ އޯވަރަށް ދިޔައިރު، އިންޑިއާއަށް އޮތީ 12 ބޯޅައިން 21 ލަނޑު ހަދަން ޖެހިފައި ނަމަވެސް ޕަންޑަޔާ ތަފާތު ދައްކައި އިންޑިއާ މޮޅުކޮށްދިނެވެ.

މުބާރާތުގައި އިއްޔެ ވަނީ ގްރޫޕް ބީގެ ފުރަތަމަ މެޗުވެސް ކުޅެފައެވެ. އެ މެޗުގައި އަފްގާނިސްތާނުން ސްރީލަންކާ ބަލިކުރީ އަށް ވިކެޓުންނެވެ. އޭޝިއާ ކަޕްގައި ދެން އޮތް މެޗުތަކަކީ ބަންގްލަދޭޝްއާއި އަފްގާނިސްތާނު ކުޅޭ މެޗާއި އިންޑިއާއާއި ހޮންކޮންގް ކުޅޭމެޗެވެ. އަފްގާނިސްތާނު މެޗު މާދަމާ އޮންނަ އިރު، އަނެއް މެޗު އޮންނާނީ އޭގެ އަނެއް ދުވަހުއެވެ.