ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި 4-0 ގެ ނަތީޖާއަކުން ރެއާލް ވަލަޑޮލިޑް ބަލިކޮށްފިއެވެ.
ބާސާއިން އަމިއްލަ ދަނޑުގައި ރޭ ހޯދި މޮޅާއެކު އެޓީމުން ވަނީ ލަލީގާގައި މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފައެވެ. ހަތް ޕޮއިންޓާއެކު ޒަވީ ހެނާންޑޭޒް އިރުޝާދު ދެމުންދާ ބާސާ މިވަގުތު އޮތީ ލަލީގާ ތާވަލުގެ ދެވަނައިގައެވެ. އެއީ ސައްތައިން ސައްތަ ރެކޯޑަކާއެކު އޮތް ރެއާލް ބެޓިސްއާ ދެ ޕޮއިންޓްގެ ފަރަގެއްގައެވެ.
ރޭގެ މެޗަށް ބާސާއިން ނެރުނު ފުރަތަމަ 11 ގައި އެޓީމާ އަލަށް ގުޅުނު ޖޫލްސް ކޫންޑޭ ހިމަނާފައިވެއެވެ. ކޫންޑޭ މިހާތަނަށް ބާސާގެ ޓީމަށް ކުޅެފައިނުވަނީ އޭނާގެ ރަޖިސްޓްރީ ކަންކަން ފުރިހަމަ ނުކުރެވި އޮތުމުންނެވެ. ލަލީގާއިން އެކުލަވާލާފައިވާ މުސާރައިގެ އޮނިގަނޑަށް ބާސާ ޓީމުގެ މުސާރަތައް ފެއްތުމަށް ވަގުތު ބޭނުންވެފައިވާ އިރު، އެޓީމުން މިހާރު ވަނީ ޓީމަށް ގެންދިޔަ ހުރިހާ އާ ކުޅުންތެރިންވެސް ރަޖިސްޓްރީ ކޮށްފައެވެ.
ބާސާއިން ރޭގެ މެޗު ކުޅެފައި ވަނީ ފުލް ކޮންޓްރޯލްގައެވެ. އެޓީމުން މެޗު ޑޮމިނޭޓްކޮށް ކުޅުނުތަން ފެނުނު އިރު، މެޗުގެ ކުރީކޮޅުގައި ރޮބާޓް ލެވަންޑޯސްކީ ބޮލުން ޖެހި ހަމަލާއެއްގެ އިތުރުން އުސްމާން ޑެމްބޭލޭ އަރިމަތިން އަރައި ޖެހި ބާރު ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.
ނުރައްކާތެރި ހަމަލާތައް އުފައްދަމުން ދިޔަ ބާސާއިން މެޗުގެ ލީޑު ނެގީ 24 ވަނަ މިނެޓުގައެވެ. އަރިމަތިން ރަފީނިއާ ހުރަސްކޮށްލި ހިތްގައިމު ބޯޅަ ލެވަންޑޯސްކީ ގޯލަށް ވައްދާލީ ގޯލުގެ ދުރު ޕޯސްޓަށް ރަނގަޅަށް އަރައި، އެތުލެޓިކް ސްޓައިލަކަށް ބޯޅައިގައި ފައި ޖައްސާލައިގެންނެވެ.
ހާފު ނިމުމުގެ ކުރިން ޑެމްބޭލޭގެ ޕާހަކުން ޕެޑްރީ ވަނީ ބާސާގެ ލީޑު ފުޅާކޮށްފައެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅުގައި ލެވަންޑޯސްކީ ވަނީ މެޗުގައި އޭނާ ޖެހި ދެވަނަ ގޯލު ޖަހައިފައެވެ. ލެވަންޑޯސްކީ އެ ގޯލު ޖެހީ ހުރަސް ވެގެން އައި ބޯޅައެއް ފައިގެ ފުންނާބުން ޖައްސައި، ހިތްގައިމު ގޮތަކަށް މިސްރާބު ބަދަލު ކޮށްލައިގެންނެވެ. ބާސާގެ ހަތަރުވަނަ ގޯލު މެޗު ނިމިނިމި އޮއްވައި ޖަހައިދިނީ ސާޖިއޯ ރޮބާޓޯއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ