އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް ފުލުހުންނަށް ދީފައިވާ ބަޔާން ލީކުކޮށްލައިފިއެވެ.

ތަހުގީގަށް އަލަމްގީރު ދީފައިވާ އިއުތިރާފުގެ ބަޔާން މިރޭ ލީކުކޮށްފައި މިވަނީ ކްރިމިނަލް ކޯޓުން އޭނާގެ ޝަރީއަތް ފެށުމަށް މާދަމާއަށް ތާވަލުކޮށްފައިވަނިކޮށެވެ. އެ ޝަރީއަތް ކުރިއަށްގެންދަނީ ސިއްރު ޝަރީއަތެއްގެ ގޮތުގައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދާއި ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ ތިން މީހުން ބަންދުން ދޫކޮށްފައިވާ އިރު، އެމީހުންނަށް ދައުވާކުރަން ވަނީ ފޮނުވައިފައެވެ.

މިރޭ ލީކުކޮށްލި އަލަމްގީރް ތަހުގީގަށް ދިން ބަޔާނުގައި އޭނާ ވަނީ އެ ތިން މީހުންނާއެކު ޖިންސީ ގުޅުން ހިންގިކަމަށް އިއުތިރާފުވެފައެެވެ. ބަޔާނުގައިވާ ގޮތުން އަލަމްގީރް ރާއްޖެ އައިސްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރުމަށެވެ. ނަމަވެސް އޭނާ ފަހުން ވަނީ ސަޕްލައި ދޯންޏެއްގައި މަސައްކަތް ކުރަން ފަށައިފައެވެ.

ބަޔާނުގައިވާ ގޮތުން އަލަމްގީރް ވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ނާޒިމްއާއެކު ގުޅުން ހިންގައިފައެވެ. އަދި ނާޒިމް އޭނާއަށް ހަދިޔާ ދޭކަމަށް ވެސް ބުނެފައިވެއެވެ. އަދި ނަޝީދާއެކު ދެ ފަހަރެއްގެ މަތިން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ އިރު، އަބްދުއްރަހުމާން ރަފީއުއާއެކު އެއް ފަހަރު ގުޅުން ހިންގާފައިވާ ކަމަށް އަލަމްގީރް ބުނެފައިވެއެވެ.

ތަހުގީގަށް އަލަމްގީރް ބުނެފައިވަނީ އޭނާއާ އެއް ޖިންސުން ގުޅުން ހިންގި މީހުންނާ ދިމާވީ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށެވެ. އެ އެޕްލިކޭޝަން ބޭނުން ކުރަން ފަށާފައިވަނީ ބަންގުލަދޭޝްގައި ހުރިއިރު ކަމަށާއި އޭނާއަކީ އުމުރުން 10 އަހަރުން ފެށިގެން އެއް ޖިންސުން ގުޅުން ހިންގާ މީހެއް ކަމަށެވެ.

އަލަމްގީރް ބުނެފައިވަނީ އޭނާ 45 އާއި 50 އާ ދެމެދުގެ އަދަދެއްގެ މީހުންނާއެކު ގުޅުން ހިންގައި ވީޑިއޯކޮށްފައިވާ ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ވީޑިއޯ ކޮށްފައިވަނީ ބްލެކްމެއިލް ކުރަން ނޫން ކަމަށާއި އެ ވީޑިއޯތަކާ ގުޅިގެން އެއްވެސް މީހަކަށް ގުޅާފައިނުވާނެ ކަމަށް ވެސް އަލަމްގީރް ބުނެފައިވެއެވެ. އަދި ބުނެފައިވަނީ ފަހުން އެ ވީޑިއޯތައް ފޯނުން ޑިލީޓް ކޮށްފައިވާ ކަމަށާއި އެ ވީޑިއޯތައް ޑިލީޓް ކޮށްލީ ސަޕްލައި ދޯނީގެ ވެރިމީހާއަށް އެ ފޯނުން އޭނާގެ ބަރަހަނާ ފޮޓޯ ފެނިގެން ކަމަށެވެ. އަދި އޭގެ ފަހުން އޭނާ އެއް ޖިންސުން ގުޅުން ހިންގުން ހުއްޓާލައި ތައުބާވެފައިވާ ކަމަށެވެ.

ފޯނުން ވީޑިއޯތައް ޑިލީޓް ކުރުމަށްފަހު އެ ފޯނު ދަބަހަކަށް ލާފައި ބޭއްވި ކަމަށާއި، އެ ވީޑިއޯތައް ލީކުވެގެން ފޯނު ކޮބައިތޯ ބެލިއިރު ދަބަހުގައި ފޯނު ނެތްކަމަށް އަލަމްގީރް ބުނެފައިވެއެވެ.

އަލްމްގީރް ބުނެފައިވަނީ ވީޑިއޯތައް ލީކުކޮށްލީ އޭނާގެ ފޯނު ވަގަށް ނެގި މީހުން ކަމަށެވެ.