އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲއަށް 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ހައިކޯޓުން ދެންމެ އަމުރުކޮށްފިއެވެ.

މުއްސަބަށް މުސާރަ ނުލިބޭ ގޮތަށް ދުވަސްތަކަކަށް ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު އޭނާ ވަޒީފާއިން ވަކިކުރީ 10 ސެޕްޓެމްބަރު 2019 ގައެވެ. އެއީ އެސްއޭޕީ ސޮފްޓްވެއާގައި ރަޖިސްޓްރީކޮށް މިނިސްޓްރީގައި ނެތް މުވައްޒަފަކަށް ގަވާއިދާ ހިލާފަށް މުސާރަ ދިނުމާއި ވަޒިފާއާ ގުޅުންހުރި ކަންކަމުގައި އިހުމާލުވުމާއި ނުފޫޒު ބޭނުންކުރުމާއި 17 މެއި 2019 ގައި ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޓްވީޓާގައި އާއްމުކުރި މައްސަލައެއް ތަހުގީގު ކުރުމަށްފަހުގައެވެ.

އެކަމާ ގުޅިގެން މުއްސަބުގެ ފަރާތުން އެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅިއެވެ. ކޯޓުގައި އޭނާ އެދިފައިވަނީ، ވަޒީފާއިން ވަކިކުރީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ނިންމުން ބާތިލުކޮށްދިނުމުގެ އިތުރުން، އޭނާ ސަސްޕެންޑްކުރީ ގާނޫނާ ހިލާފަށް ކަމަށާއި ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިޔާދަކުރުމާ ހަމައަށް ވަޒީފާގައި ދެމިހުރި ނަމަ ލިބޭނެ މުސާރައާއި އިނާޔަތްތައް ހޯދުމަށާއި ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލައިގައި ކުރިއަށްދާން ޖެހުމުން ހަރަދު ކުރަންޖެހުނު އެންމެހާ ފައިސާ ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ނަގައި ދިނުމަށް އަމުރު ކޮށްދިނުމަށެވެ.

އޮކްޓޯބަރު 2019 ގައި ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ އެ ކޯޓުން ބަލައި، ޑިސެމްބަރު 2020 ގައި ކުރި ހުކުމުގައި ވަނީ އެގޮތަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގާ އަމުރުކުރާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް މުއްްސަބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ، މުއްސަބުގެ މައްޗަށް ގިނަ މައްސަލަަތަކެއް ތަހުގީގު ކުރި ކަމަށް އޮތް ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރި ޗިޓުގައި ހަވާލާދީފައި ވަނީ ސިއްރު ލިޔުން ޓްވީޓާގައި އާއްމު ކުރި މައްސަލައަށް އެކަނި ކަމަށެވެ.

ޓްވީޓާގައި ހާމަކޮށްފައިވަނީ ސިއްރު މައުލޫމާތު ކަމަށް ދައުލަތުން ބުނާ ލިޔުމަކީ އިސްލާމިކް މިނިސްޓްރީން 13 ނޮވެމްބަރު 2018 ގައި އޭސީސީއަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެ ކޮމިޝަނުން މިނިސްޓްރީއަށް ފޮނުވި، މައްސަލަ ނިންމި ގޮތް ކަމަށާއި އެ ލިޔުމަކީ އެއް ސިޓީއެއްގެ ގޮތުގައި މުއްސަބަށާއި އިސްލާމިކް މިނިސްޓްރީއަށް ފޮނުވުމަށްފަހު އޭސީސީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ސިޓީއެއް ކަމަށްވެސް ވިދާޅުވިއެވެ.

"އެ ސިޓީގެ ސްކްރީން ޝޮޓަށް ބަލައި އިރު، އޭގައި ފެންނަން އޮތީ ހަމައެކަނި މައްސަލަ ނިންމި ގޮތުގެ ކޮންޓެންޓް، އެއީ އޭސީސީން އިސްލާމިކު މިނިސްޓްރީއަށް ފޮނުވި ސިޓީއެއްކަން އެނގޭނެ އެއްވެސް ކަމެއް ފެންނާކަށް ނެތް، އަދި އެކަން ސާބިތު ކޮށްދެވޭނެ ހެތްކެއް ގަރީނާއެއްވެސް ދައުލަތުން ހުށަހަޅާފައިވާކަން އެނގޭކަށް ނެތް، އެހެންކަމުން އެ މައްޗަށް ބިނާކޮށް މުއްސަބު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ސިއްރު މައުލޫމާތަކީ ކޮބައިކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވޭ،" ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ، ސަރުކާރުގެ އިދާރާއަކުން އަނެއް އިދާރާއަކަށް ފޮނުވާފައިވާ ލިޔުމެއް މުއްސަބު އަމިއްލަ ހައިސިއްޔަތުން ހާމަކޮށްފައިވާ ކަމަަށް ނުދެކޭ ކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވާއިދާ ހިލާފަށް އޭނާ ދައުލަތުގެ ސިއްރު މައުލޫމާތެއް ހާމަކޮށްފައިވާ ކަމަަށް ބުނެ އެ މައްޗަށް ބިނާކޮށް އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ބުނާ ސަަބަބު ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް ހައިކޯޓުން އަމުރުކުރީ މުސާރަ ނުލިބޭ ގޮތަށް މުއްސަބް ވަޒީފާއިން ސަސްޕެންޑް ކޮށްފައި ހުރި މުއްދަތުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 86333 ރުފިޔާ އަދި އޭނާ ވަޒީފާއިން ވަކިކުރި ތާރީހު ކަމަށްވާ 10 ސެޕްޓެމްބަރު 2019 އިން ފެށިގެން މުއްސަބާއި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ހަދާފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރިހު ކަމަށްވާ 24 ޖުލައި 2022 އާ ހަމައަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ 1,101,333 އާއެކު ޖުމުލަ 1,187,666 ރުފިޔާ 14 ދުވަހުގެ ތެރޭގައި މުއްސަބަށް ދެއްކުމަށެވެ.