ޚަބަރު

ކްރެމަ ޖީއެމްބީއެޗްއިން އެދުނު ގޮތަށް ތ. ކާއްޑޫ އެއްވެސް ފަރާތަކަށް ދޫނުކުރުމުގެ އަމުރެއް ނުނެރެދިން

އިބްރާހިމް ޒަކީ

އަމިއްލަ ކުންފުންޏެއް ކަމަށްވާ ކްރެމަ ޖީއެމްބީއެޗް އިން ސިވިލް ކޯޓުގައި އެދުނު ގޮތަށް، ތ. ކާއްޑޫ އެއްވެސް ފަރާތަކަށް ދޫ ނުކުރުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން އަމުރު ނެރެއެއް ނުދިނެވެ.

އެގޮތަށް އަމުރު ނެރެދިނުމަށް ކްރެމަ ޖީއެމްބީއެޗްގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅީ، ޓޫރިޒަމް ތަރައްގީ ކުރުމަށް 2021 ވަނަ އަހަރުގެ 31 އޮކްޓުބަރުގައި ޓޫރިޒަމް މިނިސްޓްރީން ހުޅުވައިލި ރައްތަކުގެ ތެރޭން ތ. ކާއްޑޫއަށް ބިޑު ހުށަހެޅި ހަމައެކަނި ފަރާތަކީ އެކުންފުނި ކަމަށްވެފައި އެ ފަރާތުން ހުށަހެޅި ބިޑް ޑޮކިއުމެންޓް ޓޫރިޒަމް މިނިސްޓްރީން ޑިސްކޮލިފައި ކޮށްފައިވާ މައްސަލަ ސިވިލްކޯޓުގައި ކުރިއަށްދާތީއެވެ.

ކްރެމަ ޖީއެމްބީއެޗް އިން ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓްރީން އެ ބިޑް ޑޮކިއުމެންޓް ޑިސްކޮލިފައި ކޮށްފައި ވަނީ އެ މިނިސްޓްރީގެ އިންޓްރެކްޓާސް ޓު ބިޑާސް (އައިޓީބީ) ގައި ބަޔާން ކޮށްފައިވާ މާއްދާތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން ކްރެމަ ޖީއެމްބީއެޗްއިން ހުށަހެޅި ބިޑަކީ ސައްހަ ބިޑެއްގެ ގޮތުގައި ބަލައިގަތުމަށާއި، ބިޑް ޑޮކިއުމެންޓްގެ ޝަރުތުތަކާ އެއްގޮތަށް ލެޓާ އޮފް އެވޯޑު ދޫކުރުމަށާއި، ތ. ކާއްޑޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމުގެ ފުރުސަތު ކްރެމަ ޖީއެމްބީއެޗް އަށް ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް އަމުރުކޮށްދިނުމަށް ޖީއެމްބީއެޗް އިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

އެހެންކަމުން އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރުމުގެ ކުރިން ތ. ކާއްޑޫ ޓޫރިޒަމްގެ ބޭނުމަށް ނުވަތަ އެނޫންވެސް ބޭނުމަކަށް ދޫ ނުކުރުމަށާއި، އެފަދަ ބޭނުމަކަށް ދޫކުރާ ރަށްތަކުގެ ލިސްޓެއްގައި ނުހިމެނުމަށާއި، އަދި ދައުލަތް ހިމެނޭހެން އެއްވެސް ފަރާތެއްގެ ބޭނުމަށް ދޫކުރާ ރަށެއްގެ ގޮތުގައި ތ. ކާއްޑޫ އެކަށަ ނޭޅުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް، ވަގުތީ އަމުރެއް ނެރެދިނުމަށް ކްރެމަ ޖީއެމްބީއެޗް އިން ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަނީ މި ދައުވާގެ މައުލޫއާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، ތ. ކާއްޑޫގެ މައްޗަށް ކްރެމަ ޖީއެމްބީއެޗް އަށް ހައްގެއް އުފަންވެފައިވާ ކަމަށް ބުނެވިދާނެ ކަމަށް ނުދެކޭ ކަމަށެވެ. ތ. ކާއްޑޫ އާ ގުޅޭގޮތުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެދުމުގެ ހައިސިއްޔަތު ކްރެމަ ޖީއެމްބީއެޗް އަށް ލިބިގެންވާ ކަމަކަށް ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ކްރެމަ ޖީއެމްބީއެޗް ގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގއިވެއެވެ.