ރިޕޯޓް

އިރުވައިގެ އުދަޔަށް ދިއްގަރު ރައްޔިތުން ރޭގަނޑު ހޭލައިތިބުން ނިމުމަކަށް، ހިމާޔަތުގެ ތޮއްޓާއެކު ހިނިތުންވުން

އަލީ ޔާމިން

"އަޅުގަނޑުމެންގެ ރައްޔިތުން ކޮންމެ އިރުވައެއްގައި މިތިބެނީ ހަމަނިދި ނުލިބި ބިރުވެރިކަމެއްގެ ތެރޭގަ. ރަށަށް އުދަ އަރާ ދުވަސްވަރު ރަށުގެ ދެބައިކުޅަ އެއްބަޔަށް ލޮނުގެ އަސަރު ކުރޭ. ދެބައިކުޅަ އެއްބައި ގެއަށް ލޮނުގެ އަސަރުކޮށް އެގޭގޭގެ ތަކެއްޗަށާއި ގަސްގަހާގެއްސަށް ގެއްލުން ލިބެމުންދިޔަ. އެހެން ނަމަވެސް، މިރަށުގަ ރައީސް ސޯލިހުގެ ޒައާމަތުގައި ތޮށިލެވުމުން މިރަށަށް މިއަހަރު އިރުވައެއް ނާދޭ." މިއީ ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ސަބަބުން އެރަށަށް ލިބުނު ފައިދާ ސިދަކޮށްދެމުން، ކައުންސިލް ރައީސް އަހުމަދު ނިޝާން ވިދާޅުވި ޖުމުލައެވެ.

ދިއްގަރަކީ ފުރިފައި އޮތް ގާމަތީ ރަށެކެވެ. ރަށުގައި 1،300 އެއްހާ މީހުން ދިރިއުޅޭއިރު، މިރަށަކީ މިއަތޮޅުގެވެސް އެންމެ ބޮޑު އާބާދީއެއް އޮތް އެއްރަށެވެ. ނަމަވެސް މިރަށުގެ ރައްޔިތުންނަށް ކޮންމެ އިރުވައެއް ބައްދަލުވަނީ ބިރުވެރިކަމުގެ ހުޅަނގު މޫސުމަކަށެވެ. ގަދަ ހަޅައާއި އުދައިގެ ލޮނުގަނޑު ރަށުގެ އެތައް ގެޔަކަށް ވަދެއެވެ. ހިފައިގެންގުޅޭ ތަކެއްޗަށް ގެއްލުންވެ، ހަމަ ނިދިން ރަށުގެ ރައްޔިތުން މަހުރޫމުކޮށްލައެވެ. އުދައިން ސަލާމާތްވުމުގެ މަސައްކަތުގައި ރެއާއި ދުވާލު އުޅެން ޖެހުނެވެ. ނަމަވެސް މިރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމާއެކު އެ ތަކުލީފަށް މިހާރު ވަނީ ނިމުމެއް އައިސްފައެވެ. އިރުވައިގެ ބިރުވެރިކަމުން ދިއްގަރު ރައްޔިތުން ވަނީ ސަލާމަތްވެފައެވެ.

"ޒަމާނުއްސުރެ ދިއްގަރުގެ ރައްޔިތުން އުޅެމުން އައީ ހަގީގަތުވެސް ވަރަށް ހާލުގަ. ހާއްސަކޮށް އިރުވައި މޫސުމުގެ އުދަ، އެރާޅުތަކުގެ ތެރޭގައި ވަރަށް ބޮޑެތި ތަކުލީފުތަކެއް ދިއްގަރު ރައްޔިތުން އުފުލައިފި. މީގެ ކުރިން އަޅުގަނޑުމެންގެ ކާބަފައިން ގަލުން ބާޑި ޖަހައި ހިމާޔަތްކުރުމުގެ މަސައްކަތް ކުރެއްވި، ގެކައިރީ، ގެޔަށް ރާޅު ޖަހާތީ. ކޮންމެ ދުވާލެއްގަ މިކުރެވޭ މަސައްކަތް މި އޮންނަނީ ޖެހިގެން އަންނަ ދުވަހު އިރު އަރާއިރު ފުނޑުފުނޑުވެފަ. ހަމަ އަނެއްކާވެސް އެ މަސައްކަތް ޖެހިގެން އަންނަ ދުވަހު ކުރަން ޖެހިފަ. މިހެން މި ތަކުލީފުގަ މުޅި އިރުވައި މޫސުން އަޅުގަނޑުމެން ތަހައްމަލުކުރަން ޖެހިފަ އޮތީ" އުދައިގެ ސަބަބުން ދިއްގަރަށް ވާ އުނދަގޫ ތަފްސީލުކޮށްދެއްވައި ކައުންސިލް ރައީސް ނިޝާން ވިދާޅުވިއެވެ.

އުދައިން ސަލާމަތްވުމަށް ސަރުކާރުން 27 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދަކަށް ވެލި އަޅައި ހިލަތޮށި މިވަނީ ލައިފައެވެ. އެމްޓީސީސީގެ ގާބިލު ޓީމުން އެ މަސައްކަތް ނިންމައި، ރަށު ކައުންސިލާ ހަވާލުކޮށްފައިވާއިރު، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވެސް ވަނީ ދިއްގަރަށް މިހާރު އުދައިގެ އަސަރު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

"މިއަހަރުގެ އިރުވައި މޫސުން ފެށިއްޖެތޯ؟" ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި އާޒިމް ރައްޔިތުންނާ ސުވާލުކުރެއްވިއެވެ. ހަރު އަޑުން ރައްޔިތުން ވަނީ އިރުވައި ނާންނަ ކަމަށް ބުނެފައެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއިން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ. އަހަރެއްވެސް ނުވަނީސް އެ މަޝްރޫއު ނިންމައި ދިއްގަރުގެ ރައްޔިތުންނަށް ހަމަނިދި ނިދޭނެ ގޮތް ހަދައިދިނުމުން ރައްޔިތުން ތިބީ އުފަލުންނެވެ.

"މިއީ ވަރަށް ބޮޑު އުފަލެއް. މިއީ އެތައް އަހަރެއްގެ އުންމީދެއް. ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގަ މިގެއަށް ލޮނުވަދޭ. ހަމަ ގިނަ އެއްޗެހި ހަލާކުވެ މާލީ ބޮޑު ގެއްލުމެއް ވޭ" ދިއްގަރުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއެކު އެރަށުގެ ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ. ދިއްގަރު ރައްޔިތުންނަށް އުދައިން ސަލާމަތްވެ، ހަމަނިދި ނިދާލެވުނީ އަދި ކިރިޔާއެވެ.