ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
އެކަން މަޖިލިސް އިދާރާއިން ވަނީ ކަށަަވރު ކޮށްދެއްވައިފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިއާ ވަން އަށް ވިދާޅުވީ، މަޖިލިސް ރައީސްގެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަމުން އެ ދަތުރުފުޅާބެހޭ މައުލޫމާތު އެނގިވަޑައިގަންނަވާނީ ފޯމާ ޕްރެޒިޑެންޓްސް އޮފީހަށް ކަމަށެވެ. އެހެންކަމުން އެއީ ކިތައް ދުވަހުގެ ދަތުރުފުޅެއް ކަމެއް އަދި އެ ދަތުރުފުޅުގެ ބޭނުމެއް އަދި އެނގިފައެއް ނުވެއެވެ.
މިދިޔަ އޭޕްރީލް މަހުވެސް އެމަނިކުފާނު ވަނީ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ފަހަރުގެ ދަތުރުފުޅަކީ، އެ ގައުމުގައި އޮތް ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
އިންޑިއާ އާއި ރާއްޖެއަކީ ހުރިހާ ގޮތަކުން ވަރަށް ގާތް ދެ ގައުމެވެ. މަޖިލިސް ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް އެކި ކަންކަމުގައި އިންޑިއާއާށް ވަރަށް ގިނައިން ދަތުރުފުޅު ކުރައްވައެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ރަސްމީ ވާހަކަތައް ބޭއްވެވިއެވެ. އަދި އެ ގައުމުން ރާއްޖޭގެ އެކި ކަންކަން ތަރައްގީ ކުރުމަށް ދޭ އިތުރު ލޯނުތަކެއް ހިމެނޭ އެއްބަސްވުންތަކެއްގައި ވަނީ ސޮއި ކުރައްވައިފައެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް