ރިޕޯޓް

ފަހުވަގުތު އެންމެ ލޯބިވާ ކުޅިވަރުގެ ކޯޓުތެރޭގައި: މެޔަށް ތަދުވިހެން ހީވެގެން އެހީމަ ބުނީ އޯކޭ ކަމަށް، ކުޅެވޭނެ ކަމަށް

މުޙައްމަދު ޝަމްޢޫން

1

"ހަރަކާތްތައް ހުރި ގޮތުން ދެފަހަރަކަށް އަޅުގަނޑުވެސް އަހާލިން އުނދަގޫތަކެއް ވަނީތޯ. އެހެން ދެ ކުޅުންތެރިޔަކުވެސް އަހާލި މެއަށް ނޫނީ ކޮނޑަށް ތަދުވަނީތޯ. އެކަމަކު ޑަކީ ބުނީ މައްސަލައެއް ނެތް ކަމަށް. ކުޅެވޭނެ ކަމަށް. އޭގެ ފަހުން ދެތިން ޕޮއިންޓެއް ނެގިތަނާ އަޑެއް އިވިގެން ކޯޓު ތެރޭގައި ހުރެފައި އެނބުރިލިއިރު ޑަކީ އޮތީ ވެއްޓިފަ،" އދ. ދިއްދޫ ކައުންސިލްގެ ނައިބު ރައީސް، އަދި ވޮލީ ޓީމުގެ ސެޓަރު، ކެޕްޓަން އަހުމަދު އާދަމް އޭނާގެ ހަޔާތުގެ އެންމެ ހިތްދަތި އެއްވަގުތުކޮޅު ސިފަކޮށްދެމުން "ވަން" އަށް ބުންޏެވެ.

މުޅި ދިއްދުއަށް މޮޅީގެ ސާލެއް ލެވި، ރައްޔިތު އެންމެ މިވަގުތު ތިބީ ހަމަހިމޭން ކަމެއްގައެވެ. ކުއްލި މަރެއްގެ ޝޮކެއްގައެވެ. ދިއްދޫ މީހުންނަށް މިއީ ހިތާމައިގެ ކޮޅެއް ނެތް ޖަޒުބާތީ ދުވަހެކެވެ. ރަށުގެ އެންމެ ރައްޔިތުން ކަހަލަ ގޮތަކަށް ރޭ ގޮސް ތިބީ އދ. މާމިގިލީގައެވެ. ޓީމާއެކުގައެވެ. ޓީމަށް ކައްކައިދޭނެ ބަޔަކާއެކު ޓީމު މާމިގިލީގައި ކޭމްޕް ކޮށްގެން އުޅޭތާ ދުވަސްކޮޅެއް ވެފައިވާ އިރު، ރޭގެ މެޗަށް މުޅި ރަށް ކަހަލަ ގޮތަކަށް އޮތީ މާމިގިއްޔަށް ގޮހެވެ.

އދ. އަތޮޅުގައި މިހާރު ކުރިއަށްދާ ރާއްޖެ އެޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ އެއަތޮޅު މުބާރާތުގެ މެޗުގައި އދ. ދިއްދޫ ރައްޔިތުންގެ ގުޅުމާއި ދަނގެތީ އަންވާރު ސްޕޯޓްސް ކްލަބް ރޭ ކުޅުނު މެޗުގެ ސެޓުތައް ފޯރިގަދަކޮށް ގޮސް، ތިންވަނަ ސެޓުގައިވެސް ލީޑު ކުރަމުން ދިޔައީ އަތޮޅު ވޮލީގައި ކާމިޔާބު ދިއްދޫ އެވެ. ސެޓުގެ ފަހުކޮޅުގައި މުޅި ކޯޓަށް ސިހުން ގެނުވީ ޓީމުގެ ތަރި އަހުމަދު އަބްދުﷲ (ޑަކީ)، 37 ކުއްލިއަކަށް ކޯޓު ތެރެއަށް ވެއްޓުމާ އެކުގައެވެ.

"ފުރަތަމަ ހީކުރީ އަކުނިވަޔަށް ދަމަނީ ކަމަށް. އެކަމަކު ފަހުން އެނގުނު ނޭވާލާން އުނދަގޫވެ، ހަމަ ފިޓަކަށް ދިޔައީކަން. އެހިސާބުން ޓީމުގެ އޮފިޝަލުން ޑަކީއަށް އެޓެންޑްވި. އަޅުގަނޑު ބެލިން އެންމެން ބޮނޑިވިޔަ ނުދީ މާހައުލު ހަމަޖެއްސޭތޯ. ގާތްގަނޑަކަށް ވަރަށް އަވަސް ވަގުތެއްގެ ތެރޭގައި ސިއްހީ މަރުކަޒަށް ގެންދެވިފަވަނީ. އެކަމަކު ހަބަރު ލިބުނު ގޮތުގަ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފަ،" އަހުމަދު ބުންޏެވެ.

ޕިކަޕެއްގައި ޑަކީ ސިއްހީ މަރުކަޒަށް ގެންދިޔުމާއެކު މެޗުގެ ހަތަރުވަނަ ސެޓު ނުފަށައި ދިއްދޫ ޓީމުން މަޑުކުރީއެވެ. އެއީ ކުއްލި ވެއްޓުމާއެކު އެކަމުގެ ހަބަރު ސާފުނުކޮށް އަލުން ނުކުޅުމަށެވެ. އިރުކޮޅެއް ތެރޭ ހަބަރު ލިބުނީ އަތޮޅުގެ، އަދި މުޅި ރާއްޖޭގައިވެސް ވޮލީއަށް މަޝްހޫރު، ތަރި ޑަކީ ދުނިޔެ ދޫކުރި ހަބަރެވެ. އެ ހަބަރާއެކު ދިއްދޫ ޓީމު އެކުގައި މޮޅިވެރިކަމަށް ގޮސް، ކޯޓުން ފޭބީ މެޗު ދޫކޮށްލައިފައެވެ. މުބާރާތުގައި ކުރިއަށް ދާންވެސް ދެން ޓީމު ބޭނުމެއް ނުވެއެވެ.

"ޑަކީއަށް ވީ ގޮތެއް ބަލަން ހަތަރުވަނަ ސެޓަށް މަޑުކުރިން. ހިޔާލަށްވެސް ނާދޭ މަރުގެ ހަބަރު ލިބޭނެ ކަމަކަށް. އެއީ މެންޓަލީ ޓީމު ތައްޔާރުވެފައިވާ ހާލަތެއް ނޫން. ކޭމްޕް ޖަހައިގެން ޑަކީވެސް ޓީމު ތެރޭގަ ސަމާސާ ކޮށް، ސަކަރާތް ޖަހައި މިއުޅެނީ. މެޗުގެ ކުރިން އެންމެ ބޮޑަށް ވާހަކަ ދައްކައި ސަކަރާތް ޖަހައި އުޅުނީވެސް ޑަކީ. އަދި މެޗަށް އަރާވެސް އެންމެ ރަނގަޅަށް ކުޅުނީ ޑަކީ. ކުޅުންތެރިންނާއި މުޅި ޓީމަށްވެސް މިއީ ގަބޫލުކުރަން ދަތި ހިތްދަތި ކަމެއް،" އަހުމަދު ކިޔައިދިނެވެ.

ދިއްދޫއަކީ ވޮލީގެ ކާމިޔާބު ރަށެކެވެ. ވޮލީއަށް ރަށަށް ހޯދައިދިން ހުރިހާ ކާމިޔާބީއެއްގެ އެއް ބާނީއަކީ ޑަކީ އެވެ. އަހުމަދުގެ ނަޒަރުގައި ވެސް ޑަކީއަކީ ރަށުގެ އެންމެ ކާމިޔާބު އެއް ވޮލީ ކުޅުންތެރިޔާއެވެ. "ގެއްލިގެން އެ ދިޔައީ ރަށު ވޮލީގައިި އެންމެ ހާއްސަ އެއް ކުޅުންތެރިޔާ،" އެވެ. ހިތްހެޔޮކަމުގެ ނަމޫނާ ޝަހުސިއްޔެތެކެވެ. "ޑަކީ ދުނިޔެއާ ވަކިވެގެން ދިޔައީ ކުޑައިރުންސުރެ އެންމެ ލޯބިދިން ކުޅިވަރުގައި ރަށް ތަމްސީލުކުރަން ހުއްޓައެވެ".

އިރުއެރުމުގެ ކުރިން ފަތިސް ނަމާދަށްފަހު މާމިގިލީގައި ޑަކީގެ ހަށިގަނޑު ވަނީ ވަޅުލައިފައެވެ. ޑަކީގެ ކަށުކަމާކެމީގެ ކަންކަން މާމިގިލީގައި ކުރީ އޭނާގެ އާއިލާއިން އެގޮތަށް ބޭނުން ވެގެންނެވެ. މިވަގުތު ޓީމުގެ ކެޕްޓަން އަހުމަދު ކުރަމުން އަންނަ މަސައްކަތަކީ ހިތްވަރު ދީ، ކެތްތެރިވާން ބުނެދިނުމެވެ.

"ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. ހިތްވަރުކުރަން މި އިރުޝާދު ދެނީ. ދެން ހަމަ ދުއާކޮށް މާޔޫސްކަން ކުޑަކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޓީމަށްވެސް އިރުޝާދު ދެނީ،" އަހުމަދު ބުންޏެވެ.

ކައުންސިލް ރައީސް އަހުމަދު އާދަމްވެސް ހުރީ ކޯޓުގައި ޑަކީއާ ޖެހިގެންނެވެ. މޭ ދަށަށް ކުރަމުން ދިޔަ އުނދަގޫ ފެނި "އަހާލި ނަމަވެސް ޑަކީ އެންމެ ފަހުވަގުތުވެސް ދިނީ އޯކޭ" ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. ކުއްލިއަކަށް ވެއްޓުމާއެކު އިރުކޮޅެއް ފަހުން ލިބުނު މަރުގެ ހަބަރުން ވާހަކަ ދައްކަންވެސް އަހުމަދު އާދަމަށް އުނދަގުލެވެ. އެވާހަކަ ކިޔައިދޭންވެސް ދައްޗެވެ.

ކޯޓުގައި "ނެޗުރަލް ޓެލެންޓެއް"

ބައެއް ކުޅުންތެރިންނަކީ މާ ބޮޑަށް ކޯޗުން ކިޔައިދޭން ޖެހޭ ކުޅުންތެރިންނެއް ނޫނެވެ. ހާއްސަކޮށް ޓެކްނިކަލް ކަންކަމުގެ ހުނަރަކީ އެކިއެކި ކުޅިވަރުން، ބައެއް ކުޅުންތެރިންނަށް އުފެދުމުގައި ދަސްވެފައި ހުންނަ ކަންކަމެވެ. އެއަށް ކިޔައީ "ބޯން ޓެލެންޓް"، ނުވަތަ "ނެޗަލް ޓެލެންޓް،" އެވެ. ޑަކީއަކީ އެފަދަ ވޮލީ ކުޅުންތެރިއެއްކަން ކޯޗުން ބުނެއެވެ.

"ޑަކީއަކީ ހާއްސަކޮށް އަތޮޅު ފެންވަރުގެ ތަރިއެއް. މާލޭ ގެނެސްގެން ފުރަތަމަ ޑިވިޝަން ލެވެލްގަ އަޅުގަނޑުގެ ކޯޗުކަމުގައިވެސް ކުޅުވިން. މާލޭ ލީގުގަ ވިކެންޒާއަށް ކުޅެފައިވޭ. ސަން އައިލެންޑުން އެ ޒޯނުގައި ހޯދި ކާމިޔާބީޔަކުގައި އޭނާގެ ދައުރު ވަރަށް ބޮޑުވާނެ. އެ ރަށަކީ ވޮލީބޯޅައިގައި ވަރަށް ބޮޑު ރަށެއް،" ޑަކީގެ ވަކިވުމާއެކު ކުއްލި ސިހުމެއްގައި ހުރި ކުރީގެ ގައުމީ ޓީމުގެ ވޮލީ ކޯޗު މުހައްމަދު ޝަރަފް "ވަން" އަށް ބުންޏެވެ.

"ތިން ހަތަރު މުބާރާތުގައި މަސައްކަތް ކުރިން ޑަކީއާއެކު. ވަރަށް ވިސްނުން ތޫނު ޕްލޭޔަރެއް އެއީ. ގުދުރަތީ ގޮތުން ވޮލީގަ ވަރަށް ހުނަރު ހުރި މީހެއް. އަނެއްހެން ކޯޓުން ބޭރަށް ބަލާއިރު، ރައްޓެހިން ގިނަވާނެ. އެއީ ރަނގަޅު ރައްޓެއްސެއްވީމަ. އެއީ ވަރަށް ރަނގަޅު ރައްޓެއްސެއް،" ބ. އަތޮޅުގައި މިވަގުތު ހުރި ޝަރަފް ބުންޏެވެ.

ދިއްދޫ ޓީމަކީ ޝަރަފު ދުރުގައި ހުރެވެސް ޓެކްނިކަލް ލަފާ ދެމުން ދިޔަވެސް ޓީމެކެވެ. އިއްޔެ ކުޅުނީ މުބާރާތުގެ މުހިއްމު މެޗެކެވެ. އެ މުހިއްމު މެޗުގައި ޓީމުން ގެއްލިގެން ދިޔައީ އެންމެ މުހިއްމު ކުޅުންތެރިޔާ އެއެވެ. ޝަރަފުގެ ނަޒަރުގައި އެޓީމުގެ ލީޑަރަކީ ޑަކީއެވެ. މި މުބާރާތުގެ ތެރެއިންވެސް ޓީމު ކަންކަމުގައި ޝަރަފަށް ޑަކީއާ މުއާމަލާތްތައް ކުރެވިފައި ހުރުންވީ މަރުގެ ސިހުން ބޮޑުވި ސަބަބަށެވެ.

"މިކޮޅުގަ އިންޓަ ރިސޯޓް ޓީމަކާ ހަވާލުވެ މިހުރީ. ޕްރެކްޓިސް މެޗެއް ނިންމާފަ ގޮސް ކައިނިމުނުތަނާ ޑަކީގެ މަރުގެ ހަބަރު ލިބުނީ. އަދިވެސް ޑަކީ ނެތްކަމުގެ އިހުސާސް ގަބޫލުކުރަން ދަތިވެފަ މިހުންނަނީ." ޝަރަފު ބުންޏެވެ.

ކުޅިވަރުގެ ތެރެއިން އަންނަ ކުއްލި ހާލަތްތައް، ތައްޔާރީ ފިޔަވަޅުތަކަށް ސަމާލުކަން ބޮޑުކުރަން ވިސްނަންވެއްޖެ!

ކުޅިވަރުގެ ތެރެއިން އަންނަ ކުއްލި ހާލަތްތަކަށް ސަމާލުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްވެސް މެއެވެ. ހާއްސަކޮށް ހާދިސާތަކާ ދިމާކޮށް ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެފަދަ ސަލާމަތީ ކަންކަން އިތުރު ވެގެން ދެއެވެ.

ނަޒަރު ހިންގާލަމާ ހިނގާށެވެ. މިދިޔަ އަހަރު އޮތް ޔޫރޯގައި ޑެންމާކާއި ފިންލޭންޑް ވާދަކުރި މެޗުގައި، ހިތް ހުއްޓި ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާއެކު ހިނގި އެތައް ކަމެއް އަދި ހަނދާނުގައި ހުންނާނެއެވެ. އަވަސް ރެސްޕޯންސަކުން އެރިކްސަންގެ ފުރާނަ ސަލާމަތްވެ މިވަގުތު ކުޅެމުން އަންނަ އިރު، އެ ހާދިސާއަށްފަހު އެތައް ސްޓޭޑިއަމެއްގައި ޑިފިބްރިލޭޝަންގެ ހިދުމަތަށް އަވަސް އެހީ ތައްޔާރު ކޮށްފިއެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ކޮންމެ ސްޓޭޑިއަމެއްގައިވެސް މިހާރު އެ ހިދުމަތް ދޭން މަޖުބޫރެވެ. އެއީ ހާދިސާއިން ލިބިގަތް ފިލާވަޅެވެ.

ރާއްޖޭގެ ފުންނާބު އުސް ބައެއް ފަރާތްތަކުންވެސް ވަނީ ކުޅިވަރުގެ ކުއްލި ހާދިސާތަކަށް ސަމާލުވާން އެދިފައެވެ. އެގޮތުން އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ރާއްޖޭގެ ކުރީގެ އެއްވަނަ ފޯވަޑް ޝާހް އިސްމާއީލް ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އެތުލީޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް "ޕްރީ ޓޯނަމެންޓް މެޑިކަލް" އެއް ފުރިހަމަ ކުރާ ގޮތަށް އޮތުން މުހިއްމު ކަމަށް ދެކޭ ކަމަށެވެ.

"އެތުލީޓުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެ މުބާރާތެއްގެ ކުރިން ޕްރި ޓޯނަމެންޓް މެޑިކަލްއެއް ފުރިހަމަ ކުރާ ގޮތެއް އޮންނަން ޖެހޭ ކަމާމެދު ވިސްނަންވީ ވަގުތު މިއީ. އަޅުގަނޑު ސްޕޯޓްސް ކައުންސިލަށް ގޮވާލަން މިނިމަމް މެޑިކަލް މިންވަރެއް ކަނޑައަޅައި، ގައުމީ ލެވެލްގެ މުބާރާތްތަކުގައި އެ މެޑިކަލް ފުރިހަމަކޮށްގެން ނޫނީ ނުކުޅެވޭނެ ގޮތަށް ހަދަން. މިއީ ފައިސާ ހިނގާނެ ކަމެއްކަންވެސް އެނގޭ. އެކަމަކު ސަލާމަތަށް ސަމާލުވާން ޖެހޭ،" ޝާހް ބުނެފައިވެއެވެ.

ޑަކީގެ މަރުގެ ހިތާމައިގެ މުޅި ވޮލީ އާއިލާ އޮތީ ސިހުމެއްގައެވެ. އެސޯސިއޭޝަނުން ރަސްމީ ބަޔާނެއްގައި އާއިލާއަށް ހިތްވަރު ދީފައިވާ އިރު، ތައުޒިޔާގެ މެސެޖުތައް އޮހެމުން ދެއެވެ. އާއިލާއާއި މުޅި ދިއްދުއަށް މިއީ ގަބޫލުކުރަން ދަތި ކުއްލި މަރެކެވެ. ޒުވާން ހުނަރުވެރި ޑަކީއާއެކު ދިއްދޫ ވޮލީއަށް ގެއްލުނީ ތަރިއެކެވެ. ޑަކީއަކީ ދެ ކުދިންގެ ބައްޕައެކެވެ. އެތައް ބައެއްގެ މިތުރެކެވެ. އާއިލާއަށް ކެތްތެރިކަން ދެއްވައި، ދިއްދޫ ނޫވިލާގޭ، އަހުމަދު އަބްދުﷲ އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. އާމީން!