ބޮޑު އަގުގައި 2019 ވަނަ އަހަރު އާސެނަލްއަށް ގެންދިޔަ ނިކޮލަސް ޕެޕޭ، ލޯން އެއްބަސްވުމެއްގައި ފްރާންސްގެ ލީގުގެ ނީސްއަށް ބަދަލުވެއްޖެއެވެ.
އުމުރުން 27 އަހަރުގެ ޕެޕޭ ނީސްއަށް ދިޔައީ އެއް އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމުގައި ލޯން ނިމުމުން ނީސްއަށް ޕެޕޭ ގަނެވުމުގެ މާއްދާއެއް ހިމަނާފައެއް ނުވެއެވެ. ފްރާންސް ލީގުގެ ލިލްއިން 2019 ވަނަ އަހަރު ޕެޕޭ އާސެނަލްއަށް ގެންދިޔައީ ކްލަބު ރެކޯޑު 72 މިލިއަން ޕައުންޑުގެ އަގެއްގައެވެ.
ބޮޑު އަގުގައި ޕެޕޭ ގެންދިޔަ ނަމަވެސް އޭނާއަށް އާސެނަލްގައި އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ފުރަތަމަ ސީޒަންތަކުގައިވެސް ވަރަށް ބޮޑަށް ދަށްކޮށް ޕެޕޭ ފެނުނު އިރު، މިދިޔަ ސީޒަނުގައި އާސެނަލްއަށް ޕެޕޭ ކުޅުނީވެސް އެންމެ ފަސް މެޗެވެ.
ޕެޕޭ އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރަށެވެ. ޕެޕޭ އާސެނަލްއަށް މިހާތަނަށް ކުޅުނު 112 މެޗުން 27 ގޯލު ޖަހައިދީފައިވެއެވެ.
އާސެނަލްއިން އާ ޖީލަކަށް ތައްޔާރުވަމުންދާ އިރު، މި ހިނގާ ޓްރާންސްފާ ސީޒަނުގައިވެސް އެޓީމުން ވަނީ ރަނގަޅު ޓްރާންސްފާތަކެއް ކޮށް، މުހިއްމު ކުޅުންތެރިން ޓީމަށް ގެނެސްފައެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ފޯވަޑް ގެބްރިއަލް ޖީސަސް އާއި ފަބިއޯ ވިއެރީވެސް ހިމެނެއެވެ. އަދި ސިޓީގެ އެލެކްސެންޑްރާ ޒިންޗެންކޯވެސް އާސެނަލްއިން ވަނީ ގެންގޮސްފައެވެ.
ރަނގަޅު ކުޅުންތެރިންނާއެކު ޓީމު ވަރުގަދަކޮށް، މި ސީޒަނުގެ ފެށުންވެސް އާސެނަލްއިން ވަނީ ރަނގަޅު ކޮށްފައެވެ. އެގޮތުން މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ އާސެނަލް އޮތީ އެއްވަނައިގައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޕެޕޭ ފޮނުވާލައި އާސެނަލްއިން މިހާރު ޓާގެޓް ކޮށްފައި ވަނީ ވުލްވްސްގެ ޕެޑްރޯ ނެޓޯ ޓީމަށް ގެންދިޔުމަށެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް