Close
ދިވެހިރާއްޖޭގެ ތާރީޚު

ތާރީހުގެ އަލީގައި ފުވައްމުލައް - 02

(289ވަނަ އަދަދާ ގުޅޭ)

ރަށުގެ ދެކުނުކޮޅުގައި، ރަށާއި ގުޅިގެން ގާތްގަނޑަކަށް ރަށުގެ ދިގުމިން ހުރި ފަރެއް އޮވެއެވެ. މިފަރަށް ކިޔަނީ ކެޑެމޫލުފަރެވެ. މިއީ އޮޑިދޯނިފަހަރު ނުބީހޭ ފުންފަރެެކެވެ.

އަދަ މޫސުމުގައި ފެހުނުން ގަދައަށް ވައިޖެހޭނަމަ މިފަރުގައި ރާޅު ބޮޑުވެއެވެ. މިފަރުގައި ރާޅުބޮޑު ދުވަސްވަރު، ދަތުރުވެރިންނަށާއި މަސްވެރިންނަށް ފަރު ހުރަސްކޮށް އެއްފަރާތުން އަނެއް ފަރާތަށް ނުދެވޭނެއެވެ. އަނެއް ފަރާތަށް ދެވޭނީ އުތުރުކޮޅުން ކެޑެވެރި ވަށާލާފައެވެ. ފަރުގެ ރާޅަކަށް ނުފީނާށޭ މުސްކުޅީން ބުނެ އުޅެއެވެ. އެއީ ފަރުގެ ރާޅުގެ އޮއި ވަރުގަދައަށް އަޑިޔަށް ހިފައިފައި ހުންނާތީއެވެ.

ރަށުގެ ދެކުނުކޮޅުގައި ދިޔަރެހިފާނޑު ހުދު، ނުހިކި އޮތްއިރު އޮޑިދޯނި ފަހަރު ގެންގުޅޭ ބަނދަރެއްގެ ގޮތުގައި އެތަން ބޭނުން ކުރެވުނެވެ. އޭރު އެތަނަށް ވަދެ ނުކުމެ އުޅުމަށް ދަތި ނުވާވަރުގެ އަނގަމައްޗެއް (ކެނޑުމެއް) އޮތެވެ. އޮޑިދޯނިފަހަރު މިތަނުގައި އަޅައިފައި ބަހައްޓަނީ ގެބުރަށް ނަގިލި ނުވަތަ ފަނާލައި އެއްގަމަށް ފުށުވައު އައްސާފައެވެ. އެތަނުގެ އެއްގަމުގައި ހަރުގެތައް އަޅައިފައި ހުރެއެވެ. އޮޑިފަހަރުން ބާލާ މުދާތައް ގެޔަށް ގެންދެވެންދެން ހުންނާނީ އެ ހަރުގެތަކުގައި ބަހައްޓާފައެވެ. އޮޑިޔަށް މުދާ އަރުވަންވީމަ ރަށުގެ އެކިހިސާބުން އެތަނަށް ތަކެތި އުފުއްލަނީ ކޮނޑުމަތިންނެވެ. ހަކުރުރުނބާ ފަދަ ތަކެތި ތަންޑިޔާލައިގެން ދެމީހަކު ކޮނޑު އަޅައިގެންނެވެ. އެދުވަސްވަރު އެމީހުންގެ މެދުގައި އެކުވެރިކަމާއި، އެކަކު އަނެކަކަށް އެހީވުމާއި، އެއްބާރުލުން އޮތުމުގެ ސަބަބުން އެއީ އުނދަގޫ ކަމެއް ނޫނެވެ. އެދުވަސްވަރަކީ، ދަމާގާޑިޔަލާއި ޕިކަޕު ގެންގުޅުނު ދުވަސްވަރެއް ނޫނެވެ. މިރަށަށް އެންމެ ފުރަތަމަ ދަމާ ގާޑިޔަލެއް ގެނައީ 1919މ. ވަނަ އަހަރުގައެވެ. އެގާޑިޔަލުގެ ގިނަ ތަންތަން ހަދާފައިވަނީ ލަކުޑިންނެވެ.

ދިޔަރެހިފާނޑު ހުދު އަނގަމަތި، ހަތާއެޅި ބެދުނީ 1913މ. ވަނަ އަހަރުގައެވެ. ވާރު އަލިދީދީ (ދޮންމަނިކާގެ އަލިދީދީ)ގެ ވާރުވެރި ކަމުގައެވެ. އޭނާ ރައްޔިތުން ނެރުއްވައިގެން އެތަން ކޮންނެވިއެވެ. ދުވަސްކޮޅަކުން އަނެއްކާ ބެދުނީއެވެ. ދެތިންފަހަރު ކޮންނެވުމަށްފަހު ކާމިޔާބު ނުވުމުން އެމަސައްކަތް ހުއްޓަވާލެއްވީއެވެ. އޭގެ ފަހުން ދުވަސްކޮޅަކުން، ހުދަށް އޮތްތަން ތިލަވަމުން ގޮސް މުޅިން ހިކުނީއެވެ.

ފުވައްމުލަކުގައި މީހުން ވަޒަންވެރިވުން

ފުވައްމުލަކުގައި މީހުން އުޅެން ފެށި ތާރީހަކާއި، އެއީ ކޮންތަނަކުން އައި ކޮންބައެއްކަން އެނގޭނެ އެއްވެސް ލިޔުމެއް ނެތެވެ. ރާއްޖޭގައި މީހުން އުޅެން ފެށުމާއި ގުޅިގެން މިރަށުގައިވެސް މީހުން އުޅެން ފަށާނޭ ކަމަށް ބެލެވެއެވެ. ހޯދުންތަކުން ދައްކާގޮތުގައި މީލާދީން 500 އަހަރު ކުރީގައި ރާއްޖޭގައި މީހުން އުޅުނު ކަމަށްވެއެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ވަޒަންވެރިވީ ކޮންތަނަކުން އައި ކޮންބައެއްކަން ތާރީހީ ލިޔުމަކުން އެނގެން ނެތްނަމަވެސް ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ ސިންގަޅައިންކަމަށް ވަރަށް ގިނަ ގޮތްގޮތުން ފެނެއެވެ. ސިންގަޅަ ބަހާއި ދިވެހިބަހުގެ ތިމާގެ ކަމާއި، އާދަކާދައިގެ ގޮތުންނާއި، މިކަހަލަ ކިތަންމެ ކަމަކުންނެވެ.
ރާއްޖޭގައި ވަޒަންވެރިވި ބަޔަކު ފުރަތަމަ ވަޒަންވެރިވީ ކޮން އަތޮޅެއްގެ ކޮންރަށެއްގައި ކަމެއްވެސް އެނގޭކަށް ނެތެވެ. ކޮންމެ އަތޮޅެއްގައި ވަޒަންވެރިވިޔަސް މާގިނަ އަހަރުތަކެއް ނުވެ މުޅި ރާއްޖެއަށް ފެތުރި ގިނަ ރަށްތަކެއްގައި އުޅެން ފެށީއެވެ.

ފުވައްމުލަކުގައި، އެންމެ ފުރަތަމަ މީހުން އުޅުނީ ރަށުގެ ދެކޮޅުގައެވެ. ރަށުގެ މެދުތެރެ ހިކުމުން މެދުތެރޭގައި ވަޒަންވެރިވާން ފެށީއެވެ. ރަށުގެ ދެކޮޅުގައި މީހުން އުޅުނުއިރުވެސް މީހުން އުޅޭ އެކި ހިސާބު ވަކިވެ އެނގޭނޭ ގޮތުން ވަކިވަކި ނަންތައް ކިޔާފައިވެއެވެ. އުތުރުކޮޅުގެ އައްޔަނާއި، ދެކުނުކޮޅުން މޫލެގަމަކީ މިހާރުވެސް ފާހަގަވާ ދެތަނެވެ.

ރަށުގެ މެދުތެރޭ މީހުން އުޅެން ފެށުމަށްފަހު މުޅިރަށް، ނުވަ އަވަށަކަށް ބައިކޮށް ކޮންމެ އަވަށަކަށް ވަކިނަމެއް ކިޔައި އެއަވަށެއް ވަކިވެ އެނގޭގޮތަށް ވަނީ ފާހަގަކޮށްފައެވެ. އުތުރުކޮޅުން ފެށިގެން މާދަޑާ ހަމައަށް އެއްއަރި ކަމަށް ހަމަޖެއްސިއެވެ.
އަވަށްތަކުގެ ނަންތައް (އުތުރުކޮޅުން ފެށިގެން)
1- ދަޑިމަގު
2- ދިގުވާނޑު
3- ހޯދަޑު
4- މާދަޑު
5- ދަށުކުބާ
6- މިސްކިތްމަގު
7- ފުނާޑު
8- މާލެގަން
9- ދޫނޑިގަން

ދަށުކުބާ އުވާލެވުމުގެ ކުރީގައި އެއަވަށް ހިމަނާފައި ވަނީ ފުނާޑު އަރީގައެވެ.
ރަށްވެހިކަމުގެ ދުވަސްވަރު ރަށުގެ ހުރަސްމަގު ހެދިއިރު ދަށުކުބާގެ ތެރެއިން މަގުދިޔުމުން މާދަޑާ ވީ ފަރާތަށް ދިޔަބައި މާދަޑަށް މިސްކިތްމަގާވީ ފަރާތަށް ދިޔަބައި މިސްކިތްމަގަށް ލައި ދަށުކުބާގެ ނަން ވަނީ އުވާލެވިފައެވެ. އަވަށްތަކަށް ކިޔާފައިވާ ނަންތަކުގެ އަސްލަކީ:-
1- ދަނޑުމަގު،
2- ދިގުވާޑު،
3- ހޮނދަދަނޑު،
4- މެދުދަޑު،
5- މިސްކިތުމަގު،
6- ފުނަވާޑު،
7- މާލުގަން،
8- ދޫނިގަން. މިއެވެ.
މިނަންތައް ވަނީ ސިންގަޅަ ބަހާ ގުޅިފައެވެ. ވާޑު، ހޮނދަ، މާލު، ގަން. މިއީ ސިންގަޅަ ބަހުން އައިސްފައިހުރި ބަސްބަހެވެ. ފުވައްމުލައް އިސްލާމްވީއިރު ރަށުގެ މެދުތެރޭގައި މީހުން އުޅެއެވެ.

ފުވައްމުލައް އިސްލާމްވުން

ފުވައްމުލައް އިސްލާމްވީ ކޮން އަހަރެއްގެ ކޮންތާރީހެއްގައިކަން އެނގޭކަށް ނެތެވެ. މަޣުރިބުކަރައިގެ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއެވެ، ކިޔުނު ވަލީވެރި ބޭކަލަކު މާލެ ދުރުވެ ހުންނެވި ހުންނެވުމުގައި އޭރު ހުންނެވި ރަދުން އައްސުލްތާން ދަރުމުސްއަށް އިސްލާމްދީން ހުށަހަޅުއްވައި ދީނަށް ގޮވައިލެއްވުމުން ކީރިތިވަންތަ މާތްﷲ އެރަދުންގެ ހިތްޕުޅަށް އިސްލާމްދީނުގެ ނޫރު ވައްދަވައި 1153މ. ވަނަ އަހަރު ރަދުންނާއި ދައުލަތުގެ ކުރިއަށް ތިއްބެވި އެންމެހާ ބޭފުޅުން އިސްލާމްވެ ވަޑައިގެން، ރާއްޖެއަށް އިސްލާމްދީން އިއުލާން ކުރެއްވުމާ ގުޅިގެން 1163މ. ވަނަ އަހަރު ފުވައްމުލައް އިސްލާމްވި ކަމަށް ބެލެވެއެވެ.

އައްޑުއަތޮޅު އިސްލާމްވީ ފުވައްމުލަކަށްވުރެ ކުރީގައެވެ. ފުވައްމުލަކަށް ދީނަށް ގޮވައިލެއްވުމަށް އެންމެ ފުރަތަމަ ވަޑައިގަތީ އައްޑުއަތޮޅު މީދޫ ޔަހްޔާނާއިބު ކަލޭފެފާނުގެ ޔޫސުގްނާއިބު ކަލޭގެފާނުގެ އަބްދުނާއިބު ކަލޭގެފާނެވެ. އޭނާގެ ގޮވައިލެއްވުމަށް އިޖާބަ ދިނީ ވަރަށް މަދު ބަޔެކެވެ. ގިނަ މީހުން އެކަލޭގެފާނާ ދެކޮޅު ހަދައި އެންމެފަހުން އެކަލޭގެފާނު ޝަހީދުކޮށްލިއެވެ. ބުނެވެނީ ދިގުވާޑު ވޭރެގަމިގޭ މަގުން އެކަލޭގެފާނު ދުރުވަނިކޮށް އެމަގު ކައިރީގައި ހުރި ރާރުކެއްގައި މަޑަޔެއް ހިފައިގެން އެކަލޭގެފާނުގެ އިންތިޒާރުގައި އޮތް މީހަކު މަޑައިން ޖަހައި އެކަލޭގެފާނު ޝަހީދު ކުރީ ކަމުގައެވެ.

މިރަށަށް ދީނަށް ގޮވައިލެއްވުމަށް ދެވަނަޔަށް ދުރުވީ ޔޫސުފްނާއިބު ކަލޭގެފާނުގެ އަނެއް ދަރިކަލުން އަބޫބަކުރު ނާއިބު ކަލޭގެފާނެވެ. މިކަލޭގެފާނު ދުރުވެ ހުންނެވީ މިރަށު ހޯދަޑުގައެވެ. މިކަލޭގެފާނުގެ ގޮވައިލެއްވުމަށް އެންމެ ފުރަތަމަ އިސްލާމްވީ ހޯދަޑު އަވަށު މީހުންނެވެ. އޭގެ ފަހުގައި މުޅިރަށުގެ އަހުލުވެރިން އިސްލާމްދީން ގަބޫލުކޮށްފިއެވެ.

އެންމެ ފުރަތަމަ އިސްލާމްވީ ހޯދަޑު އަވަށު މީހުން ކަމަށްވާތީ އެކަމުގެ ޝަރަފާއި ގަދަރު ޒަމާނުއްސުރެ އެއަވަށަށް ވަނީ ދެވިފައެވެ.

އެޑިޓަރުގެ ނޯޓު: މިއީ ފުވައްމުލަކު، އަސްރަފީގޭ، އަލްފާޟިލް އަލްމަރްޙޫމް އިބްރާހީމް ސަޢީދު މޫސާ ލިޔުއްވައި 2003 ވަނައަހަރު ފަތްތޫރައިގައި ޝާއިޢުކުރެއްވި މަޒުމޫނެކެވެ. އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާ ފުވައްމުލަކުގެ ތާރީޚު ލިޔުއްވާން ފެއްޓެވީ ފުވައްމުލަކުގެ ތާރީޚު ލިޔުމަށްޓަކައި ރައީސް މައުމޫން އުފެއްދެވި ކޮމެޓީއެއްގެ ރައީސު ގެ ޙައިޘިއްޔަތުންނެވެ. އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާ އެއްކުރެއްވި މަޢުލޫމާތުތަކާއި ލިޔުއްވި ލިޔުއްވުންތައް ވަނީ ރަށުއޮފީހުގައި ހުއްޓައި ގެއްލިފައެވެ.

(ނުނިމޭ)