ޕިކަޕުގައި މުދާ އުފުލާއިރު ގަޑިއިރަކަށް 150-200 ރުފިޔާގެ އަގެއް ނެގޭގޮތަށް ގަވާއިދު ހަދައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ ގެޒެޓުގައި "އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު" ޝާއިއުކޮށްފައެވެ. އެ ގަވާއިދުގައިވާ ގޮތުން ސިޓީތަކުގަ އާއި ރަށްތަކުގުއި މުދަލާއި ތަކެތި އުފުލުމުގެ އަގު ނަގަންވާނީ، ޓްރާންސްޕޯޓް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތަކުން ކަނޑައަޅައި އާންމުކުރާ އަދަދުތަކަށްވުރެ ބޮޑު ނުވާ ގޮތަށެވެ.

"އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު" ޝާއިއުކުރުމުން މީގެ ކުރިން އަމަލުކުރަމުން އައި މުދާ އުފުލުމާ ބެހޭ ގަވާއިދު އުވައިލެވޭނެއެވެ. އަދި އާ ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުތަކައް ހިދުމަތް ދޭން ފަށާނެއެވެ.

މުދާ އުފުލާ އުޅަނދަކަށް، މުދާ އުފުލުމުގެ ހިދުމަތަށް ނެގޭނެކަމަށް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅައިފައިވާ ފަރާތަކުން އާންމުކޮށްފައިވާ އަގު، އުޅަނދުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފެންނާނޭހެން އުޅަނދުގެ ތެރޭގައި ބަހައްޓައިފައި ވެސް ހުންނަންވާނެއެވެ.

  • 750 ކިލޯ އާއި 2 ޓަނާ ދެމެދުގެ އުޅަނދު - ގަޑިއިރަކަށް 200 ރުފިޔާ
  • 750 ކިލޯ އިން ދަށުގެ އުޅަނދު - ގަޑިއިރަކަށް 150 ރުފިޔާ
  • ޓަނަކަށް ވުރެ ދަށުގެ އުޅަނދު - ގަޑިއިރަކަށް 140 ރުފިޔާ
  • 1 ޓަނާއި 2 ޓަނާ ދެމެދުގެ އުޅަނދު - ގަޑިއިރަކަށް 180 ރުފިޔާ
  • 2 ޓަނުން މަތީގެ އުޅަނދު - ގަޑިއިރަކަށް 250 ރުފިޔާ

"އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު"ގައިވާ ގޮތުން މުދާ އުފުލާ އެއްގަމު އުޅަނދުގައި މުދަލާއި ތަކެތި އުފުލާއިރު، އުޅަނދަކަށް އަރުވައިފައިވާ މުދަލެއް އެ އުޅަނދެއްގެ ކުރިޔަށް ނެރެފައި ބެހެއްޓުމަކީ މަނާކަމެކެވެ. އަދި އުޅަނދަށްވުރެ ދިގު ތަކެތި އަރުވައިގެން ދުއްވައިފައިދާއިރު އުޅަނދުގެ ފަހަތުން ބޭރަށް ނުކުމެފައި ހުންނަ ބައި، އުޅަނދުގެ ފޮށިގަނޑުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ދިގުވެގެން ނުވާނެއެވެ.

ފޮށީގައި ބަންދުކޮށްފައި ހުންނަ ނުވަތަ ވަކިވަކިން ހުންނަ މުދާ ނުވަތަ އުޅަނދުގެ ފޮށިގަނޑު ތެރެއަށް އޮއްސައިގެން އުފުލާ މުދަލާއި ތަކެތި، އުޅަނދުގައި އުފުލަންވާނީ، އުޅަނދުގެ ފޮށިގަނޑުން ބޭރަށް ނުވެއްޓޭގޮތަށް ނުވަތަ ބޭރަށް ނުފައިބާގޮތަށް ނުވަތަ ބުރައިގެން ނުދާނެ ގޮތަށް ރާއްކާތެރިކަމުގެ ފިޔަވަޅު ރަނގަޅަށް އަޅައިގެންކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ގަވާއިދުގައިވާ ގޮތުން މުދާ އުފުލާ އުޅަނދުގެ ޑްރައިވަރުގެ ކެބިންގައި، ފަހަތު ފޮށިގަނޑު ބެލުމަށް ހުންނަ ބިއްލޫރިގަނޑު (ރިއަރ ވިއު ގްލާސް) އިން ޑްރައިވަރަށް ފަހަތް ނުފެންނަ ވަރަށް މުދާ ބަހައްޓައިގެން ދުއްވުމަކީ މަނާކަމެކެވެ. އަދި އެ މުދަލެއްގެ ބާވަތުން އެއްފޮށިގަނޑަކަށް ހުރުމުގެ ސަބަބުން ނުވަތަ އެ މުދަލެއްގެ ބޮޑުމިނުގެ ސަބަބުން ބިއްލޫރިގަނޑަށްވުރެ އުސްވާނަމަ، މުދާ އުފުލާ އުޅަނދުގައި އެހީތެރިޔަކު ނެތި މުދާ އުފުލުމަކީ ވެސް މަނާކަމެކެވެ.

މުދާ އަރުވައި ބާލަން މަޑުކުރާ އެއްވެސް އުޅަނދެއް މަގަކަށް ނުވަތަ ގޯޅިއަކަށް ލަނބައިލާ ކަންމަތީގައި، މަގުގެ މެދަށްވާގޮތަށް ނުވަތަ އާންމު ޓްރެފިކަށް ދަތިވާގޮތަށް މަގުމައްޗަށް މަޑުކުރުމަކީ ވެސް މަނާކަމެކެވެ.

ކުނި އުފުލާގޮތަށް ފަރުމާކޮށްފައި ހުންނަ އުޅަނދު ފިޔަވައި އެހެން އުޅަނދެއްގައި ކުނި ނުވަތަ އެފަދަ އެއްޗެއް އުފުލަންވާނީ، މަގުމައްޗަށް ނޭޅޭގޮތަށް އަދި އޭގައި ހުރި ވަސް، މާހައުލަށް ނުފެތުރޭގޮތަށް ސަތަރިއެއް ފަދަ އެއްޗެއް އަޅައި ރަނގަޅަށް ނިވައިކޮށް ބަންދުކޮށްގެންކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.