ޔޫއެފާއިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ރެއާލް މެޑްރިޑްގެ ފޯވަޑް ކަރިމް ބެންޒެމާ ހޮވުނު އިރު، އެންމެ މޮޅު ފިރިހެން ކޯޗަކަށް ކާލޯ އެންޗެލޯޓީ ހޮވިއްޖެއެވެ.
ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރު ނެގުމަށާއި މިދިޔަ ސީޒަނުގެ އެކިއެކި މަގާމުތަށް ހޮވުމަށް މިރޭ ބޭއްވި އިވެންޓްގައި ބެންޒެމާއަށް ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ ހާއްސަ ޓްރޮފީ ދީފައިވާ އިރު، އަންހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާގެ ތަރި އެލެކްސިޔާ ޕޫޓޭޔާސްއެވެ. އެންމެ މޮޅު އަންހެން ކޯޗަކީ އިންގްލެންޑްގެ ސަރީނާ ވައިމަންއެވެ. އޭނާ ވަނީ އިންގްލެންޑްގެ ފުޓުބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރޯ ކާމިޔާބުކޮށްދީފައެވެ. ޔުއެފާ ޕްރެޒިޑެންޓްސް އެވޯޑް ލިބުނީ އިޓަލީގެ ލެޖެންޑަރީ ކޯޗު އަރީގޯ ސާޗީއަށެވެ.
މިދިޔަ ސީޒަންގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އުމުރުން 34 އަހަރުގެ ބެންޒެމާއަކީ މިފަހަރުގެ ބެލޮންޑިއޯގެވެސް ފެވަރިޓް ކުޅުންތެރިޔާއެވެ. ރެއާލްއިން ރެކޯޑު 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ނެގި އިރު، ބެންޒެމާ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 12 މެޗުން 15 ގޯލު ޖަހައިފައެވެ. މިދިޔަ ސީޒަނުގައި ބެންޒެމާ ވަނީ ފްރާންސާއެކު ނޭޝަންސް ލީގުވެސް ކާމިޔާބުކޮށް، ރެއާލްއާއެކު ލަލީގާވެސް ކާމިޔާބުކޮށްފައެވެ.
ބެންޒެމާ ވަނީ ސީޒަނުގައި ރެއާލްއަށް ޖުމްލަ 46 މެޗު ކުޅެ، 44 ގޯލު ޖަހައިދީ، 13 ގޯލަށް އެސިސްޓް ކޮށްދީފައެވެ.
ބެންޒެމާއަށް ރެއާލްގައި ކޯޗުކޮށްދިން އެންޗެލޯޓީގެ ޓެކްޓިކްސް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗުތަކުގައި ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައިރު، ގިނަ މެޗުތަކެއް ފަހަތުން އަރައިވެސް ކާމިޔާބު ކޮށްފައިވެއެވެ. އަދި ހާއްސަކޮށް ލީގު ނެގުމުގައިވެސް ރެއާލް ފެނުނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށެވެ.
ބެންޒެމާއާ ވާދަކޮށް ފިރިހެން ދެވަނަ ކުޅުންތެރިޔަކަސް ހޮވުނީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާއެވެ. ތިންވަނަ އަށް ދިޔައީ ބެންޒެމާއާއެކު ރެއާލްއަށް ކުޅޭ ގޯލްކީޕަރު ތީބޯ ކޯޝުއާއެވެ.
ޔޫއެފާ
ޔޫއެފާ
ޔޫއެފާ
ޔޫއެފާ