ޖުލައި 26 އާ ދިމާކޮށް ފަސް ދުވަސް ބަންދަށް ލިބުމުން ދަރިފުޅާއެކު ރ. މަޑުއްވަރީއަށް ދަތުރު ދިޔުމަށް ނިންމައިގެން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު އަދި ނޫސްވެރިޔާ މަރިޔަމް ޝިއުނާ (ނަންނަ) ޑިއުޓީ ނިންމާފައި އޭނާ ދިރިއުޅޭ ހުޅުމާލެއަށް ދަތުރު ފެށިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ނަންނަގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާލިއެވެ.
ނަންނަ އިއްޔެ "ވަން" އަށް ބުނީ އެކްސިޑެންޓް ހިނގީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ޑިއުޓީ ނިންމާފައި އެނބުރި ގެއަށްދިޔަ މަގުމަތީގައި ކަމަށެވެ. ޗައިނާ އެމްބަސީ ހުންނަ ގޯޅިން ބޭރު މަގަށް ނިކުތީ ސަލާމަތްތެރިކަމާއެކު ލޯބިވާ ދަރިފުޅު ގާތަށް ދެވޭނެ ކަމުގެ އުއްމީދުގައެވެ. އެހެން ނަމަވެސް ބޭރު މަގަށް ވާ ގޮތަށް ހުންނަ ލެ ސޫކް ރެސްޓޯރަންޓާ އަރައި ހަމަވިތަނުން އައި ކާރެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ނަންނަގެ ސައިކަލުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީއެވެ.
ނަންނަ ބުނީ ކާރުގައި ޖެހުމާއެކު ވިއްސައިގެން ގޮސް އިނދަ ޖެހުނު ކަމަށާއި އޭގެ ފަހުން ހޭވެރިކަންވީ މީހުންތަކެއް ގޮވަން ފެށުމުން ކަމަށެވެ. އަދި އުނަގަނޑުގައި ވަރަށް ރިއްސާ ކަމަށް އެމީހުން ގާތު ބުނި ކަމަށްވެސް ބުންޏެވެ.
"އެކާރު މަޑުނުކޮށް ދިޔައީ. ފަހުން ލިބުނު ފޮޓޯތަކުން ފެނޭ އެ ކާރުގެ ފަހަތަށް ފުދޭވަރަކަށް ބޮޑު ގެއްލުމެއް ލިބިފަ ހުރިތަން. ދެން ޕޮލިސް ޕޯސްޓްގަ އިން ޕޮލިސް މީހާވެސް މާބޮޑަކަށް އަޅައެއް ނުލާ. އޭނަ އައިސް ބަލައިލާފަ ދިޔައީ. ޓްރެފިކް ޕޮލިހަށް ނަމަވެސް އެންގި ނަމަ އަޅުގަނޑަށް މި ލިބުނު ގެއްލުން ތަންކޮޅެއް ކުޑަވީސް. އެއީ އަސްލު އާންމުން އަޅުގަނޑު ނެގި ގޮތަކުން އުނަގަނޑަށް ބޮޑަށް ގެއްލުން ލިބުނު. އެކަމަކު ޕޮލިހުން ޕްރޮފެޝަނަލް ވާނެ ދެއްތޯ. އެނގޭނެއެއްނު މިފަދަ ހާލަތެއްގަ އޮތް މީހަކު ނަގަންވާ ގޮތްވެސް." ނަންނަ ބުންޏެވެ.
ނަންނަ ބުނީ އެންމެ ކައިރީގައި ހުރީ ޕީޕީއެމް އޮފީސްކަމަށާއި އެތަނަކީ އޭނާގެ މަންމަވެސް މަސައްކަތްކުރާ ތަން ކަމަށް ވުމުން އެތަނަށް އޭނާ ގެންގޮސްދިނުމަށް އެދުނު ކަމަށާއި އެހެން ކަންތައްކުރީ މަންމައަށް އެކަން އަންގަން ފަސޭހަވާނެތީ ކަމަށެވެ. އެތަނަށް ވެއްދިއިރު މަންމައަށް ގުޅާފައި ބަޔަކު މީހުން ހަބަރު ދީފި ކަމަށާއި މާގިނައިރުތަކެއް ނުވެ އާއިލާ މީހުން އެތަނަށް އައިސް ގޮވައިގެން ހުޅުމާލޭ ހޮސްޕިޓަލަށް ދިޔައީއެވެ.
ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔުމުން އިމަޖެންސީގައި ފަރުވާ ފެށި ކަމަށާއި އެކްސްރޭއެއް ނަގާފައި މައިބަދައަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
"ޑޮކްޓަރު ވަރަށް ސްޓްރިކްޓުކޮށް ބުނި އެއްވެސް ވަރަކަށް މޫވް ނުކުރާށޭ. އެހެން ނޫނީ މާބޮޑު ގެއްލުމެއް ލިބިދާނެޔޭ. އެކަމަކު ނަރުހުން އައިސް ފާހާނަޔަށް ގެންދަން ތެދުކޮށްފަ ގަދަކަމުން ވީލް ޗެއާގަ ބައިންދާފަ އަނެއްކާ ރޮއެ ރޮއެ އިންދާ ފާހަނާ ތަށިމަތީގަވެސް ބޭންދީ. އޭގެ ކުރިން ޕެއިންކިލާއެއް ދިން. އެކަމަކު ވަރަށް ތަދުވޭ އޭރުވެސް އުނަގަނޑަށް. ބުނަންވެސް ބުނިން ޑޮކްޓަރު އޮތީ މޫވް ކުރުން މަނާކޮށްފައޭ. ދެން ނަރުހުން ބުނީ ޑޮކްޓަރުގެ ލަފަޔާއެކުއޭ މިހެން ކަންތައް ކުރަނީ." އޭނާ ވިދާޅުވިއެވެ.
ނަންނަ ބުނީ ދެން ކުރިމަތިލާން ޖެހުނީ އެއަށްވުރެ މާ ހިތްދަތި ކަމަކާ ކަމަށެވެ. އެގޮތުން 26 ވަނަ ދުވަހުގެރޭ ވައަތު ފައިގެ އެއްވެސް ހަރަކާތެއް އިހުސާސެއް ނުކުރެވޭ ކަމަށާއި އުނަގަނޑުން ތިރީގައި އެއްވެސް ވަރަކަށް ވާގި ނެތް ކަމަށެވެ. އެހެން ނަމަވެސް ކަނައަތު ފައިގައި ކޮންމެވެސް ވަރަކަށް އައްސިކަން އިހުސާސްވާ ކަމަށާއި ނަމަވެސް އަތްލާ ހެދިޔަސް އެއްވެސް ވަރަކަށް އިހުސާސް ނުވާ ކަމަށެވެ.
"މަންމަމެން ކައިރީގަ ބުނިން ވައަތު ފައި މޫވްކޮށް ހަދާލަ ބަލާށޭ. އެއްވެސް އިހުސާސެއް ނުކުރެވެޔޭ. ބުނީމަ މަންމަ އަތްލީމަވެސް ނޭނގެ އަތްލާ ކަމެއްވެސް. ދެން ވަރަށް ހިތުގަ ޖެހުނު. ވަރަށް ރުއިން. ވަގުތުން ޓްރީޓޮޕަށް ބަދަލުވީ. އެތަނަށް ދިޔައިމަ އަނެއްކާވެސް އެކްސްރޭއާ އެއްޗެހި ނެގީ. ނަގާފަ ބުނީ ސްޕައިން އިންޖަރީއެއް އިން ވާހަކަ. އެކަމަކު ސަބަބުން ނުހިނގެނީއޭ. އެކަމަކު ކޮންމެވެސް ދުވަހަކުން ހިނގޭނެޔޭ. ހިނގޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް. އެހެން ބުނީމަ ވަރަށް މާޔޫސްވި، ވަރަށް ދެރަވި. ހިތަށް އެރީ ދަރިފުޅު މަތިން." އެކަނިވެރިމައެއް ކަމުގައިވާ ނަންނަ ބުންޏެވެ.
ޓްރީޓޮޕުގައި 12 ދުވަސް ވީއިރުވެސް ނަންނައަށް މާބޮޑު ބަދަލެއް ނާދެއެވެ. އިތުރަށް ކުރިމަތިލާން ޖެހުނީ މާ ހިތްދަތި ކަންތަކާއެވެ. އެތެރެ ހައްޓަށް ލޭއެޅެން ފެށި ހަށިގަނޑުން ކޮންމެ ދުވަހަކު އެތައް ބައިވަރު ލޭ އަންނަނީއެވެ. ކުޑަކަމުދާ ތަކެތީގެ ބަދަލުގައި އަންނަންފެށީ ލެއެވެ. ނޭފަތުން ހޯސްލާފައި އަންނަންފެށީ ލެއެވެ. ހާލަތު އިތުރަށް ގޯސްވާހެން ހީވާތީ ރާއްޖެއިން ބޭރަށް ފޮނުވަން އާދޭސްކުރިއެވެ. އެހެންނަމަވެސް ހޮސްޕިޓަލުން އާސަންދަ ސިޓީ ދީފައި ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނީ 12 ދުވަސް ފަހުންނެވެ.
މިހާރު ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ އިރު އަދިވެސް ނަންނައަކަށް ނުހިނގެއެވެ. ނަމަވެސް އުނަގަނޑުގައި ހުރި ރެނދު މިހާރު ބެދިފައިވާ ކަމަށް ނަންނަ ބުންޏެވެ. ފިޒިއޮތެރަޕީ ފަށައިގެން ކުރިއަށްދާ ކަމަށާއި މިހާރު ވަރަށް ބޮޑަށް ލުއިވެފައިވާ ކަމަށްވެސް ބުންޏެވެ.
"މިކޮޅުގަ ޑޮކްޓަރުން ވަރަށް ހިތްވަރުދޭ. ފުރަތަމަ އައި އިރު އެއްވެސް އުއްމީދެއް ނެތް ކަމަށް ޑޮކްޓަރު ބުނި. އެކަމަކު އެންމެ ފުރަތަމަ ދުވަހު އެވާހަކަ ނުބުނޭ. ރޭގަ ކޮޅަށް ތެދުކުރި ގަޑީގަ އައިސް ބުނީ އެވާހަކަ. ދެން ބުނީ އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ހިނގޭނެޔޭ. ވަރަށް އުއްމީދު އާވެއްޖެ. ބޭނުންވަނީ ހެޔޮ ދުއާ." ލަންކާގައި ހުރެގެން ފޯނުން ވާހަކަ ދައްކަމުން ނަންނަ ބުންޏެވެ.
ނަންނަ ބުނީ ޓްރީޓޮޕުގައި އޮތް އިރު އެތެރެ ހައްޓަށް ލޭ އެޅުމުގެ ސަބަބުން ލިވާ ފަންކްޝަން ނުކުރާ ކަމަށާއި ނަމަވެސް މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. އެކްސިޑެންޓުގައި ވައަތްފަޅި ޖެހުނުލެއް ބާރުކަމުން ވައަތު ލޮލުގެ ފެނުން ވަރަށް ބޮޑަށް ދަށްވެ ލޯ އެއްކޮށް ފުސްވެފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ލޯވެސް ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
މި އެކްސިޑެންޓުގެ މައްސަލަ ނަންނަގެ ފަރާތުން ފުލުހަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ނަންނައަށް އަންގައިފައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރަށް "ވަން" އިން ގުޅުމުން ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އޭގެ އިތުރު ތަފުސީލެއް ނެތް ކަމަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް