މަޖުބޫރުކުރުވާ ދާއިރާއިން ކުރިއަށްދާއިރު ކުއްޖާގެ ކިބައިގައި ހުންނަ ހުނަރު ނުފެނިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަށު ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުން މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމުދިނުމަށް މިރޭ ބޭއްވި "ޓޮޕް އެޗީވާސް" ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މީހުން މަޖުބޫރުކުރުވާ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރާނަމަ ކުއްޖާގެ ހުނަރު ނުފެނިދާނެ ކަމަށާއި އެހެންކަމުން އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށެވެ.
"މިއަދު ތިޔައިން ކޮންމެ ކުއްޖަކަށް ވެސް އެނގޭނެ، ތިމަންނާ ކުރިއަށް ދާން އެންމެ ބޭނުންވަނީ ކޮން ދާއިރާއަކުން ކަން. ވަކި މީހަކު މަޖުބޫރު ކޮށްގެން ވަކި ކަމެއް ކުރަން އުޅުމަކީ، ތިމާގެ ކިބައިގައި ހުންނަ ހުނަރު، ބައެއް ފަހަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރެވިދާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފާއިތުވި ދެ އަހަރަކީ ކޮވިޑް-19ގެ ދަތިކަމުގައި އުޅެން ޖެހުނު އަހަރުތަކެއް ކަމަށާއި އެ ދަތިކަމުގެ ތެރެއިން ފުރިހަމަ ނަތީޖާއެއް ހާސިލުކުރީ ދަރިވަރުންގެ ހިތްވަރުގަދަކަމުން ކަމަށެވެ. ނާތީޖާ ހާސިލުކުރާއިރު ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ މޮޅު ކުއްޖަކަށް ވުމަށް ފޮތުގެ ތައުލީމުން ރަން ވަނަ ހާސިލުކުރުމުން އެކަނި ނުފުދޭކަންކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމަށާއި އެ ކުއްޖެއްގެ ހުނަރު ދެނެގަނެ އެ ހުނަރު ކުރިއެރުވުމަށް މައިންބަފައިން ކިބައިން އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މާތް ﷲ އަޅުގަނޑުމެން ކޮންމެ މީހަކަށް ދެއްވި 20 އިނގިލި ވެސް، އެއް އިނގިލި އަނެއް އިނގިއްޔާ ތަފާތު. އެހެންވިޔަސް، އެއިން ކޮންމެ އިނގިއްޔަކީ އޭގެ ޒާތުގައި މުހިންމު ގުނަވަނެއް. ހަމަ އެ ތަފާތު އަޅުގަނޑުމެންގެ އިންސާނުންގެ މެދުގައިވެސް ހުންނާނެ. އެ ތަފާތާއެކު ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ތަފާތު ގާބިލުކަމެއް ހުންނާނެ." ރައީސް ވިދާޅުވިއެވެ.
އެންމެ ފަސޭހައިން ނިންމާލެވޭނެ ޑިގްރީއެއްގެ ބަދަލުގައި އެ ކުއްޖަކު އެންމެ ބޮޑަށް ކުރިއަށްދާން ބޭނުންވާ ދާއިރާއެއް އިހުތިޔާރުކުރުމަކީ މުހިންމުކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ދިރިއުޅުމަށް ރަނގަޅު ބިންގަލެއް އެޅޭނީ އެކުއްޖަކު އެންމެ ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދެވިގެން ކަމަށެވެ. ކޮންމެ ދާއިރާއަކީ ވެސް ކުރިއަށް ދިއުމުގެ ފުރުސަތުތައް ހުރި ދާއިރާތައް ކަމަށާއި ބޭނުންވަނީ ވަޒީފާތައް އަދާކުރާނެ ތައުލީމީ ދިވެހި ޒުވާނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު