ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބް (ސަސް) އިން ބުރު ސްޕޯޓްސް ކްލަބު ބަލިކުރި އިރު، މިރޭ ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބު ޓީނޭޖު އެއްވަރުވެއްޖެއެވެ.
މިއަދު ހަވީރު ގައުމީ ދަނޑުގައި ދެވަނަ ޑިވިޝަންގެ ޗެމްޕިއަން، ބުރު އަތުން ސަސް މޮޅުވީ 2-0 ނަތީޖާއަކުންނެވެ. އަދި މިރޭ ކުޅުނު މެޗުގައި ދަ ގްރާންޑޭއާއި ކްލަބު ޓީނޭޖު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
މިފަހަރުގެ ލީގު ކޮލިފިކޭޝަންގައި ވާދަކުރަނީ ދެވަނަ ޑިވިޝަންގެ ފައިނަލުގައި ވާދަކުރި ދެޓީމާއި ފުރަތަމަ ޑިވިޝަނުގެ ފުލަށް ދިޔަ ދެޓީމެވެ. ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާ އުސޫލުން މިފަހަރުގެ ކޮލިފިކޭޝަން ރޭވިފައިވާ އިރު، މެޗުތައް ފަށާފައިވަނީ މިއަދުއެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ހާފު ނިންމާލަން ޖެހުނީ ގޯލެއް ނުފެނިއެވެ. ފުރަތަމަ ހާފުގައި ދެޓީމަށްވެސް އެންމެ އެކަށޭނެ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިނެޓު ތެރޭގައި ސަސްއިން ލީޑު ނެގިއެވެ. ސަސްގެ ގޯލު ޖަހައިދިނީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ. އައްމަޑޭގެ ގޯލަކީ އައިހަމް އަހުމަދު ނަގައިދިން ހިލޭ ޖެހުމަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.
އެ ގޯލަށްފަހު ބުރުން ވަނީ ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލައިފައެވެ. ސަސްއިން ގޯލު ޖެހިތާ 10 ވަރަކަށް މިނެޓު ފަހުން މުހައްމަދު ތަޝްމީން (ތައްތި) ޖެހި ހިލޭ ޖެހުން ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، އެ ބޯޅަ ދަނޑިއަށް އަމާޒުވީ ސަސްގެ ގޯލްކީޕަރު އިސްމާއީލް ޝަފީއު އަތުގައި ޖެހިފައެވެ.
މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތުގައި ސަސްއިން ދެވަނަ ގޯލު ޖެހިއެވެ. އެ ގޯލަކީ ހިލޭ ޖެހުމަކުން އައިހަމް ޖެހި ގޯލެކެވެ.
މިރޭ މެޗު ފެށީ ވިއްސާރައިގެ ސަބަބުން ކަމަށްވުމުން ދެޓީމަށް ފެށުން އުނދަގޫވިއެވެ. އެހެންނަމަވެސް މަޑުމަޑުން މެޗު ތެރެއަށް ވަދެ، ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ދަ ގްރާންޑޭއިން ރަނގަޅު ހަމަލާތަކަށް ފުރުސަތު ތަނަވަސްކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 39 ވަނަ މިނެޓުގައި ދަ ގްރާންޑޭ ލީޑު ނެގިއެވެ. މުފްރިހު މޫސާ ނެގި ހުރަސް ގޯލަށް ވައްދާލައި، ދަ ގްރާންޑޭއަށް ލީޑު ނަގައިދިނީ އާޖެންޓީނާގެ ފޯވާޑް ހޫގޯ ރެޓަމާލެވެ.
ފުރަތަމަ ހާފުގައި ގޯލު ޖަހައި ލީޑަކާއެކު ނިންމާލި ދަ ގްރާންޑޭން މެޗުގެ ދެވަނަ ގޯލު ޖެހީ 62 ވަނަ މިނެޓުގައެވެ. އެ ގޯލަކީ މުހައްމަދު ޝާރިހު ޖަހައިދިން ގޯލެކެވެ. އަރިމަތިން އައި ހުރަސް ޝާރިހު ގޯލަށް ފޮނުވާލީ މުޅިން ހުހަށް އޮވެގެންނެވެ.
ގްރާންޑޭއިން ދެވަނަ ގޯލު ޖެހިތާ މިނިޓެއް ފަހުން، ޓީނޭޖުން ގޯލެއް ޖަހައި މެޗުގެ ތެރެއަށް އަލުން ވަންނަން އުންމީދެއް ހޯދިއެވެ. ޓީނޭޖުގެ ގޯލަކީ ޓީމުގެ މިސްރު ފޯވާޑް، އަލީ އަފީފީ ހުސްކޮށްލާފައި ނަގައިދިން ހުރަހަކުން ގޯލު ކުރިމަތިން ބަހުޖަތު އަބްދުލް އަޒީޒް ޖެހި ގޯލެކެވެ. އެ ގޯލު ޖަހައި ޓީނޭޖުން ރަނގަޅަށް ކުޅެން ފެށި އިރު، 85 ވަނަ މިނެޓުގައި ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. އެ ޕެނަލްޓީގައި އަފީފީ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.
ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް އަފީފީ ވަނީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޓީނޭޖަށް އެއްވަރުކޮށްދީފައެވެ. ދަ ގްރާންޑޭގެ އޭރިއާ ތެރެއިން އެޓީމުގެ ކޮލަމްބިއާގެ ޑިފެންޑަރު ޖޯޖް އިވާން ސައެސޭޑޯ ބޯމަތިން އައި ބޯޅަ އަފީފީ ގޯލަށް ފޮނުވާލީ ސައިޑް ކިކަކުންނެވެ.
އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި މެޗުތައް ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ހަވީރުގެ މެޗުގައި ޓީނޭޖުން ކުޅޭނީ ސަސްއާ ދެކޮޅަށެވެ. އަދި އެރޭ ކުޅޭ މެޗުގައި ދަ ގްރާންޑޭ އިން ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނެއެވެ.