ފަހަކަށް އައިސް ފޭސްބުކުން އާންމުކޮށް ފެންނަ އެއް މޫނަކަށް ފާތުމަތު ހުޝާމާ ނުވަތަ ހުޝީ ވެއެވެ. "ހެޕީ ލާނާސް"ގެ ނަމުގައި ފޭސްބުކްގައި ހިންގާ ހުޝީގެ ޓިއުޝަންކުލާހުގެ މައުލޫމާތުވެސް ހިއްސާ ކުރެވޭ، އޮފިޝަލް ޕޭޖުން އޭނާގެ މޫނު ފެންނަނީ ހަމައެކަނި ދަރިވަރުންނާއެކު ނަގާފައިވާ ފޮޓޯ ނުވަތަ ވީޑިޔޯތަކަކުން ނޫނެވެ. އެއަށްވުރެ މާ ހާއްސަ މަސައްކަތެއް ހުޝީ އަންނަނީ ކުރަމުންނެވެ. އޭނާގެ އަގުބޮޑު، މުހިންމު ވަގުތު ހޭދަކުރަމުން އެއަންނަނީ ބެލެނިވެރިންނަށާއި މައިންބަފައިންނަށް އެކި ކަހަލަ، ތަފާތު މައުލޫމާތު ފޯރުކޮށްދޭ އޮންލައިން ސެޝަންތަކެއް ހިންގުމަށެވެ.
ހުސްވަގުތުތަކުގައި ހުޝީ، އޭނާގެ ޕޭޖުން އޮންލައިންވެ ބެލެނިވެރިންނާ ބައްދަލުވަނީ އުފާވެރި، ހިނިތުންވުމަކާއެކުގައެވެ. އެކި ދުވަހު އެކި މައުޟޫތައް ކަނޑައަޅައިގެން ގެނެސްދެމުން އަންނަ މިސެޝަންތައް އަންނަނީ ދުވަހެއް ދުވަހަކަށް މީހުންގެ މެދުގައި މަގުބޫލުވަމުންނެވެ. ހުޝާމާއަކީ ހަމައެކަނި މުދައްރިސެއް ނޫނެވެ. އޭނާގެ މަސައްކަތް އޮތީ ތައުލީމީ ދާއިރާއާ ހަމައިން ހުއްޓިފައެއް ނޫނެވެ. ހުޝީ ނަފުސާނީ މައްސަލަތަކަށް ސެޝަން ނަގައިދެނީ އޭނާއަށް ލިބިފައިވާ އިލްމާއިއެކު ނަފުސާނީ މައްސަލަތައް ދިމާވެ އެކަންތައްތަކުގެ އޭނާގެ ތަޖުރިބާވެސް ހުރުމުންނެވެ.
ހުޝީގެ އެކި ބުނުންތަކުގައި އޭނާ ކުދިންނަށް ކިޔަވައިދޭން ބޭނުން ކުރާ ތަން، މިހާރު ހުޝީ އޭނާގެ ފިރިމީހާއާއެކު ދިރިއުޅެމުން އަންނަ ގޭގެ ތެރޭގައި ތައްޔާރުކޮށްފައިވާ "ހެޕީ ލާނާސް" ސިފަ ކުރަނީ އޭނާގެ (ހެޕީ ޕްލޭސް) "އުފާވެރި މާހައުލުގެ" ގޮތުގައެވެ.
ހުޝީގެ "ހެޕީ ލާނާސް"އިން އޭނާގެ އިތުރުން، އެކުގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރުންނާއި ދަރިވަރުންނާވެސް ބައްދަލުވިއެވެ. އެތަނުން މަރުހަބާ ކީ "އައި އޭމް" ވަށައިގެން ތަފާތު އެކިކަހަލަ ނަންތައް ލިޔެފައިވާ ބޮޑު ފާރެކެވެ. އެއީ އޭނާ އާއި އޭނާގެ ދަރިވަރުންގެ ހުވަފެންތަކެވެ. އެޕޯސްޓު ކިޔައިދެނީ އެތައް ބައިވަރު ވާހަކައެކެވެ.
"ހެޕީ ލާނާސް" އަކީ އެންމެ ފުރަތަމަ އުމުރުން 15 އަހަރުގައި ކުދިންނަށް ކިޔަވައިދޭން ފެށީއްސުރެވެސް ހުޝާމާގެ ހުވަފެނެކެވެ. އުމުރުން އެންމެ 15 އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ދެގޮތެއް ނުވެ އުނގަންނައިދިނުމުގައި ދެމި ހުރުމުގެ ހެޔޮ ތައުފީގު ދެއްވީތީ ހުޝާމާ އެންމެ ފުރަތަމަވެސް ﷲއަށް ޝުކުރުވެރިވިއެވެ. އެއަށްފަހު "ވަން"އަށް އޭނާގެ ހަޔާތުގެ ހިތްދަތި އަދި އުފާވެރި ވަގުތުތަކުގެ ވާހަކަތަކާއި "ހެޕީ ލާނާސް"ގެ ހުވަފެން ސީދާވެގެން އައި ގޮތްވެސް ކިޔައިދިނެވެ.
"ދިރިއުުޅުމަކީ ހަނގުރާމައެކޭ މަންމަ އަަބަދުވެސް ބުނާ އަޑު އަހަން. މި ހަނގުރާމައިގަ މީހަކަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ ސާބިތުކަމާއި އެކު ކެތްތެރިވުމޭ ވެސް މަންމަ ބުނާނެ."
އުމުރުން 15އަހަރުގައި ޓިއުޝަން ދޭން ފެށީ ބައްޕައަށް މާލީގޮތުން އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށް ހުޝީ ބުންޏެވެ. އަބަދުވެސް މައިންބަފައިންނަށް ޓަކައި ހޭދަކުރުމުގެ ހުވަފެން ދެކޭ ހުޝީއަށް، 5 ކުދިންނާއި އަނތްބެއްގެ އިތުރުން ގެއެއްގެ ހަރަދު އެކަނި އުފުލަން ޖެހުމުން ބައްޕައަށް އުފުލަން ޖެހޭނެ ތަކުލީފާއި ބައްޕައަށް އަންނަ ޕްރެޝަރު އަބަދުވެސް ފެނެއެވެ. އާއިލާގެ ފަގީރުކަމުން ބޭބެމެނާއި ދައްތަމެނަށް އެތައް އެތައް ކަމަކުން މަހުރޫމުވާން ޖެހުނު ޒަމާނެއްވެސް ވޭތުވެދިޔަތަން ހުޝާއަށް ވަނީ ގާތުން ފެނި އިހުސާސްވެފައެވެ. އެހެންކަމުން ލިބޭ އެންމެ ކުޑަ ލާރިކޮޅުންވެސް އާއިލާއަށް ހޭދަކުރުމުގެ ހިތްވަރު ކުރަމުން ދިޔަ ހުޝީ އޭރު ކިޔަވައިގެން ވާން ބޭނުން ވީ ގާނޫނީ ވަކީލަކަށެވެ. ގިނަ ލާރި ލިބޭ ކަމެކޭ ކިޔާއަޑު އިވޭތީ އޭރު އެހެން ވިސްނުނު ނަމަވެސް ހުޝީގެ ބައްޕައަކަށް އެވާހަކަ ބަލައެއް ނުގަނެވުނެވެ. ވަކީލުންނަކީ މީހުންގެ ނަފުރަތު ލިބޭ ބައެއް ކަމަށް ބައްޕަ ބުނި ހިސާބުން އެހުވަފެން ކުލަނުވެ އޮތް ހަމައެކަނި ހުވަފެނެއްގެ ގޮތުގައި އޮވެ އެކަން މާޒީއާއެކުވެގެން ދިޔައީއެވެ.
"އެންމެ ފުރަތަމަ ޑިޕްލޮމާއިން ޓީޗިން ހެދީ ޕްރައިމަރީ އެޑިއުކޭޝަނުން. މަންމައާއި ބައްޕައަށް އަޅުގަނޑުގެ މިނިންމުން ވަރަށްވެސް ކަމުދިޔަ. އެމީހުން ވަރަށް އުފާވި. ބައްޕަ ފީ ދެއްކުމަށްވެސް ވަރަށް އެހީވި. އޭރުވެސް ވަރަށް ބަލިވާނެ، ނޭފަތުން ލޭ އައިސް އެކިކަންކަން ވާނެ، ދެން ފީ ދައްކަން ދަތިވީމަ އަޅުގަނޑުގެ މަންމަގެ ނުއުފަންނަ ކުއްޖެއް ހުންނާނެ ޝަޒުރާ ކިޔާ، އޭނާ ވަރަށް އެހީވާނެ. އެއީ އަޅުގަނޑުގެ ފެއަރީމަންމަ." ހެވިފައި ހުޝީ ފަހު ޖުމްލަ ބުނެލީ އުފާވެރި ރާގަކަށެވެ.
"ޑިޕްލޮމާ ނިމުމުން ޑިގްރީއަށް ކިޔަވަން ފިޔަވަޅު އެޅީ. ބައްޕަ ބުނާނެ އަންހެން ކުދިން އެހާ ގިނައިން ކިޔަވާކަށް ނުވާނެއޭ. ދަރިން ލިބުނީމަ ކިޔެވި އެއްޗެއް ވެއްޖެއްޔާ ބޭކާރޭ ވާނީއޭ." ހުޝީ ހެމުން ހެމުން ބުންޏެވެ. އެކަމަކު އެހިސާބުން އަމިއްލަ ހުވަފެންތަކުގައި ކުލަ ޖައްސައި އުއްމީދުތައް ސީދާކުރުމަށް ހުޝީ ސުކޫލުތަކުގައިވެސް މަސައްކަތް ކުރަން ފެށިއެވެ. ޑިގްރީއަށް ކިޔަވަމުން، ޓިއުޝަން ވެސް ނަގައިދެމުން ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުންދިޔަ ހުޝީ ޑިގްރީ ހާސިލު ކުރި ދުވަހު އެންމެ އުފާވެފައި ހުރީ އޭނާގެ އެއްކަލަ "އަންހެންކުދިން ގިނައިން ކިޔެވުމުގެ ބޭނުމެއް ނެތް" ތިއަރީ ގަބޫލު ކުރާ ބައްޕަކަމަށްވާތީ އޭނާއަށް ލިބުނު އުފާ ވަރަށް ބޮޑެވެ. "ސެޓްފިކެޓް ގެއަށް ގެނައުމާއެކީ ބައްޕަ ވަގުތުން ދިޔައީ އެ ލެމިނޭޓް ކުރަން." ހަގީގަތުގައިވެސް ހުޝީއަށް ހެވުނީ އުފާވެރި ހަނދާންތައް އާވުމުން ބާރަށެވެ.
ދެން އޮތީ އިންތިހާއަށް ވޭންދެނިވި ހުޝީގެ އަލަތުކައިވެނީގެ އަނިޔާވެރި އިހުސާސްތަކުގެ ވާހަކައެވެ. ފިރިޔަކާމެދު ކޮށްފައިވާ އުއްމީދުތަކާއި ދެކެފައިވާ ފޮނިހުވަފެންތަކުގެ އެއްވެސް އަސަރެއް ނެތް ނިހާޔަތަށް އަނިޔާވެރި ފިރިއެއްގެ ވަކިތަކުގައި ގައިދުވި ނިކަމެތި އަނތްބަކަށް ހުޝީ ވީއިރު އޭނާގެ އުމުރުން އޮތީ 22 އަހަރަށެވެ.
"ދުވަހަކުވެސް އަނިޔާވެރިވީ ކަމަކަށް އެެއްބަހެއް ނުވާނެ. އެކަމަކު އަޅުގަނޑު އޭނާގެ ދިރިއުޅުމުން ނުކުތީ އޭނަގެ އަނިޔާވެރި ވަކިތަކުގެ ޝިކާރައަކަށް އަޅުގަނޑުގެ އިތުރުން އަޅުގަނޑުގެ ކޮއްކޮއެއްވެސް ވީ ހިސާބުން. އެދުވަހު ހިތަށް އެރި އަޅުގަނޑަށް ކޮންމެ ގޮތެއް ހެދިޔަސް ކުޑަކުއްޖަކަށް ޖިންސީ ގޮތުން ފުރައްސާރަ ކުރާނީ ހަމަ އިންސާނެއްގެ ސިފައިގަ ހުއްޓަސް އިންސާނެއް ނޫނޭ. އަޅުގަނޑަށް އޭނާގެ ފަރާތުން ލިބުނީ ގެވެށި އަނިޔާ އެކަންޏެއް ނޫން، އަދިވެސް މިދަނީ ނަފުސާނީ ބައްޔަށް ބޭސް ކުރަމުން، ފުލުހުންނަށް ހުށަހެޅިތާ އެތައް އަހަރެއްވީއިރުވެސް އިންސާފުގެ ކޮޅުމަތިވެސް ނުފެނޭ. މިހާރު އެއުއްމީދެއް ނުވެސް ނެތް." ހުޝީގެ ދެލޯ ފެންކަޅިވެ އަޑު ބެދި، ހަމަ ރަނގަޅަށްވެސް ގިސްލެވުނެވެ. ރޮވުނެވެ.
ކިޔާލަން ފަސޭހަވިޔަސް ތަހައްމަލު ނުކުރާހާ ހިނދަކު މިއީ ކިހާ ވަރެއްގެ ވޭނެއްކަން ހަގީގަތުގައި އިހުސާސް ކުރި މީހަކަށް ނޫނީ ނޭނގޭނެއެވެ. ހުޝީގެ މޫނުމަތިން އެވޭނާއި ތުރާގެ އަސަރު ރީއްޗަށް ފެނުނެވެ. ހުޝީ ކިޔައިދިން ގޮތުގައި އެކައިވެނިން މިންޖުވެ މިއަދު ހުޝީއަށް ލިބިފައިވާ ފިރިމީހާއާއެކު ދިރިއުޅުމަކީ ކިހާ ރީތިއެއްޗެއް ކަމާއި ހަޔާތުގެ 10 އަހަރު އުޅެވުނީ ކޮންފަދަ ބިރުވެރި، ނުރައްކަލެއްގެ ތެރޭގައިކަން ކިތަންމެހާވެސް ރަނގަޅަށް މިހާރު އިހުސާސް ކުރެވެއެވެ. އަދި ހުޝީގެ ހަޔާތުގައި އޭނާއަށް ނިންމުނު އެންމެ ރަނގަޅު އެއް ނިންމުމަކީ އެވަރިއާއި މިކައިވެނިކަމަށް މިއަދު ހުޝީއަށް ގަބޫލު ކުރެވެއެވެ.
ދެންވެސް ހުޝީގެ ހަޔާތަށް އައި އުފާވެރިކަމުގެ ތެރެއިން ހިތްދަތި އިމްތިހާނުތަކާ ކުރިމަތިލަމުން އޭނާ ދިޔައީ ކުރިއަށެވެ. ކައިވެނީގެ ކުރީކޮޅު ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އެވޭނުން އަރައިގަނެގެން އަލަތު ދަރިފުޅު އަންނަން އުޅޭކަމުގެ އުފާ އިހުސާސްކުރެވުނީ ހަމަ ދުވަސްކޮޅަކަށެވެ. އެހެންނަމަވެސް އެވޭނުގައި އޭނާ ކިޔަވައިދެމުން އައި ތަނުގެ ވެރިޔާ ދިނީ ހިތްދަތިބަސްތަކެކެވެ. "ހުޝާމާއަށް ސުކޫލު ބަންދުވީމަ ތިކަން ކުރަން ނޭނގުނުހެއްޔޭ" ބުނުމުން ސުކޫލުތަކުގެ ކިޔަވައިދިނުމަށް އަލްވަދާއު ކިޔަން ހުޝީ ނިންމީއެވެ. "އެވަރުގެ ހިތާމައެއް ނުލިބޭ. އަބަދު ރޮވެނީ." ދަރިފުޅަކަށް އުއްމީދުކުރަމުން އަންނަ ހުޝީއަށް މިހާލަތު ކިތަންމެ ފަހަރަކު ދިމާވެ މިއަދު އޭނާގެ ހިތްވަރުވެސް ގަދަވެއްޖެއެވެ. އުފަންދަރިން ނެތަސް އޭނާއަކީ މިއަދު އެތައް ދަރިވަރުންގެ ލޯބި ލިބިފައިވާ އެދުރެކެވެ.
ކޮންމެއަކަސް ހަޔާތުގެ އެކިކަހަލަ ވޭންދެނިވި މަރުހަލާތައް ކަޑައްތުކޮށް މިއަދު އުފާވެރިކަމުގެ އައްސޭރިއަކަށް، ނުހަނު އޯގާތެރި ފިރިއެއްގެ އެހީއާއެކު ވާސިލުވެވިފައި އިން ހުޝީ އޭނާގެ "ހެޕީ ލާނާސް"އާމެދު ދެކޭ ހުވަފެންތައް ބޮޑެވެ. އުއްމީދުތައް ގިނައެވެ. އޭނާގެ އެންމެބޮޑު އަމާޒަކީ ކޮންމެ ކުއްޖަކަށް ތަފާތެއް ގެނައުން ކަމަށާއި ދަރިވަރުން ގާބިލު، ހުނަރުވެރި ކެރޭ ބަޔަކަށް ހެދުމެވެ.
2020ވަނަ އަހަރުގެ ޖެނުއަރީ 1 ގައި ހުޝީގެ "ހެޕީ ލާނާސް" ރަސްމީކޮށް ހުޅުވިގެން، ކޮވިޑުގެ ދަތިކަންވެސް ހުރަސްކޮށް އަނެއްކާވެސް އުފާވެރި އުއްމީދަކާއެކު، ކުރިއަށް ދަނީ އޭނާގެ ހިތްވަރާއި މަސައްކަތުންނެވެ. ސަރުކާރުގެ އަދި އަމިއްލަ އަދި އެހެންމެ ބައިނަލްއަގުވާމީ ސުކޫލުތައްވެސް ހިމެނޭހެން އެތައް ސުކޫލެއްގައި 10 އަހަރުވަންދެން ހުޝީ މަސައްކަތް ކުރަމުން ދިޔައީ އިންތިހާއަށް ވޭން އުފުލަންޖެހޭ ބަލިހާލާއެކު އޭރުގެ ހިތްދަތި ހަޔާތުގެ ވޭންވެސް އުފުލަމުންދިޔަ ހާލުގައެވެ. އަބަދުހެން ބަލިވެ އުޅެން ޖެހުނުއިރުވެސް ހިތްވަރުކޮށްފައި ކިޔަވައިދިނުމުގައި އުޅުނުނަމަވެސް އޭނަފަދަ ބަލިވެ އުޅޭ މުދައްރިސަކު ކިޔަވައިދޭން ހުރުމަކި އެކުދިންނަށް ވެވޭ ބޭއިންސާފެއްކަމުގެ އިހުސާސް ހުޝީއަށް އިތުރަށް ކިޔަވައިދިނުމުގައި ރަސްމީކޮށް އެހެން އުޅުމުގެ ހިތްވަރެއް ނުދިނެވެ. އެހެންކަމުގައިވިޔަސް ކިޔަވައިދިނުމަކީ އޭނާގެ ކަށީގައި ހަރުލާފައި ހުރި، ލޭގައި ހިނގަމުންދިޔަ ކަމަކަށްވުމުން އެކަމެއް އޭނައަކަށް ނުހުއްޓުނެވެ. ހަމަ އެހެންމެ ހަޔާތުގެ ދަތުރުގައި އަދިވެސް ކިޔެވުމާއިވެސް ދުރަށް ނުދާ ހުޝީ މިހާރު އެދަނީ އޭނާގެ ކިޔެވުމުގެ އެންމެ ހާއްސަ މަރުހަލާ ފުރިހަމަކުރަމުންނެވެ.
މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އަމިއްލަ ހަރަދުގައި މައިންބަފައިން ހައްޖަށް ފޮނުވައިލެވުނު ޒިންމާދާރު ދަރިފުޅަކަށްވުން ފާހަގަ ކުރާ ހުޝީ އެތައް ބަޔަކަށް އޭނާގެ ޝުކުރު ހައްގުވާ މީހުންގެ ތެރެއިންވެސް އެންމެ ފުރަތަމަ ފާހަގަކޮށްލީ މަންމައާއި ބައްޕަގެ ނަމެވެ. އަދި އާއިލާގެ ހުރިހާ އެންމެން، ދައްތަމެނާއި ބޭބެމެންނަށްވެސް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރެއެވެ. ކޮންމެ ފިޔަވަޅަކާއެކު ފިޔަވަޅު ސާބިތުކުރުމަށް ފަހަތުގައި ހުރި ލޮބުވެތި ފިރިމީހާއަކީ ހުޝީގެ ނަސީބުގެ އެންމެ ބޮޑު ސަބަބުކަމަށް އޭނާ ގަބޫލު ކުރެއެވެ. ލޯބިވާ ފިރިމީހާގެ އިތުރުން މައިދައިތައާއި ބަފައިބެ އަދި ބޮޑުދައިތަ ކިޔާ ކުދިންނާއި އެންމެ ގާތް ރަހުމަތްތެރިޔާ އިސްމާއީލަށް ހުޝީ ފަށްފަށުން ޝުކުރު އަދާ ކުރެއެވެ. ނުހަނު ލޯބިވާ ދަރިވަރުންނާއި އޭނާގެ ވަފާތެރި ތެދުވެރި، އެކުވެރި ސްޓާފުންނާއި ހެޔޮއެދޭ ދެގޮތެއް ނުވާ ބެލެނިވެރިންނާއި ފޮލޯވާސްއަށް ފަށްފަށުން ޝުކުރު އަދާ ކުރެއެވެ.
"އަޅުގަނޑަކީ އަޅުގަނޑުގެ ޒުވާން އަހަރުތައް ނަގާލި ގެވެށި އަނިޔާ (ބަހުގެ، ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާ) އިން ސަލާމަތްވެފައި އިން އަންހެނެއް. އެ ކައިވެންޏާ ދުރަށް އައުމަކީ އަޅުގަނޑަށް މިހާތަނަށް ދިމާވި އެންމެ ރަނގަޅު، ހެޔޮފާލު. އެޅުނު އެންމެ ބުއްދިވެރި ފިޔަވަޅު. "ހެޕީ ލާނާސް"އަކީ އަޅުގަނޑުގެ ޅައުމުރުގެ އެތައްހާސްކަމަކާއި އުމުރުގެ ޒުވާން އަހަރުތަކުގައި ލިބުނު ގެވެށި އަނިޔާއިން ކުރިމަތިވި ވޭނާއި ހިތާމައިން އަރައިގަނެވުނު "ހެޕީ ޕްލޭސް". އަޅުގަނޑުގެ އުފާވެރި މާހައުލު.
މުޖުތަމައަށް ހުޝީ ދޭން ބޭނުންވާ ނަސޭހަތަކީ އަންހެންދަރިއަކަށް ވީތީ ހިމޭނުން ހުރިހާ ފަހަރަކު ކެތްކޮށްގެން، ހިމޭން ވާކަށް ނުޖެހޭ ކަމެވެ. ގެވެށި އަނިޔާއާއި ދެކޮޅަށް ތެދުވުމަށް އޭނާ ހަރުބަހުން ބުނެއެވެ. ކެރޭ ފިރިހެނަކީ އަންހެން މީހާ އަޅުވެތިކުރާ މީހާއެއް ނޫނެވެ. އަނބިމީހާއަށް އަނިޔާގައި ހައްދުފަހަނައަޅައި ދާ މީހާއެއްވެސް ނޫނެވެ. ހުޝީގެ ކެތްތެރިކަމާއި ހިތްވަރު އޭނާ ސަލާމަތްކޮށްދިނީ ދުނިޔެމަތިން އޭނާ މާޔޫސްވެ އަމިއްލައަށް ނަފުސާނީބަލީގައި ނިމިދިއުންފަދަ ވޭނަކުންނެވެ. އޭނާގެ ހަޔާތުގެ އެތައްއެތައް ވޭނަކާއެކުވެސް ހުޝީ ވަނީ "ހެޕީ ލާނާސް"އާއެކު އުފާވެރި މަންޒިލަކަށް ދިއުމަށް އުފާވެރި މަގާމެއް އުފައްދައިފައެވެ. "ވަން" އިން އެދެނީ ހުޝީއާއި ހުޝީގެ އާއިލާ އަދި "ހެޕީ ލާނާސް"އަށް ފާގަތި މުސްތަގުބަލަކާއި ކާމިޔާބު، އުފާވެރި ހަޔާތެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް