ޚަބަރު

މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކުރާ މީހުންނަށް ފިޔަވަޅު އަޅާނަން: ފުލުހުން

މުހައްމަދު އިޝާން

1

ޖިނާއީ ކުށްތަކުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކުރުމަކީ ކަންބޮޑުވާކަމެއް ކަމަށާއި އެފަދަ ކުށްތައް ކުރާ މީހުންގެ މައްސަލަތައް ވެސް ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ހުޅުމާލޭ ދެ ވަނަ ފޭސްގައި ރޭގެ ވަގުތެއްގައި ވަނީ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ފިރިހެން ޓީޗަރަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ކުށްތަކަށް އަރައި ގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އިންސާފު ހޯދުމަށް ކަމަށްބުނެ، ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ގާނޫނުތަކާ ހިލާފަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ނުހަނު ކަންބޮޑުވާ އަދި މުޖުތަމައުގެ މަސްލަހަތު ގެލިގެން ހިނގައިދާނެފަދަ އަމަލުތަކެއް ކަމަށެވެ.

"އެހެންކަމުން މިފަދަ ކަންތައްތައް ތަކުރާ ނުކުރުމަށް މި ހިދުމަތުން އިލްތިމާސްކުރަން. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގަނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން،" ފުލުހުން ބުންޏެވެ.

ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް ޓީޗަރަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ރޭ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފިރިހެން ކުއްޖާއާ މެދު އޭނާ ކަންތައް ކުރީ ކިހިނެއްތޯ މީހުން ސުވާލު ކުރާ އަޑު އިވެއެވެ. އަދި ކިތައް ކުދިންނާ ބެހުނުތޯ ވެސް ސުވާލު ކުރެއެވެ. އެ ސުވާލުތަކަށް ޖަވާބުދެމުން އޭނާ ވަނީ ކުއްޖަކާ ބެހުނު ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެތާ ކައިރީގައި ތިބި މީހުން ވަނީ އިތުރު ކުދިންނާ ބެހުނު ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

ވީޑިއޯ އިން ފެންނަ އަންހެން މީހަކު ބުނީ، އެ ކުއްޖާ ޓިއުޝަނަށް ފޮނުވީ އެ ފިރިހެން މީހާ އަމިއްލައަށް ޓިއުޝަން ދޭން ބޭނުންވާ ކަމަށް ބުނުމުން ކަމަށެވެ. އަދި އެ ކުއްޖާ ޓިއުޝަނަށް ގޮސްފައި އައިސް ބަދުއަހުލާގީ ވީޑިއޯ ދެއްކި ކަމަށާއި ޓިއުޝަނަށް ފޮނުވި ފުރަތަމަ ދުވަހު ކުއްޖާއާ ބެހިފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ފުލުން ރޭ ބުނެފައިވަނީ، ހުޅުމާލެ ދެވަނަ ފޭސްގައި ބަޔަކު މީހުން، މީހަކަށް އަނިޔާކުރާކަމުގެ މައުލޫމާތު މިރޭ 10:00 ހާއިރު ލިބިފައިވާ ކަމަށާއި އަނިޔާ ލިބިފައިވަނީ 29 އަހަރުގެ މީހަކަށް ކަމަށެވެ. އަދި އެމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެމައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނެފައިވަނީ ސްކޫލް ކުއްޖަކަށް ޓިއުޝަން ދިނުމަށް ކަމަށްބުނެ، ގެއަކަށް ގެންގޮސް، އެ ކުއްޖާއަށް ބަދުއަހުލާގީ ވީޑިއޯ ދެއްކި މައްސަލައެއް މިމަހުގެ 17 ވަނަ ދުވަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހަމަ އެދުވަހު އެ ޓީޗަރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.