ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ހާންޖީ ރެސްޓޯރެންޓެއްގެ ތެރޭގައި ވަޅިން ހަމަލާދީ އެ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރާލި މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކޮށްފައިވާ ޕާކިސްތާނު ޝެފް މުހައްމަދު އާބިދު (26އ)ގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. ހެކިބަސް ދޭން ކޯޓަށް މިއަދު ހާޒިރުކުރީ މި މައްސަލައިގައި ހިމެނޭ ދެ ސީން އޮފް ކްރައިމް އޮފިސަރުންނެވެ.
ޝަރީއަތަށް ފުރަތަމަ ހާޒިރުކުރީ 2018 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ސީން އޮފް ކްރައިމް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ހެކިބަސް ދެމުން އޭނާ ވަނީ، ސީންއަށް ދިޔައިރު ލޭގެ ނިޝާންތައް ފެންނަން ހުރި ކަމަށާއި ސީނުން ފެނުނު ވަޅިތަކުގެ ތެރެއިން ހަމަލާދިނުމަށް ބޭނުން ކުރި ކަމަށް ޝައްކު ކުރެވޭ ވަޅިތައްވެސް މާއްދީ ހެކީގެ ގޮތުގައި ނަގާފައިވާ ކަމަށެވެ. އަދި އެ ވަޅިތަކުގެ ތެރެއިން ޝަމީމަށް ހަމަލާ ދީފައިވަނީ މިޔަ ކުޑަ ކިވީ ބްރޭންޑްގެ ވަޅިއަކުން ކަމަށް ބެލެވޭ ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.
ޝަރީއަތަށް ދެން ހާޒިރުކުރީ އާބިދުގެ ހަށިގަނޑާއި އަންނައުނު ބަލައި ފާސްކޮށް، މާއްދީ ހެކިތައް ނެގި އޮފިސަރެވެ. އޭނާއަކީ 2014 ވަނަ އަހަރުން ފެށިގެން ސީން އޮފް ކްރައިމް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މި މައްސަލައިގައި ދެންވެސް އޮންނާނީ ހެކިބަސް ނެގުމުގެ އަޑުުއެހުމެކެވެ. މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.
ޝަމީމް މަރާލާފައިވަނީ 16 އެޕްރީލް 2022 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އާބިދު އޭނާގެ އަތުގައި އޮތް ވަޅިއަކުން ޝަމީމްގެ މޫނުގެ ވައަތްފަރާތުން ބޮލަށާއި މެޔަށް ހަމަލާދީގެން ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު