ޚަބަރު

ބަންޑާރަ އުސޫލުން ގޯތި ދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއްނޫން: މިނިސްޓަރު އަސްލަމް

އިބްރާހިމް ޒަކީ

ބަންޑާރަ އުސޫލުން ގޯތި ދޫކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއްނޫންކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން މިހާރު ހުޅުވާލާފައިވާ ފުރުސަތާ ގުޅޫވާލައިގެން އަަލީ އާޒިމް މިނިސްޓަރާ ސުވާލު ކުރެއްވީ، އެއްރަށެއްގެ މީހަކަށް އަނެއް ރަށަކުން ގޯތި ލިބުމަކީ ސަރުކާރަށް އޮތް އުނދަގުލެއްތޯ އާއި، ހުރިހާ ރަށެއް ޓެކްސް ޕޭޔާގެ ފައިސާއިން ހިއްކާއިރު، ބައެއްމީހުންނަށް ހިލޭ އަދި އަނެއް ބަޔަކަށް ގޯތި ވިއްގާގޮތަށް އޮތް ސިޔާސަތެއް ސަރުކާރުގައި އޮތްތޯ އޮޅުން ފިލުވުމަށެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރުއަސްލަމް ވިދާޅުވީ، ޒަމާނުއްސުރެން ކަނޑައެޅި އަމަލު ކުރަމުން އަންނަ އުސޫލަކީ، ރައްޔިތު މީހާ ދިރިއުޅުމަށް ބަންޑާރައިން ބޮންކޮޅެއް ދިނުން ކަމަށެވެ. އަދި އެމީހަކު ބޭނުން ރަށަކުން ގޯއްޗަށް އެދުމަކީ ގާނޫނުން މަނާކަމެއްނޫން ކަމަށްވިޔަސް، ރަށްރަށުގެ ރަށު އޮފީސްތަކުންނާއި، ކައުންސިލްތަކުން ގޯތިދޭ އުސޫލު ކަނޑައަޅާފައި އޮންނަނީ، އެ ރަށެއްގެ ރައްޔިތުންނަށް އިސްކަންދޭގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. މަލޭ ރައްޔިތުންނަށް މާލެއިން ގޯތި ދޫކުރުމަށް ހުޅުވާލީ އެ އުސޫލުގެ ދަށުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ އާބާދީ އިތުރުވަމުންދާއިރު ރައްޔިތުން ބޭނުންވާ ވަރަށް ރަށްރަށް ނުހިއްކޭނެ ކަމަށެވެ. އެއާއެކު ބިމުގެ ވިޔަފާރި ވެސް ދާނީ ބޮޑުވަމުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އަމިއްލަ ރަށް ނޫން އެހެން ރަށް ރަށުން ގޯތި ދެވޭނެ އުސޫލެއް އޮންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ހަމައެކަނި މާލޭގަ ޖެހުނީމަކާ ނޫން ނޫނީ އެ މީހެއްގެ ރަށުގައި ޖެހުނީމަކާ ނޫން މިކަން ކުރަން ޖެހެނީ، މުޅި ގައުމާ ދޭތެރޭގައި އެއް ހަމައަކުން ވިސްނައި، ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކޮންމެ ތާކުން ވެސް ލިބެންޖެހޭ، އެކަމަކު ހިލޭ ދޭ ކަމަށް ވަންޏާ އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެން ބަންޑާރައިން ދޭ އުސޫލު އޮވެއްޖެ ނަަމަ، ޔަގީން ކޮންމެ މީހަކު ވެސް ބޭނުންވާނީ އޭނާއަށް ލިބިފައި އެހެން މީހަކަށް ލިބެން،" އަސްލަމް ވިދާޅުވި އެވެ.