ލުއި ޚަބަރު

ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ފިޔާ ނެރެނީ ކޮންބައެއް؟

ދުނިޔޭގައި އެންމެ ގިނައިން ފިޔާ ހައްދާ ގައުމަކީ ޗައިނާއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން އަހަރެއްގެ މައްޗަށް ޗައިނާއިން 55 ބިލިއަން ރާތަލުގެ ފިޔާ ހައްދައެވެ. ޗައިނާގެ ފަހަތުން ދެން އެންމެ ގިނަ ފިޔާ ނެރޭ ގައުމަކީ އިންޑިޔާއެވެ.

އަހަރެއްގެ މައްޗަށް އިންޑިޔާގެ އުފެެއްދުމަކީ ގާތްގަޑަކަށް 50 ބިލިޔަން ރާތަލެވެ. ފިޔާ ހެއްދުމުގައި މި ދެގައުމާ ކައިރިކޮށްލެވޭ ބަޔަކުވެސް ނެތެވެ. ލިސްޓުގެ ތިންވަނަ ލިބޭ އެމެރިކާއަށްވެސް އުފެއްދެނީ އަހަރަކު ގާތްގަޑަކަށް ހަތް ބިލިޔަން ރާތަލެވެ. މިސްރުވެސް އެޔާ ދާދި ގާތްކުރާ މިންވަރަކަށް ފިޔާ އުފައްދައެވެ. އެއީ 6.5 ބިލިޔަން ރާތަލެވެ.

މިސްރަށްވުރެ ފަހަތުން ލިސްޓުގެ ފަސްވަނަޔާއި ހަވަނަޔަށް އަންނަނީ ތުރުކީ އާއި ޕާކިސްތާނެވެ. މި ދެގައުމުގެ މިންވަރަކީ އަހަރަކު ގާތްގަޑަކަށް 4.5 ބިލިޔަން ރާތަލެވެ. މިސްރު ނަގާފައި އެފްރިކާއިން ދެން އެންމެ ގިނަ އަދަދެއްގެ ފިޔާ ދުނިޔޭގެ ބާޒާރަށް ނެރޭ ގައުމަކީ ސޫދާނެވެ. އެެއީ އަހަރަކު 4 ބިލިޔަން ރާތަލެވެ.

ފިޔާގެ ބާޒާރުގައި ބަންގްލަދޭޝްއާއި އީރާނަކީވެސް ވަރަށް ފާހަގަކޮށްލެވޭ ދެ ގައުމެވެ. މި ދެ ގައުމުގެ އުފެއްދުންވެސް އަހަރަކު ގާތްގަޑަކަށް 4 ބިލިޔަން ރާތަލަށް އަރައެވެ. ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ފާހަގަ ކުރެވޭ މިންވަރަކަށް ފިޔާ ހައްދަނީ ސްޕޭނާއި ހޮލެންޑުގައެވެ. ސްޕޭނުގެ މިންވަރަކީ އަހަރަކު 3.2 ބިލިޔަން ރާތަލެވެ. ހޮލެންޑުގެ މިންވަރަކީ 2.7 ބިލިޔަން ރާތަލެވެ.