ޚަބަރު

ދެ ދުވަސް ތެރޭގައި ޕްލެޓްފޯމް ނެގޭނެ، ތިލަމާލެ ބުރިޖު މަޝްރޫއުގެ ސްޕީޑަށް ބަދަލެއް ނާންނާނެ!

މުހައްމަދު އިޝާން

މާލެ އާއި ވިލިމާލެ ގުޅުވާލަން އަޅާ ބްރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް މީގެ ހަފްތާއެއް ކުރިން ވިލިމާލެ ފަރަށް އެރި ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ) ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނަގާނެ ކަމަށް ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފިއެވެ.

ބުރިޖުގެ ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 2:45 ހާއިރުއެވެ. އެ ހާދިސާގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. ޕްލެޓްފޯމް ފަރަށް އަރާފައިވަނިކޮށް ފެނިފައިވަނީ މެރިން ޕޮލިހަށެވެ.

އެކަމާ ގުޅިގެން އެފްކޮންސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕްލެޓްފޯމް ފަރަށް އަރާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށާއި ފަރަށް އެރިއިރު ޕްލެޓްފޯމުގައި 11 މީހުން ތިބި ކަމަށެވެ. އަދި ޕްލެޓްފޯމް ވިލިމާލެ ފަރުން ފުން ކުރުމުގެ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް މިހާރު މޮބިލައިޒް ކޮށްފައިވާ ކަމަށާއި އެގޮތުން ޓަގްތަކާއި ބާޖު އަދި ކެރޭންތައް ހޯދާފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މޫސުން ގޯސްނޫނިއްޔާ ޕްލެޓްފޯމް ފުން ކުރުމުގެ މަސައްކަތް ނިންމާލެވޭނެ. އަދި ޕްލެޓްފޯނު ނެގުމުގެ މަސައްކަތް ކުރާނީ ފަރަށް ގެއްލުންނުވާނެ ގޮތަށް ފިޔަވަޅު އަޅައިގެން،" އެފްކޮންސްއިން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖާ މުހައްމަދު ޖިނާހު ވިދާޅުވީ، ބުރިޖުފަދަ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެފަދަ ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ ހާދިސާއެއް ނުހިނގާނޭހެން މަސައްކަތްތައް އިންތިޒާމުކުރުމަށް މަޝްރޫއުގެ ކޮންސަލްޓެންސީ ފާމް ކަމަށް އަރުން ކޮންސަލްޓެންސީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ

"މި ޕްލެޓްފޯމާ ގުޅިގެން ބުރިޖުގެ ޓައިމްލައިނަށް އެއްވެސް ބަދަލެއް އިމްޕެކްޓެއް ނާންނާނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން" ޖިނާހު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮޖެކްޓް މޭނާޖާ މުހައްމަދު އިބްރާހީމް ވިދާޅުވީ، ބުރިޖުގެ މަސައްކަތަށް ބޭނުންވާ އެކްސްޓްރާ ޕްލެޓްފޯމެއް އެފްކޮންސްއިން ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި ބުރިޖުގެ މަޝްރޫއުގެ މަސައްކަތައް ބޭނުންވާ އެހެނިހެން ވަސީލަތް ވެސް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

"ކޮންޓްރެކްޓާގެ ފަރާތުން މިކޮޅަށް މޮބިލައިޒްކޮށްފައި އެބައޮތް ޕްލެޓްފޯމެއް މަސައްކަތަށް ބޭނުންވާ އިކުއިޕްމެންޓްސް، ހަމަ ފުދޭ ވަރަކަށް އެބަހުރި މިކޮޅުގަ،" މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.

ބުރިޖުގެ ޕްލެޓްފޯމު ނެގުން ލަސްވާތީ އާއި އެކަމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދާ ގެއްލުމާމެދު ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ކުއްލި މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅައިފައެވެ.

އުޝާމް ވިދާޅުވީ ވިލިމާލޭ ފަރުން ޕްލެޓްފޯމް ނަގަން މަސައްކަތްކުރަމުން ނުދާތީ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ފަރަށް ލިބެމުންދާ ކަަމަށެވެ. އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތުގެ ފެންވަރު ސަރުކާރުން، ކައިރިން ބަލަން ޖެހޭ ކަަމަށެވެ.