ޚަބަރު

އަމިއްލަ ގޭގައި ހުރި މަސްޓޭންކުން ހަތަރު މަސް ވަގަށް ނެގުމުން ހަތަރު މަހުގެ ޖަލު ހުކުމެއް

އަލީ ޔާމިން

އަމިއްލަ ގޭގައި ހުރި މަސްޓޭންކަކުން ހަތަރު މަސް ނެގި މީހަކު ހަތަރު މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި ދައުވާއަކީ ގދ. ތިނަދޫ/ ވަދޫރާ، އަހުމަދު އާތިރު އަލީ، 29 ޖުލައި 2021 ވަނަ ދުވަހުގެ 9:30 ހާއިރު، ގދ. ވަދޫރާގޭގެ ތެރޭގައި ހުރި މަސްޓޭންކަކުން ތިން އިންޗި ހުންނަ ވަރުގެ ހަތަރު މަސް، (ދެ ކެމެޓް، އެއް ކާބު، އެއް ގްރާމް) ވަގަށް ނަގާފައިވާތީ ދައުލަތުން އާތިރުގެ މައްޗަށް ކޮށްފައިވާ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އާތިރު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އަވަހަށް މައްސަލަ ނިންމައިދިނުމަށް އޭނާ އެދިފައިވެއެވެ.

އާތިރުގެ މައްޗަށް ވައްކަން ކުރި ކަމުގެ ކުށް ސާބިތުވުމުން އެދުނީ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށެވެ. އަދި ޖޫރިމަނާ ދެއްކޭނެ ގާބިލުކަން ހުރިކަން ދެއްކުމަށް "ވިލި އުފާ" ކިޔާ ތަނެއްގައި ވަޒީފާގައި އުޅޭ ކަމުގެ ލިއުމެއް ވެސް އޭނާ ހުށަހެޅިއެވެ. ނަމަވެސް މިހާރުވެސް އޭނާ ހުރީ ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން ގޭ ބަންދުގައި ކަމަށްވުމުން ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދެެވެން ނެތް ކަމަށް މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ނިންމެވިއެވެ.

އެހެންވެ، ގާޒީ އަލީ އާދަމް ވަނީ އާތިރުގެ މައްޗަށް، ވައްކަމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކުރައްވައިފައެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް އޭނާ 16 ދުވަހަށް ބަންދުގައި ހުންނަން ޖެހުމުން ތަންފީޒު ކުރަން ޖެހޭނީ ހަތަރު މަހާއި އަށް ދުވަހުގެ ޖަލު ހުކުމެކެވެ.