އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހީ ގަދަ ދެބާރުން ރޭ ވާދަކުރި މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑު އޯލްޑްޓްރެފޯޑުގައި ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު، ލިވަޕޫލާއި ޔުނައިޓެޑްގެވެސް އޮތީ ސީޒަނުގެ ފުރަތަމަ މޮޅަކަށް ފެން ބޮވައިގެންފައެވެ. ލިވަޕޫލުން ފުރަތަމަ ކުޅުނު ދެމެޗުން އެއްވަރު ވެފައި އޮތުމުން ރޭގެ މެޗުން މޮޅެއް މުހިއްމުވި އިރު، އަނެއްކޮޅުން ނުކުތް ޔުނައިޓެޑަށް މޮޅެއް މުހިއްމުވީ ފުރަތަމަ ދެމެޗުން ބޮޑު ތަފާތަކުން ބަލިވެފައި އޮތުމުންނެވެ.
ޔުނައިޓެޑުން މި ސީޒަނަށް އާ ކޯޗު އެރިކް ޓެން ހާގާއެކު ތައްޔާރުވެ ފެށި ފެށުން ގޯސްކޮށް ދިޔުމުން ރޭގެ މެޗާ ހަމައަށް ކްލަބު އޮތީ ބޮޑު ޕްރެޝަރެއްގައެވެ. ހާއްސަކޮށް ކްލަބުގެ އިހުލާސްތެރި ސަޕޯޓަރުން ގޮވަމުން ދިޔައީ ވެރިން ބޭރުކުރުމަށެވެ. އެގޮތުން ރޭގެ މެޗުގެ ކުރިންވެސް ޔުނައިޓެޑްގެ ވެރިން ކަމަށްވާ ގްލޭޒާސް އާއިލާއާ ދެކޮޅަށް ސްޓޭޑިއަމް ކައިރީގައި ޔުނައިޓެޑް ސަޕޯޓަރުން ވަނީ އަޑު އުފުލައިފައެވެ.
ސަޕޯޓަރުންގެ މާޔޫސްކަން ފިލުވައިލަން ޔުނައިޓެޑުން ވަނީ ރޭގެ މެޗުގެ ކުރިން އެޓީމަށް އަލަށް ގެނައި މިޑްފީލްޑަރު ކަސެމީރޯ ދައްކައިލައިފައެވެ. މެޗަށް ނެރުނު ފުރަތަމަ 11 ގައި ކަސެމީރޯ ހިމެނޭވަރު ނުވި ނަމަވެސް، އޭނާ ވަނީ މެޗު ބަލަން ސްޓޭޑިއަމްގައި މަޑުކޮށްފައެވެ.
ލިވަޕޫލަށް ރޭގެ މެޗަށް އޮތް އެންމެ ބޮޑު ޗެލެންޖަކަށްވީ އަނިޔާގެ މައްސަލަތަކެވެ. މެދުތެރެއިން ތިއާގޯ އަލްކަންޓްރާއާއި ފަހަތުން ޖޯލް މަޓިޕް އަނިޔާގައި ތިބި އިރު، މެޗަށް ނެރުނު ފުރަތަމަ 11 ގައި ފަބީނިއޯވެސް ޖާގަން ކްލޮޕް ހިމަނާފައެއް ނުވެއެވެ. އަދި އުރުގުއޭގެ ފޯވަޑް ޑާވިން ނުނޭޒް ހުރީ ސަސްޕެންޝަނުގައެވެ.
އަނެއްކޮޅުން ނެރުނު ފުރަތަމަ 11 ގައި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޑިފެންޑަރު، އަދި ކެޕްޓަން ހެރީ މެގުއާ ހިމެނިފައެއް ނުވެއެވެ. ޔުނައިޓެޑްގެ ބޭންޑްގައި ރޭގެ މެޗަށް ނުކުތީ ބްރޫނޯ ފެނާންޑޭޒްއެވެ.
މެޗު ފެށުނު އިރުން ފެށިގެންވެސް ޔުނައިޓެޑް ދަނޑު ދިޔައީ ގުގުމަމުންނެވެ. ތަފާތު ރޫހެއް ޓީމުންވެސް ފެނުނެވެ. ކުރިއަށް ކުޅުނު މާކަސް ރަޝްފޯޑާއި އެންތަނީ އެލަންގާ އަދި ޖޯޑަން ސަންޗޯގެ ބާރު ސްޕީޑާއެކު ލިވަޕޫލްގެ ޑިފެންސް ލައިނަށް ނުރައްކާ ކުރިއެވެ. އެޓޭކްތަކަށް ފުލުފުލުގައި މަސައްކަތް ކޮށް މެޗުގެ 16 ވަނަ މިނެޓުގައި ސަންޗޯ ވަނީ ޔުނައިޓެޑަށް ހައްގު ލީޑެއް ނަގައިދީފައެވެ.
އެ ގޯލާއެކު މުޅި ސްޓޭޑިއަމް ގުގުމާލައި، ލިވަޕޫލް މާޔޫސް ކޮށްލިއެވެ. އަދި ފުރަތަމަ ހާފުގެ ބާކީ ބައިގައިވެސް ފެނުނީ ޔުނައިޓެޑްގެ ނުރައްކަލެވެ. ކްރިސްޓިއަން އެރިކްސަންގެ ދެ ހިލޭ ޖެހުމެއްވެސް ނުރައްކާކޮށް ފެނުނު އިރު، ޔުނައިޓެޑުން ހާފު ނިންމާލީ ރަނގަޅު ޓެމްޕޯއެއްގައެވެ.
ދެވަނަ ހާފުގައި ލިވަޕޫލުން ބޮޑަށް އެޓޭކްތަކަށް ކުރިއަށް ޖެހުނު ނަމަވެސް، ޔުނައިޓެޑްގެ ޑިފެންސް ލައިންގައި ލިސާންޑްރޯ މާޓިނޭޒްއާއި ރަފޭލް ވަރާން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް މުހައްމަދު ސަލާހް އަދި ލުއިސް ޑިއާޒް ފަދަ ކުޅުންތެރިން ހިފަހައްޓަން ރޭގެ މެޗުގައި ޔުނައިޓެޑުގެ ޑިފެންސުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މެޗުގައި ޔުނައިޓެޑުން ޖެހި ދެވަނަ ގޯލު ދެވަނަ ހާފުގެ ކުރީކޮޅުގައި، 53 ވަނަ މިނެޓު ކާމިޔާބު ކޮށްދިނީ ރަޝްފޯޑެވެ. ރަޝްފޯޑުގެ އެ ގޯލަކީ ގިނަ މެޗުތަކަކަށްފަހު އޭނާ ޖެހި ގޯލެކެވެ. އޭނާ ޕްރިމިއާ ލީގުގައި ގޯލެއް ރޭ ޖެހީ 997 މިނެޓް ފަހުންނެވެ. ރޭގެ މެޗުގެ ފަހު 20 ވަރަކަށް މިނެޓްގައި ލިވަޕޫލުން ނުރައްކާކޮށް، ސަލާހްގެ ގޯލެއް ޖެހި ނަމަވެސް އެޓީމަށް ނަތީޖާ އަނބުރައެއް ނުލެވުނެވެ.
މިވަގުތު ޔުނައިޓެޑުން ވަނީ ލީގު ތާވަލުގެ 14 ވަނަ އަށް ޖެހިލައިފައެވެ. އަނެއްކޮޅުން ކުޅުނު ލިވަޕޫލަށް ތިން މެޗުން މޮޅެއް ނުލިބި، އޮތީ ތާވަލުގެ 16 ވަނައިގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު