ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ރެއާލް ސޮސިއެދާދުގެ މައްޗަށް 4-1ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.

ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމަށް މި ސީޒަނަށް ގެންދިޔަ ކުރީގެ ބަޔާން މިއުނިކް ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ވަނީ ދެ ގޯލު ޖަހައިފައެވެ. އިއްޔެއަކީ ލެވަންޑޯސްކީގެ 34 ވަނަ އުފަން ދުވަސްވެސް މެއެވެ. ފޯމުގައި ހުރި ލެވަންޑޯސްކީގެ ގޯލުތަކާއެކު ބާސާއިން ވަނީ ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފައެވެ.

ބާސާއިން މިހާތަނަށް ދެ މެޗު ލަލީގާގެ މި ސީޒަނުގައި ކުޅެފައިވާ އިރު، ހަތަރު ޕޮއިންޓާއެކު އެޓީމުން އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ.

ރޭގެ މެޗުގެ 47 ވަނަ ސިކުންތުގައި ލެވަންޑޯސްކީ ވަނީ ބާސާއަށް އޭނާގެ ފުރަތަމަ ރަސްމީ ގޯލު ޖަހައިދީފައެވެ. އެލެހަންޑްރޯ ބާލްޑޭގެ ހުރަހަކުން ލެވަންޑޯސްކީ ގޯލު ޖެހި އިރު، އޭގެ ހަ މިނެޓް ފަހުން އެލެކްސެންޑްރާ އީސާކްގެ ހިތްގައިމު ގޯލަކާއެކު ރެއާލް ސޮސިއެދާދު ނަތީޖާ ހަމަހަމަކުރިއެވެ.

ފުރަތަމަ ހާފު ނިމުނީ ހަމަހަމަ ނަތީޖާއެއްގައި އޮވެގެން ނަމަވެސް ދެވަނަ ހާފަށް ނުކުމެ ބާސާއިން ކުޅުން ރަނގަޅުކޮށް މެޗު ޑޮމިނޭޓް ކުރިއެވެ. ރަނގަޅު ޕާސްތަކެއް ޖަހައި އެޓޭކްތައް އުފައްދަން ފެށި ބާސާއިން މެޗުގެ 66 ވަނަ މިނެޓުގައި އަނެއްކާވެސް ލީޑު ނެގިއެވެ. އެ ގޯލަކީ އުސްމާން ޑެމްބޭލޭ ޖަހައިދިން ގޯލެކެވެ. އޭގެ ފަހުން ޖެހި ދެ ގޯލުގައިވެސް ބަދަލަކަށް ކުޅެން އެރި އަންސޫ ފާާޓީގެ ހިއްސާ ބޮޑެވެ.

މެޗުގައި ލެވަންޑޯސްކީ ޖެހި ދެވަނަ ގޯލަށް ފާޓީ އެސިސްޓް ކޮށްދިން އިރު، ހަތަރުވަނަ ގޯލު ޖެހީ ފާޓީއެވެ.

ނިމިދިޔަ ޓްރާންސްފާ ސީޒަނުގައި ބާސާއިން ގިނަ ޓްރާންސްފާތަކެއް ކޮށްފައިވާ އިރު، ރޭގެ މެޗުގެ ދެވަނަ ހާފުގައި ޓީމަށް އަލަށް ގެންދިޔަ ވިންގް، ބްރެޒިލްގެ ރަފީނިއާވެސް ފެނިފައިވެއެވެ. ނަމަވެސް ރަޖިސްޓްރީ ނުކުރެވޭތީ ރޭގެ މެޗަށްވެސް ޑިފެންޑަރު ޖޫލްސް ކޫންޑޭ ނެރެފައެއް ނުވެއެވެ.

ބާސާއަށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެފައި ވަނީ ކްލަބުގެ މާލީ ހާލަތު ގޯސްވުމުންނެވެ. ލަލީގާއިން ކަނޑައަޅާފައި އޮނިގަނޑަށް ކްލަބުގެ މުސާރަ ސްޓްރަކްޗާ ފެއްތުމަށް ބާސާއިން މިހާތަނަށްވެސް އެކިއެކި ފައިނޭންޝިއަލް ލެވަރޭޖްތައް ބޭނުން ކޮށްފައިވާ އިރު، ބެލެވޭ ގޮތުގައި ކޫންޑޭ ރަޖިސްޓްރީ ކުރުމަށްވެސް ޑީލްއެއްގެ ބޭނުންކުރާނެއެވެ.