މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ އެމްޑީޕީގެ ކޮންގްރެސް ވަރަށްވެސް ކާމިޔާބު ކަމަށާއި ޕާޓީގެ އެއްބައިވަންތަކަން ކުރިއަށް ވުރެ އިތުރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސް މިރޭ ނިންމާލުމާއެކު ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކޮންގްރެސް ވަރަށްވެސް ކާމިޔާބު ކަމަށާއި ކޮންގްރެސްގައި އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވި އެއް ހައްލު ހޯދިފައިވާ ކަމަށެވެ.
"އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާއިރު، ޕާޓީގެ އަމާޒަށް ވާސިލުވުމުގައި ފެންނަނީ ކުރިއަށްވުރެވެސް ބޮޑަށް އަޒުމް ވަރުގަދަކޮށް، އެއްބައިވަންތަކޮށް،" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި އެންމެ ބޮޑު ހިޔާލުފާޅުކުރުމަކަށްވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހެޅުއްވި ގަރާރެވެ. މިއަދު އެކަމާ ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ފައްޔާޒް ވަކިން ކުރެއްވި މަޝްވަރާތަކަށްފަހު، ރައީސް ނަޝީދު ވަނީ އެ ގަރާރު އަނބުރާ ނަންގަވައިފައެވެ.
ކޮންގްރެސްގައި މިއަދު ހަވީރު ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސިޔާސީ ލީޑަރުންގެ ގޮތުގައި ތިއްބަވާއިރު ހިޔާލުތަފާތުވުން ހުންނާނެ ކަމަށެވެ. އަދި ސިޔާސީ ލީޑަރުން އަމިއްލަފުޅަށް ބޭނުންވާ ކަންކަން ވެސް ހުންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކޮންމެ މީހަކު ތަފާތު ވިސްނުންތަކާ ތަފާތު ފިކުރުތަކެއް ހުންނާނެ ބައެއް. އަދި ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކެއް ހުރޭ، އަމިއްލަޔަށް ބޭނުންވާ ކަންތައްތަކެއް ވެސް ހުރޭ. އެހެން ނަމަވެސް މި ހުރިހާކަމެއް އެއްކިބާކޮށް އަޅުގަނޑުމެން ޕާޓީއާއެކީގަ މިގައުމާއެކީގެ ކުރިއަށްދާން ތިބިކަން މިއަދު ވެސް މިތަނުން ހާމަވެގެން މިދިޔައީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ނިމިގެން މިދިޔައީ ވަރަށް ފުރިހަމަ ކޮންގްރެސްއެއް ކަމަށާއި ކޮންގްރެސްގައި ބައިވެރިވި 1،200 އެއްހާ ކޮންގްރެސްމަނުން މިއަދު ސޯޝަލް ސެންޓަރުން ނުކުމެވަޑައިގަންނަވަނީ ވަރަށް އުފަލުން ކަމަށެވެ. އެމްޑީޕީން ދެން މަސައްކަތްކުރަންވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ ނޫން ބަޔަކަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު