ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު, އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ނަންގަވަން ނިންމަވައިފިއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ އެމްޑީޕީގެ ކޮންގްރެސްގައި މިއަދު ހަވީރު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ގަރާރު ހުށަހެޅުއްވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކުރައްވާފައިވާ ކަމަށާއި އަދި އެ މަޝްރާގައި ނިންމަވާފައިވަނީ ބަރުލަމާނީ ނިޒާމުގެ މަޝްވަރާތައް އަދި އިތުރަށް ކުރިޔަށް ގެންދިއުމަށް ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ދެކޭގޮތުގަ މިހާރު މި ގަރާރު މިތަނުގައި މިއޮތް ގޮތަށް އިހަށް ބާއްވައި އަޅުގަނޑުމެން މިއާ ދޭތެރޭގައި ބަހުސްނުކޮށް އަދި ރައީސުލްޖުމްހޫރިއްޔާ އާއި އަދި ތި ހުރިހާ ބޭފުޅުންނާއެކު މަޝްވަރާކޮށްގެން އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން އެންމަނަށް ރަނގަޅު ގޮތެއް، އެންމަނަށް ގަބޫލުވޭ ގޮތެއް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،" ނަޝީދު ވިދާޅުވިއެވެ.
އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ނުދެއްވައި ނަޝީދު ވަނީ ވާހަކަފުޅު ނިންމާލައްވައިފައެވެ.
ބަރުލަމާނީ ގަރާރު ނަޝީދު އަނބުރާ ގެންދެވިއިރު ކޮންގްރެސްގެ ބައްދަލުވުމުގެ ތެރެއިން މިއަދު ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައި ބަރުލަމާނީގެ މަޝްވަރާ ކުރައްވައިފައެވެ.
ގަރާރު އަނބުރާ ގެންދިޔުމަށް ނިންމާފައިވާކަން މިއަދު ނަޝީދު ހާމަކުރެއްވީ އެ ބައްދަލުވުމަށްފަހުއެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާއެކު އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓަށް އެހުމާއި ބޮޑުވަޒީރަކު ހުންނަގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށެވެ.
ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އެ އިސްލާހުތައް ގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން، ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް، ސާފު ސާދާ މުތުލަގު ބާރުތަކަކާއެކު ސަރުކާރު ހިންގުމަށް އެއް ޕާޓީއަށް އާދެވުމަކީ ނާދިރުކަމަކަށްވުން ހިމެނެއެވެ.
އަދި ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް މިހާރު ރޭވިފައި އޮތް ގޮތުން، ސަރުކާރުގެ އެންމެ އިސް ފަރާތް (ރައީސުލްޖުމްހޫރިއްޔާ) ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، އެމްޑީޕީން އެހެން ޕާޓީތަކާއެކު އިއްތިހާދުވުމުން، ސަރުކާރު ހިންގުން ގަޑުބަޑުވެ، އެ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ނުދެވި ސަރުކާރާ މެދު ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު ކުޑަވަމުންދިޔުން ވެސް ފާހަގަ ކުރައްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު