ޚަބަރު

އެކްސްކްލޫސިވް: ނިޒާމީ ވޯޓު ނުނެގިޔަސް 47000 މެންބަރުންގެ ވޯޓު ނުގެއްލޭނެކަމަށް ވިދާޅުވެ ރައީސްގެ ރައްދު ނަޝީދަށް

އަލީ ޔާމިން

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް އާއްމު ވޯޓެއް ނަގަން ފާސް ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގރެސްއަށް ހުށަހަޅާފައިވާ ހުށަހެޅުން ފާސްކޮށް، އެކަމާބެހޭ ވޯޓު ނުބާއްވައިފިނަމަ ސަރުކާރަށް ގެއްލޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެމްޑީޕީ މެންބަރުންގެ 47،000 ވޯޓު ގެއްލޭނެ ކަމށް ގަބޫލު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދޅާުވެްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ ކޮންގެސްގެ މިއަދު މެންދުރު ކުރީގެ ދަންފަޅީގެ ހަވާސާގައި، ވަން އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް، ރައީސް ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅުއްވި ގަރާރަށް ތާއީދު ނުކުރައްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެން، މިހާރު ވެރިކަންކުރަމުން އަންނަ ރިޔާސީ ނިޒާމާމެދު އެމްޑީޕީގެ 42 ޕަސެންޓު މެންބަރުން ހިތްހަމަނުޖެހޭ ކަމަށާއި، އެހެންކަމުން ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނުބާއްވައިފިނަމަ އެ 42 ޕަސަންޓް މީހުން ވޯޓު ލާނީ އެމްޑީޕީއާ ވާދަވެރި ޕާޓީތަކަށް ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ 42 ޕަސެންޓް ވޯޓު ކަމަށެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުތަކުގައި އަބަދު ވެސް 12 ޕަސެންޓު ވޯޓު ހޯދާ ކަމަށާއި އަދާލަތު ޕާޓީއަށް ހަ ޕަސަންޓު މީހުން ވޯޓު ދޭ ކަމަށެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 48 ޕަސަންޓް ކަމަށާއި އެއީ 112،000 މީހުންގެ ވޯޓް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އަބަދުވެސް ހިސާބު ޖަހަނީ ސިޔާސީ ހަގީގަތަށް ބަލައިގެން. އަޅުގަނޑު ދެކޭ ގޮތުގައި އޮނިގަނޑުގެ ބަދަލާއި ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 42 ޕަސެންޓް މެންބަރުން ސަރުކާރަކަށް ވޯޓެއް ނުދޭނެ. އެއީ 47،000 މީހުން. އެއްކަލަ 112،000 މީހުން މި 47،000 ނެގީމަ ބާކީ ސަރުކާރަށް އޮތީ 65،000 ވޯޓް. އެއީ ޖުމުލަ ވޯޓްލާ މީހުންގެ 27 ޕަސެންޓް ވޯޓް" ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރައީސް ނަޝީދު އެހެން ވިދާޅުވި ނަމަވެސް، "އަޅުގަނޑަކަށް ނުފެނޭ އެވަރު މަދުވެގެންދާނެކަމަކަށް، އެހެންނެއް ނޫން ކޮންމެ ކެންޑިޑޭޓަކާ ދޭތެރޭގައި ވެސް، ކޮންމެ މީހަކާ ދޭތެރޭގައިވެސް ހުންނާނެ ހިތްހަމަނުޖެހުން، ހިތްހަމަނުޖެހޭ ބަޔަކު ތިބޭނެ ޕާޓީ ތެރޭގައިވެސް، އެގޮތުން އަޅުގަނޑު ނުކުތަސް އަދި އެހެން ބޭފުޅަކު ނިކުތަސް ވޯޓު ނުދޭނެ ބަޔަކު ތިބެދާނެ،" ކަމަަށެވެ.

ނަމަވެސް ރައީސް ނަޝީދު އެ ވިދާޅުވާ އަދަދަކީ ޕާޓީގެ ކެންޑިޑޭޓާ އިދިކޮޅަށް ޕާޓީ ތެރޭން ނިކުންނާނެ އަދަދެއް ނޫން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމާ ބެހޭގޮތުން ރައީސް ނަޝީދު ހުށަހަޅުއްވައިފައިވާ ގަރާރާބެހޭގޮތުން އެއްބަސްވުމަކަށް އައުމަށްޓަކައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އިއްޔެއާއި މިއަދުވެސް މަޝްވަރާ ކުރިއަށް ގެންދެވި ނަމަވެސް އަދިވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އެދިވަޑައިގަންނަވަނީ އެންމެނަށް އެއްބަސްވެވޭކަހަލަ ގޮތަކަށް އެކަން ހައްލުވެ ނިމިގެންދިއުން ކަމަށާއި އެހެން ނޫންނަމަ ހިޔާލު ތަފާތުވުންތައް އުފެދޭނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.