އިޓަލިއަން ސެރެއާ އޭގެ މި ސީޒަނުގައި އިންޓަ މިލާނުން ކުޅުނު ދެވަނަ މެޗުގައި ޕެޒިއާ ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި އިންޓައިން ޕެޒިއާ ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައި އިންޓަ ކުޅުނު ދެ މެޗުންވެސް އެ ޓީމު މޮޅުވެފައިވާ އިރު، ޖުމުލަ ހަ ޕޮއިންޓާއެކު މިވަގުތު އެ ޓީމު އޮތީވެސް ލީގު ތާވަލުގެ އެއްވަނައިގައެވެ. މިދިޔަ އަހަރުގެ ލީގު ޗެމްޕިއަންކަން އޭސީ މިލާނުން ނެގި އިރު، އިންޓަ ނިންމާލީ ދެވަނަ މާގަމުގައެވެ. އޭގެ ކުރިން އަހަރު ލަލީގާ ނެގި އިންޓައިން މި ސީޒަނަށް ނުކުތީ އަނެއްކާވެސް ލަލީގާއަށް ވާދަކުރުމަށެވެ.
މި ސީޒަނަށް ތައްޔާރުވުމަށް ކުރިން އެ ޓީމާއެކު ތަށި ހޯދި ފޯވަޑް ރޮމެލޫ ލުކާކޫ އަނބުރާ ކްލަބަށް ގެންގޮސްފައިވާ އިރު، ޗެލްސީގައި އެދެވޭ ކުޅުމެއް ނުދެއްކި، މި ސީޒަނަށް ލުކާކޫ އިންޓައަށް ދިޔައީ ލޯން އެއްބަސްވުމެއްގައެވެ. ލުކާކޫ ލޯނަށް އެނބުރި އިންޓައަށް ގޮސް، ސީޒަންގެ ފުރަތަމަ މެޗުގައި ގޯލު ޖަހާފައިވެސްވެއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އިންޓައިން ލީޑު ނެގީ އެ ޓީމުގެ ނުރައްކާތެރި ފޯވަޑްލައިން، ލޫކާކޫއާއި ލައުޓަރޯ މާޓިނޭޒްގެ ރަނގަޅު ކޮންބިނޭޝަކާ އެކުގައެވެ. މެޗުގެ 35 ވަނަ މިނެޓުގައި ލުކާކޫ ބޮލުން ޖައްސާލި ބޯޅަ މާޓިނޭޒް ގޯލަށް ވައްދާލީ އޭރިއާ ބޭރުންނެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ލުކާކޫ ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވިއެވެ.
ދެވަނަ ހާފުގައި އިންޓަގެ އަނެއް ދެ ގޯލު ޖަހައިދިނީ ހަކާން ޗަލަނޯލޫގެ އިތުރުން ޖޯކުއިން ކޮރެއާއެވެ. ކޮރެއާ މެޗުގައި ޖެހި ގޯލަކީ އެޑިން ޒެކޯގެ ޕާހަކުން އޭނާ ޖެހި ގޯލެކެވެ.