ޚަބަރު

ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ހިޔާލުތަފާތުވުންތަކަށް ހައްލު ހޯދައި އެކަތިގަނޑަކަށް ވާންޖެހޭ: ރައީސް

ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރާ ގުޅިގެން، އުފެދިފައިވާ ދެބަސްވުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ހަތާވީސް އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ބަރުލަމާނީ ގަރާރާ ގުޅިގެން އެމްޑީޕީ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައި އޮތް ނަމަވެސް، ޕާޓީއަށް ކުރިއަށް ދެވޭނެ ކަމަށެވެ. އަދި ކޮންމެ ލީޑަރަކު ވެސް ގައުމުގެ މުސްތަގުބަލާއި ޕާޓީގެ މުސްތަގުބަލަށް ވިސްނަންޖެހޭ ކަމަށާއި އެއަށްފަހުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ގޮތެއް ނިންމަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރަނގަޅު ޑިބޭޓެއް އެކަމުގައި މާދަމާ ދާނެ. ކޮންމެ ގޮތެއް ވިޔަސް، ރައީސް ނަޝީދު އެއޮތީ ވަކިގޮތެއް އިއުލާން ކުރައްވާފައި. އަޅުގަނޑަށް ފެންނަ ގޮތް އެ އޮތީ އިއުލާންކޮށްފައި. ދެން އޮންނާނީ ހައްލު ހޯދުން. އަޅުގަނޑުމެން ކޮންމެ ލީޑަރަކު ކޮންމެ މީހަކު ވިސްނަންވާނެ، ގައުމުގެ މުސްތަގުބަލަށް ޕާޓީގެ މުސްތަގުބަލަށް އެއަށްފަހުގައި އަޅުގަނޑުމެން ގޮތެއް ނިންމަންވާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންގްރެސް އިން ފެނިގެންދަނީ އެ ޕާޓީން ޑިމޮކްރަޓިކް އުސޫލުތައް ގަބޫލުކުރާ މިންވަރު ކަމަށާއި ހިޔާލުތަފާތުވުންތަކާ އެކުވެސް އެމްޑީޕީއަށް ކުރިއަށް ދެވޭނެ މަންޒަރު ކަމަށެވެ. އަދި ކޮންގްރެސްގެ ތެރެއިން ހިޔާލު ތަފާތުވުންތަކަށް ހައްލު ހޯދަން ޖެހޭ ކަމަށާއި އެގޮތުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަކީ ހައްލު ނުހޯދޭނެ ކަމެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރުވެސް ޕާޓީގެ ހުރިހާ މެމްބަރުންގެ ވިސްނުން އެއް ދިމާލަކަށް ގެންދިއުމަށް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.