"މިޑްގަޓް ވޮލްވިއުސް"އޭ ބުނުމުން މިއީ ކިހިނެއްވާ ބައްޔެއްކަން ނޭނގިދާނެއެވެ. މިއީ ގޮހޮރުގެ އާދަޔާހިލާފު ހާލަތެކެވެ. ދަރިފުޅު ބަނޑުގައި ހެދި ތަރައްގީވަމުން ދާއިރު ދިމާވާ ކަމެކެވެ. މިއީ މެލްރޮޓޭޝަންގެ ސަބަބުން ގޮހޮރަށް ދިމާވާ ހާލަތެކެވެ. (ގޮހޮރު ޓްވިސްޓްވުން، ގޮހޮރު އެނބުރިގޮށްޖެހޭ ގޮތްވުމެވެ.) އަދި މިއީ ނުރައްކާ މައްސަލައެއްވެސްމެއެވެ. "މިޑްގަޓް ވޮލްވިއުސް"ގެ އަލާމާތްތަކުގެ ތެރޭގައި މެދުކެނޑުމެއްނެތި ބަނޑުގައި ރިއްސުމާއި މެދުކެނޑުމެއްނެތި ހޮޑުލެވުން ހިމެނޭއިރު، ބަނޑު ބޮޑުވެފައި ހުރުން، ރިހުން، ހޮޑުލުން، ބަނޑުހައިވުން، އަދި ވަރަށް ގިނައިން ބޮޑުކަމުދިއުން ފަދަ އަލާމާތްތައް ވެސް ހިމެނެއެވެ. މިދަތި އުނދަގޫ ހާލަތު ތަހައްމަލު ކުރަމުން އަންނަ ހަމައެންމެ ދޮޅުއަހަރުގެ ތުއްތު ތުއްތު ކައިވް ގުރައިޝްއަކީ ސީސެކްޝަނެއް ހަދައިގެން އަށްމަހުގައި ނަގަން ޖެހުނު ކުއްޖެކެވެ. ދަރިފުޅަކު ބަލިވުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްވެސް ނިދިން މަހުރޫމުކޮށްލައި، ރޭދުވާ ކަންބޮޑުވުމުގެ ތެރޭ ހޭދަކުރަން ޖެހޭ ކަމެކެވެ. އަދި މިފަދަ ހާލަތެއްގައި ދަރިފުޅަކު އޮންނައިރު އެއީ މަންމައާއި ބައްޕަގެ ގައިގައި އަޅާ ވޭނަކަށް ވާފަދަ ކަމެކެވެ. މިތުއްތު ދަރިފުޅުގެ މަންމައާއި ބައްޕަ ތިބީ ހަދާނެ ގޮތް ހުސްވެފައެވެ.

އައިޖީއެމްއެޗްގެ އެނދެއްގައި ދަރިފުޅު ބާއްވައިގެން މިދެމަފިރިން އުއްމީދުގެ ކަނިލަމުން އަންނަ ހުޅުކޮޅު ނިވުނަނުދީ އެކަކު އަނެކަކަށް ހިތްވަރު ދިނުމުގައި ދުވަސް ގުނަމުން އަންނަތާ ދެހަފުތާ ވަނީއެވެ. އަދިވެސް ތިބީ އައިޖީއެމްއެޗުގައެވެ. މިހާރުދެން ފުރައިގެން ދެވޭ ވަރުވީހާ އަވަހަށް ދަރިފުޅަށް ފަރުވާ ދިނުމަށް ފުރުމަށް އެެމީހުން އެތިބީ ތައްޔާރަށެވެ.

ހދ.ނޮޅިވަރަމަށް އުފަން ގުރައިޝް އަބްދުއްރައްޒާގާއި ނ.ވެލިދުއަށް އުފަން ނިޝްރީނަށް ލިބުނު ފުރަތަމަ ދަރިފުޅު ކައިވް ގުރައިޝް ސީސެކްޝަނެއް ހަދާފައި 22 ނޮވެމްބަރ 2020ގައި، ރ.އުނގޫފާރު ހޮސްޕިޓަލުގެ އެންއައިސީޔޫގައި ބޭއްވި ދުވަހުން ފެށިގެން ވެސް ކުއްޖާ އައީ މިބަލީގެ އަލާމާތްތައް ތަހައްމަލު ކުރަމުންނެވެ. އޭގެ ފަހުން މިހާރު ދިރިއުޅެމުން އަންނަ ރަށް ހދ.ނޮޅިވަރަމަށް ބަދަލުވިފަހުން އަބަދުހެން އުޅޭން ޖެހުނީ ދަރިފުޅު ބަލިވާތީ އެކިގޮޮތްގޮތަށް ފަރުވާ ދިނުމުގައެވެ. އަދި މިތުއްތު ދަރިފުޅު އޭރުއްސުރެ މިވަގުތާ ހަމައަށްވެސް އަންނަނީ މިބަލީގެ ވޭން ތަހައްމަލު ކުރަމުންނެވެ.

"ވަން"އަށް ދަރިފުޅުގެ ބައްޔާއި އަދި މިހިސާބަށް ދަތުރު ކުރި ގޮތުގެ ވާހަކަ ދަރިފުޅުގެ މަންމައާއި ބައްޕަ ހިއްސާ ކުރީ އަސަރާއި ވޭނާއެކުގައެވެ. ބުއްދޭ ކޮންމެ ފަހަރަކުހެން ހޮޑުލުން އާއްމުވުމުން އެކަމާ ކަންބޮޑުވެ އެވާހަކަ ޑޮކްޓަރުންނާ ހިއްސާ ކުރުމުން ހެދި އެކްސްރޭ އިން ޑޮކްޓަރު އެންމެ ފުރަތަމަވެސް "މިޑްގަޓް ވޮލްވިއުސް"އަށް ޑައިގްނޯސް ކުރިއެވެ. އަދި އިމަޖެންސީކޮށް މާލެ ފޮނުވާލިއެވެ. 24 ނޮވެމްބަރުގައި ދަރިފުޅު ގޮވައިގެން އެމީހުން ތިބީ މާލޭގައެވެ. މާލެ ގެނައި ގޮތަށްވެސް ޖެހުނީ ދަރިފުޅު އެންއައިސީޔޫއަށް ލާށެވެ. ދަރިފުޅުގެ ބަލި ދެނެގަންނަން އައިޖީއެމްއެޗުގައި އެތައް ދުވަހެއް ނެގިއެވެ. އެތައް ފަހަރަކު އަލްޓްރާސައުންޑު ސްކޭން ހަދައި، އެކްސްރޭ ނަގައި ހަދަން ޖެހުނެވެ. އެއްރެޔަކު އެންއައިސީޔޫ އިން ގުޅާފައި ސްކޭނުން 'މިޑްގަޓް ވޮލްވިއުސް'ގެ މައްސަލަ ފެނުނު ވާހަކަ ބުނުމަށްފަހު ވަގުތުން ސީޓީ ސްކޭނެއް ހަދައި އިތުރަށްވެސް ޔަގީންކޮށްފައި، ވީހާވެސް އަވަހަށް ސާޖަރީ ހެދުމަށް އެންގިއެވެ. އެއީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހެވެ.

އޭގެ ފަހުން ހުރިހާ ކަމެއްވެސް ރަނގަޅުކަމަށް ބުނުމުން ދައްކަން ޖެހޭ ދުވަހު ދައްކާފައި އެނބުރި ރަށަށް ދިޔައީއެވެ. ރަށަށް ދިޔަތާ ދެހަފުތާ ފަހުން އަނެއްކާވެސް ދަރިފުޅު ހޮޑުލެވޭތީ، އޮންލައިންކޮށް ޑޮކްޓަރަށް ދެއްކިކަމަށް ނިޝްރީނު ބުންޏެވެ. ޑޮކްޓަރު އިލްތިމާސް ކުރީ ވީހާވެެސް އަވަހަށް މާލެ ދިއުމަށެވެ. އެހެންކަމުން އެންމެ އަވަހަށް އާދެވުނު ގޮތަކަށް މާލެ އައިސް ޑޮކްޓަރު ލަފާދިން ގޮތަށް އެއްމަސް ދުވަހު އޮބްޒަވޭޝަނުގައި ބޭއްވީއެވެ. ނަމަވެސް 10 ވަރަކަށް ދުވަސްވީއިރުވެސް އެއްވެސް ކަހަލަ ކުރި އެރުމެއް ނުފެނުމުން، ދަރިފުޅު އެހެން ހޮސްޕިޓަލަކަށް ދެއްކުމަށް ދަރިފުޅު ޑިސްޗާޖް ކޮށްދިނުމަށްވެސް ނިސްރީނުމެން އެދުނެވެ. 10 ދުވަސްވީއިރުވެސް ހޮޑުލުން ނުހުއްޓި ހޮޑުލާތީވެ، އީވް ކުލިނިކުން ކުޑަކުދިންގެ ޑޮކްޓަރަކަށް ދެއްކުމުން އެ ޑޮކްޓަރު ދެއްވި ބޭހަކުން ދަރިފުޅުގެ ހޮޑުލުން މަނާކުރެވުނެވެ. އެހެންކަމުން އަނެއްކާވެސް އެނބުރި ރަށަށް ދިޔައީ ކަމަށް ނިޝްރީނު ކިޔައިދިނެވެ.

ރަށަށް ދިޔަފަހުން، ދޭތެރެއަކުން ހޮޑުލައި ބޭރަށް ހިންގާ ގޮތްވާތީވެ ރަށުން ޑޮކްޓަރަށް ދެއްކުމުން ދިން ބޭހުން ހޮޑުލުމާއި ބޭރަށް ހިންގުން ރަނގަޅުވުމުން ނިޝްރީނުވެސް އަދި ގުރައިޝްވެސް ހީކުރީ ވައިރަލް ރޯގާއެއް ޖެހިފައި ރަނގަޅުވީީ ކަމަށެވެ. އެހެންކަމުން ހަމަ އާދައިގެ އާއްމު ހާލަތަކަށް ރުޖޫއަވެ ދިރިއުޅެމުން ދިޔައިރު، މާލެ އާދެވޭ ފަހަރެއްނަމަ ކުޑަކުދިންގެ ޑޮކްޓަރަކަށް ދައްކައި ރަނގަޅުތޯ ދައްކަމުން ދިޔައީ އަބަދުހެން ދަރިފުޅު ބަލިވާތީއެވެ.

މިގޮތަށް ދިރިއުޅުން ކުރިއަށް ގެންދަނިކޮށް މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ދަރިފުޅު ބޭރަށް ހިންގަން ފަށައިފިއެވެ. ރަށުން ޑޮކްޓަރަށް ދައްކައިގެންވެސް ހައްލެއް ނުލިބިގެން ކުޅުދުއްފުށްޓަށް ގެންގޮސް އެރަށު ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކައި ބޭސްލިބުމުން އަނެއްކާވެސް އެނބުރި ރަށަށް ދިޔައީއެވެ. އެހެންނަމަވެސް ނިޝްރީނުގެ ހިތެއް ހަމައެއް ނުޖެހުނެވެ. ދަރިފުޅު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ނުދައްކައި މައިލަގޮނޑި ހަމައެއް ނުޖެހުނެވެ. އެހެންކަމުން އަނެއް ދުވަހު އެޕޮއިންޓްމަންޓް ހައްދައިިގެން އަނެއްކާވެސް ކުޅުދުއްފުށްޓަށް ދިޔައީއެވެ. އެހިސާބުން ޑޮކްޓަރު އެ އިލްތިމާސް ކުރީ އޮޕަރޭޝަން ޑޮކްޓަރަކަށް ދެއްކުމަށެވެ. އެހެންވެ އޮޕަރޭޝަން ޑޮކްޓަރަށް ދެއްކުމުން އައިޖީއެމްގެ އޮޕްރޭޝަން ޑޮކްޓަރަށް ގުޅައި، އޭރުގެ ހާލަތު ކިޔަދިނުމުން އެ ޑޮކްޓަރު ލަފާދިނީ ސްކޭނެއް ހެދުމަށެވެ.

އަލްޓްރާ ސައުންޑު ސްކޭނެއް ހެދުމަށްފަހު ކުޅުދުއްފުށިންވެސް ނިންމީ 'މިޑްގަޓް ވޮލްވިއުސް'ގެ ކަމެއް ކަމަށެވެ. އެކޮޅުން އިމަޖެންސީކޮށް މިހިނގާ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ސީޓީ ސްކޭނެއް ހެދުމަށްފަހު އެޔަށްވުރެންވެސް ބޮޑަށް ޔަގީން ކުރުމަށް އޮޕަރޭޝަން ޑޮކްޓަރު އިލްތިމާސް ކުރީ އިމަޖެންސީކޮށް މާލެ ފޮނުވާލުމަށެވެ. މާލެ އައިސް ވާހަކަދެއްކި އޮޕަރޭޝަން ޑޮކްޓަރު ބުނީ ލެޕްރޮސްކޯޕީއެއް ހަދައިލެވޭނެކަމަށެވެ. ދަރިފުޅުގެ ފޫޅު ކައިރިން ކަފާލައިގެން، މިމަހުގެ 8ވަނަ ދުވަހުގެ ރޭ ހެދި ލެޕްރޮސްކޯޕީއިން އެއްވެސް ކަހަލަ މައްސަލައެއް ނުފެނުނު ކަމަށް ރިޕޯޓް ދިނުމުން، އެދެމަފިރިންނަކަށް އިތުރަށް ޑޮކްޓަރުންނާ ސުވާލުނުކޮށް 'އެޅިހާ ބަތަކަށް ރިހަ'ވެގެން ނުތިބެވުނެވެ.

އެހެންކަމުން ދަރިފުޅު ހަމަ އެއްވެސް ކަމެއް، މައްސަލައެއް ނެތްކަމަށް ވަންޏާ ދަރިފުޅަށް އެހެން އެގޮތަށް ގޮތްގޮތްވެ، ބަލިވާން ޖެހޭ ސަބަބެއް ކޮބައިކަން ނޭނގޭންވީ ކީއްވެގެންތޯ ސުވާލު ކުރީއެވެ. އެހިސާބުން ކުޑަކުދިންގެ ވޯޑުގައި ކައިވް އެޑްމިޓް ކުރެވިއްޖެއެވެ. ބަރާބަރަށް އެންޓިބައޮޓިކްސް ޑޯޒް އިންޖެކްޝަނުން ދޭން ފެށުނެވެ. ބޭރަށް ހިންގުން އަދި ހޮޑުލުމަށް ބޭސް ދެމުން ދިޔައިރުވެސް ހޮޑުލުމެއް ނުހުއްޓެއެވެ. ހޮޑުލެވުމަށް އިންޖެކްޝަން ދިނުމުންވެސް ހޮޑުލުން ނުހުއްޓުނެވެ. ދެން ޑޮކްޓަރުންނަށް ދެމަފިރިން ހުށަހެޅީ މައިންބަފައިންގެ އަމިއްލަ އެދުމަށް ސްކޭނެއް ހަދައިދިނުމަށެވެ.

އެހެންނަމަވެސް ޑޮކްޓަރުންގެ ބަހަކަށްވީ ލެޕްރޮސްކޯޕީ ހަދައިގެން ބެލުމުން ޔަގީންވާނެ ކަމަށެވެ. އަދި ފޮޓޯގަނޑަކުން ބެލުންތޯ ރަނގަޅީ ނޫނީ ހުޅުވާފައި ބެލުންތޯ ރަނގަޅީ ސުވާލު ކުރެވުނެވެ. ހުޅުވައިގެން ބެލުމުން ޔަގީންވާނެ ކަން ނިޝްރީނުވެސް އަދި ގުރައިޝްވެސް ގަބޫލުކުރެއެވެ. އެހެންނަމަވެސް ދަރިފުޅަށް އަންނަމުންދާ ބަދަލުތަކުން ކަނޑައެޅިގެން ދަރިފުޅު ރަނގަޅު ނޫންކަން އެމީހުންނަށް ޔަގީންކުރަން އެނގެއެވެ. ހުން އައިސް އަބަދު ރޮވޭ ވަރުން އެމީހުންގެ ހިތްފަޅަފަޅައިގެން ދާ ވަރުވަނީއެވެ. އެންމެފަހުން އެއްރެޔަކު ޑޮކްޓަރުން އައިސް އެކްސްރޭ ހަދާނެ ވާހަކަ އެންގިއެވެ. އެކްސްރޭއަށްފަހު އަނެއްކާވެސް އަނެއް ސީޓީ ސްކޭން ހެދުމަށް އެންގުނެވެ. އެރޭ ދަންވަރު ސީޓީ ސްކޭން ހެދުމަށްފަހު ހަމަ އެރޭ އޮޕަރޭޝަން ކުރުމަށް އެންގިއެވެ. އެހެންނަމަވެސް މިފަހަރު ޑޮކްޓަރުން ލަފާދިނީ ރާއްޖެއިން ބޭރަށް ފޮނުވާލުމަށެވެ.

އަމިއްލައަށް ހަރަދުުކޮށްގެން ދަރިފުޅުގެ ބޭސްފަރުވާއަށް ފުރައިގެން ދެވޭނެ ތަނަވަސްކަން ހުރިނަމަ މިހާރު އެމީހުން އެގޮތަށް ދަރިފުޅުގެ ގައިގައި އަޅަމުންދާ ވޭން ބަލައިގެނެެއް ނުތިބޭނެއެވެ. އަދިވެސް މިވަގުތުވެސް އައިޖީއެމްއެޗުގެ އެނދެއްގައި ދަރިފުޅު ބާއްވައިގެން ފުރައިގެން ދެވޭނެ މަގެއް ފަހިވެގެން ދަރިފުޅަށް ފަރުވާ ދިނުމަށް ފަރުވާ ލިބެން އޮތްހިސާބަކަށް ދެވޭނެ މަގެއް ފެނުމަށް އެދިއެދި މިދެމަފިރިން އެބަތިއްބެވެ. ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް "ވަން" މެދުވެރިކޮށް ތުއްތު ދަރިފުޅަށް ފަރުވާއެއް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް އެދުނެވެ. މިފަރާތަށް އެހީވުމަށް ފަންޑު ކުރެއްވުމަށް ބޭނުންވާ މައުލޫމާތުތައް ތިރީގައި އެވަނީއެވެ. "ވަން"އިން އެދެނީ މިތުއްތު ތުއްތު ކުއްޖާއަށް ވަރަށްވެސް އަވަސް ޝިފާއެއް ލިބިގެންދިއުމެވެ.

  • ( 7770000007920) BML (MVR)
  • ގުރައިޝް އަބްދުއްރައްޒާގު
  • (7770000040754) (USD)
  • ގުރައިޝް އަބްދުއްރައްޒާގު
  • 7493007 ކައިވްގެ ބައްޕަ ގުރައިޝް
  • 9524912 ކައިވްގެ މަންމަ ނިޝްރީނު