ދައުލަތުގެ ދަރަނި އަދާކުރެވޭނެ މިންވަރަށް ރިޒާވުގައި މިހާރު ފައިސާ ނެތްކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ޔާމީންއާ ހަވާލުކުރުމަށް އެ ކޯލިޝަނުން ކާނިވަލުގައި ރޭ ބޭއްވި "ހަވާލޭވަތަން" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ދައުލަތުގެ ދަރަނި ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައިވާ އިރު، މި ސަރުކާރުން ރާއްޖޭގެ އިގުތިސޯދު ރަނގަޅުކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

ވޯލްޑް ބޭންކުން ނެރުނު މޯލްޑިވްސް އެކްސްޕެންޑިޗާ ރިވިއު ރިޕޯޓާ ހަވާލާދެއްވައި ޔާމީން ވިދާޅުވީ، ދައުލަތުގެ ޖުމުލަ ދަރަންޏަކީ 6.1 ބިލިއަން ޑޮލަރު ކަމަށާއި އޭގެ ތެރެއިން 5.2 ބިލިއަން ޑޮލަރަކީ ސީދާ ސަރުކާރުގެ ދަރަނި ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދު ނާޒުކު ހާލަތެއްގައި މިހާރު އޮތް އިރު، އެހާ ބޮޑު އަދަދެއްގެ ދަރަންޏެއް ދެއްކޭނެ ފައިސާއެއް ނެތް ކަމަށެވެ.

"އެމްއެމްއޭ އިން ނެޓް ރިޒާވް ނޫނީ އަތްލެވޭ ފައިސާ ޝާއިއުކުރުން ހުއްޓާލައިފި. ގްރޮސް ރިޒާވަކީ ދައުލަތުގެ ފައިސާއެއް ނޫން. ދައުލަތުގެ ނެޓް ރިޒާވްގައި މިހާރު ހުރީ 280 މިލިއަން ޑޮލަރު،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ، މި ސަރުކާރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ތަހުގީގު މަޑުޖައްސާލައި އެ ހިޔާނާތުގެ މުއާމަލާތްތައް ސިއްރުކުރާ ސަބަބު ހާމަވާނެ ކަމަށެވެ.

ސަރުކާރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ކަންކަން ސިއްރުކުރާ ސަބަބު ހޯދަން ޖެހޭ ކަމަށާއި އެ ހަގީގަތް ހާމަނުވާނެ ކަމަށް ސަރުކާރަށް ހީވިޔަސް އެއީ ކުށްހީއެއް ކަމަށެވެ. ޔާމީން ވިދާޅުވީ އެ ހިޔާނާތުގެ މައްސަލަ ސަރުކާރުން ސިއްރުކުރަނީ އެކަމުގެ މޭސްތިރިން ހިމާޔަތްކުރަން ކަމަށެވެ.

"ދިވެހިރާއްޖޭގައި މިވަރުގެ ކަމެއް ހިނގައިފިއްޔާ ބުއްދި ގޯސް މީހަކު ނޫނިއްޔާ ގަބޫލެއްނުކުރާނެ މިއީ ދާއިމަށް ސިއްރުވާނެ ބޮޑު ފޮށްޓަށް ލެވިފައި ތަޅުލާފައި އަމާނާތެއްކަމަށް. މީގެ ހަގީގަތް ނުކުންނާނެ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ އަދަދު 700 މިލިއަން ރުފިޔާއިން މައްޗަށް އަރާއިރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވަނީ އެއް މިލިއަން ޑޮލަރު ކަމަށެވެ. އެއް މިލިއަން ޑޮލަރަކީ މުޅި ހިޔާނާތުގެ އަދަދަށް ބަލާއިރު ކުޑަ އެއްޗެއް ކަމަށާއި އެހެންކަމުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ހަގީގީ މަންފާވި މީހުން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

ސަރުކާރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު ސިއްރުކޮށްގެން އުޅެނީ ކޮން ބޭފުޅުންގެ ނަންތަކެއް ހުރެގެންތޯ ވެސް ޔާމީން ސުވާލު އުފެއްދެވިއެވެ.

"މީގަ ކޮން ވާހަކައެއް ދެއްކިޔަ ނުދޭންބާ މިކަން މި ހާމަނުވެގެން މިއުޅެނީ. މި ފައިސާ ބެހިގެން މިއުޅެނީ ކޮންފަދަ ބޮޑުންގެ ކޮން ބަޔަކަށް ފައިސާ ބެހިގެންތޯ މިއުޅެނީ. ހަމަ ޔަގީނުން ވެސް އެނގޭ އެއްޗަކީ ކުދިކުދި އާދައިގެ މީހުންނަށް ފައިސާ ބެހިގެން އުޅޭކަމަށްވަންޏާ އާދައިގެ މީހުން ގަން ހިންގާކަށް ސަރުކާރުން ފަހަކަށް ނުޖެހޭނެ. އެހެންވީމާ ކޮބާތޯ މީގަ ސިއްރަކީ؟،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތަކަށް ފިޔަވަޅު އެޅުމުގައި މި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.